ސްރީލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ބަޔަކު ގެއްލި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ލަންކާ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ގެއްލުންތަކެއް ލިބުމުން ހިތާމަކުރައްވާ ކަމަށެެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި ހިތްދަތި ދަނޑިވަޅުގައި ދިވެހިން ތިބީ ލަންކާ ރައްޔިތުންނާއެކު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރަޔާ ގުޅިގެން ހިނގާފައިވާ ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 56 މީހުން މަރުވެ، 21 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި ވިއްސާރައާ ގުޅިގެން ލަންކާގެ ކޯރުތަކުގެ ފެންގަނޑު އުފުލި، ކޯރުތައް ފުރިބަންޑުންވަމުންދާތީ، ތިރި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ތަންތަނަށް ނުވަތަ އުސްތަންތަނަށް ބަދަލުވުމަށް، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އިރިގޭޝަން ޑިޕާޓްމަންޓުން ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކެލާނީ ކޯރުގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވުމުގެ ރަތް އިންޒާރު ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް