ޖުޑިޝަރީ މުވައްޒަފުން އިހުތިޖާޖު ކުރުމަށް ކަޅު ހެދުމުގައި އޮފީހަށް-
ޖުޑިޝަރީ މުވައްޒަފުން އިހުތިޖާޖު ކުރުމަށް ކަޅު ހެދުމުގައި އޮފީހަށް-
ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ގެއަށް ގެންދަންލިބޭ މުސާރަ ކުޑަވާތީ، ޝަރުޢީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.

މިކަމާ އިހުތިޖާޖު ކުރުމިގެ ގޮތުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓު، ޑުރަގު ކޯޓު އަދި ކްރިމިނަލް ކޯޓުގެ މުވައްޒަފުން މިއަދު އޮފީސްތަކަށް ދިޔައީ ކަޅު ހެދުމުގައެވެ.

ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ބޮޑުކުރި މުސާރަ ހޯދަން ހަފްތާއަކު 6 ދުވަހު ހެނދުނު 08:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން މައުލޫމާތު ދެއެވެ. އަދި ގިނައިރު މަސައްކަތް ކޮށްގެންވެސް މުސާރައިގެ ގޮތުގައި ގެއަށް ގެންދަން ލިބޭ އަދަދު ކުރިއަށްވުރެ މަދުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުވައްޒަފުންގެ ގްރޫޕެއްގައި މިވަގުތުވެސް މިކަމާ ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންދާ ކަމަށް "ރަސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން މި ޕެޓިޝަނުގައި މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރާ 500 މުވައްޒަފުން ވަނީ ސޮއި ކޮށްފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ މެޖިސްޓްރޭޓު ކޯޓުތަކުގެ މުވައްޒަފުން ވެސް ދަނީ މުސާރައަށް އައި މި ބަދަލާ ގުޅިގެން އިހުތިޖާޖު ކުރަމުންނެވެ.

މިކަމުގައި އިސްކޮށްއުޅޭ މުވައްޒަފުން ބުނެފައިވަނީ މިކަމަށް ޙައްލު ހޯދުމަށް ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލު ކުރާނެ ކަމަށާއި، މުސާރަ ބޮޑު ކުރުމުގައި ޝަރުޢީ ދާއިރާއާމެދު އިހުމާލު ވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް