މިހާރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް އަންނަ ބަދަލުތަކުގެ އަސްލަކީ ދައުލަތުގެ ބަޖެޓްތައް ރަނގަޅުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙް، މިއަދު ވިދާޅުވެއްޖެއެެވެ.

ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވީ އިދިކޮޅު ޕާޓީތައް ފުނޑުފުނޑުވެ، އެ ޕާޓީތަކުގެ ވެރިންނާއި އިސް ފަރާތްތައް އިސްތިއުފާ ދެމުންދަނީ ބަޖެޓުތައް ރަނގަޅުވީމާ ކަމަށެވެ. ފަލާޙު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގެ ތެރެއިން ވާހަކަ ދައްކަވަމުން ފަލާޙް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުނުކޮށް މިހާ ހިސާބަށް ގެނެސްދެއްވީތީ، ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރުއަދާކުރަންޖެހޭނެ ކަމަށެވެ. ފަލާޙު ވިދާޅުވީ މަޖިލީހުގައި ބަޖެޓްތަކާ ބެހޭގޮތުން އެމްޑީޕީގެ މެމްބަރުން ވާހަކަ ދައްކަވާއިރު ހަމައެކަނި ސިޔާސީ ވާހަކަ ދެއްކުމަށް ވުރެ ބޮޑަށް، ބަޖެޓްތަކުގެ ފުރިހަމަކަން ފެންނަމުންދަނީ ސިޔާސީ ޕާޓީތަކަށް އަންނަ ބަދަލުތަކުން ކަމަށެވެ.

ފަލާޙް ވިދާޅުވީ، ހަޤީޤަތުގައި ރަނގަޅު ބަޖެޓްތައް އައިސް، އެ ބަޖެޓްތައް ތަންފީޒުކުރަން ފެށުނީމާ އިދިކޮޅު ޕާޓީތައް އިނދަޖެހޭނެ ކަމަށެވެ.

"އެކަންކަން މިހާރު މިދަނީ ފެންނަމުން، މާޒީގައި ނުފެންނަހާ ކަންކަން ފެންނަމުން މިދަނީ. ގޮވާލީމާ އެއްވާނެ މީހަކު ނުވޭ. އެތާ ތިބި ޗެއާޕާސަނުންނާއި ސެކްރެޓަރީންނާއި ތަންތަނުން އިސްތިއުފާ ދޭއަޑު ރެޔާދުވާލު އަޑުއިވިގެން މިދަނީ އެއީ ބަޖެޓުތައް ރަނގަޅުވީމާވާ ކަމެއް،" ފަލާޙް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތަކަށް އަންނަ ބަދަލުތަކަށް އިޝާރާތްކުރައްވަމުން، ފަލާޙު އިތުރަށް ވިދާޅުވީ، ބަޖެޓްތައް ގޯސްނަމަ އެ ޕާޓީތަކުގެ ވެރިން އިސްތިއުފާއެއް ނުދޭނެ ކަމަށާއި، ގޮވާލީމާ މީހުންވެސް އެއްވާނެ ކަމަށެވެ. އެހެންކަމުން، މިހާރު ބަޖެޓްތައް މޮޅުވެ، ފުރިހަމަވުމުގެ ސަބަބުން ޕާޓީތައް ފުނޑުފުނޑުވެ، އެތަންތާ ތިބި ވެރިން އިސްތިއުފާ ދިނުމުގެ އިތުރުން، ސަޕޯޓަރުންނާއި ރައްޔިތުން އެ ޕާޓީތަކަށް ނުހިންގޭ ކަމަށް ހަދައި، އެ ޕާޓީތައް ކުދިކުދިވެ، އާ ޕާޓީތައް އުފެދިގެންދާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވަނީ މިއަހަރާއި އަންނަ އަހަރަށް ރާއްޖޭގެ ތަރައްގީއަށް ސާޅީސް ހަތަރު ބިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާކަން ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ބަޖެޓްތައް މޮޅުކަން ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް