ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު މިހާރު އިސްލާހު ހުށަހަޅާފައި އޮތްގޮތުން އެ އިނާޔަތަށް ޝަރުތު ހަމަވަނީ އެމްޑީޕީގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމަށް އެކަނި ކަން ހާމަވެެއްޖެއެެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

މިހާތަނަށް ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ވެސް އަދި ދައުލަތުގެ ސެކިއުރިޓީއެއް ވެސް ފޯރުކޮށެއް ނުދެއެވެ.

ނައިބު ރައީސުންނަށް ބައެއް އިނާޔަތްތައް ދިނުމަށް ވެސް އަލަށް ހުށައެޅި އިސްލާހުގައި ވަނީ ހިމަނާފައެވެ. އެގޮތުން، މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000 ރުފިޔާ، އަދި ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކުން ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ހުށައަޅާފައެެވެ.

ނަމަވެސް، ނައިބު ރައީސުން ވެސް ދައުލަތުގެ މަޤާމަކަށް ވަޑައިގެންފިނަމަ، އެ މުއްދަތުގައި އެ ބޭފުޅުންނަށް މި އިނާޔަތްތައް ނުލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މިހާރު މަޖިލީހަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވާގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކަށް އިނާޔަތް ލިބެނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް އެ މަޤާމުގައި ހަމަކުރެއްވުމުންނެވެ. މީގެ އިތުރުން ⁠ޖިނާއީ ކުށެއް ޝަރީޢަތަށް ސާބިތުވެފައި ނުވާ ނަމައެވެ.

އެހެންކަމުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މި އިނާޔަތް މި ބަދަލާ އެއްގޮތަށް މިހާރު ލިބިވަޑައިގަންނަވާނީ ފައިޞަލް ނަސީމަށް އެކަންޏެވެ.

ފައިސަލަކީ މިހާތަނަށް އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ވެރިކަންތަކުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމަ އެކަނި ނައިބު ރައީސެވެ.

އެކި ސަބަބުތަކާއި ހެދި މީގެ ކުރިން ނާއިބް ރައީސްކަން ކުރެއްވި ބޭފުޅުންނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމައެއް ނުކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް