މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ދެމެހެއްޓި ނަމަވެސް ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް އޭޖެންސީ، މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކުރުމުގެ މައިގަނޑު ސަބަބުތަކެއް ކަމަށް ފާހަގަކޮށްފައިވަނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ރާއްޖެއިން ތަންފީޒުކުރަމުން އަންނަ ހަރުދަނާ މާލީ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވެފައިވާތީއެވެ. އަދި، ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ރޭވުންތެރިކަމާ އެކު ކުރަމުންދާ މަސައްކަތްތަކުން ވެސް ނަތީޖާތައް ފެންނަން ފަށާފައިވާކަން މޫޑީސް އިން ބުނެއެވެ.

ކްރެޑިޓް އައުޓްލުކަށް ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، މޫޑީޒް އިން ވަނީ އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަންޏާ ގުޅިގެން ރާއްޖޭގެ ފިސްކަލް ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ބޭރު ފައިސާގެ ދަރަންޏާ އެކު، ކުރު މުއްދަތުގެ އެތެރޭގެ ދަރަނި އިތުރުވަމުންދާކަން ފާހަގަކޮށް، މޫޑީޒްގެ ބަޔާނުގައި ބުނީ އެފަދަ ދަރަނި ޖީ.ޑީ.ޕީ.ގެ 40 އިންސައްތައަށް މިހާރު ވެސް އަރާފައިވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރަށް ވުރެ ދިވެހި ރުފިޔާގެ އަދަދު އިތުރުވަމުންދާ ދިއުމާމެދު ވެސް މޫޑީޒް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފާއިތުވި އަހަރުތަކުގައި ސަރުކާރުގެ އާމްދަނީއާ ނުގުޅޭ މިންވަރަށް ހަރަދުތައް ބައްޓަންކޮށްފައިވާތީ، ހަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮޑެތި އަގުގައި ދަރަނި ނަގާފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.

މިކަމުގެ ސަބަބުން ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލީ ހާލަތު ދަރަނި އަދާނުކުރެވޭ މިސްރާބެއްގައިވާ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މީގެ ކުރިން ބުނެފައިވެއެެވެ. ބޭރު ފައިސާ އިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަންޖެހުމުގެ ނަތީޖާއަކަށް ވެފައިވަނީ، ދައުލަތުގެ ރަސްމީ ރިޒާވް، ފަހުގެ ތާރީޚެއްގައި ނުވާ ވަރަށް ހީނަރުވުމެވެ.

އެ ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައެވެ.

މޫޑީޒް އިން ނެރުނު ބަޔާނުގައި ރޭޓިން އަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީ.ޖީ.އެސް.ޓީ.ގެ ރޭޓުތައް މުރާޖާކޮށްފައިވުމާއި، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެެ.

މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާ އެކު މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން މޫޑީޒް އިން ފާހަގަކޮށްފައިވެއެވެ. އަދި އެ އިދާރާގެ ބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ހަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފައެވެ.

މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް، ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާކަން ވެސް މޫޑީޒް އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ރާއްޖޭގެ އިގުތިސާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ޓޫރިޒަމް ސިނާއަތަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވެއެވެ. ހަމަ އެހެންމެ، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.2 އިންސައްތަ ވަނީ ކުރިއަރައިފައެވެ.

އަންނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ ސީ.އޭ.އޭ.2 ގެ ރޭޓިން ދެމެހެއްޓި ނަމަވެސް، އަންނަ އަހަރު މެޗުއާވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި އެހެނިހެން ދަރަނި އަދާކުރެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް