ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު
ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު
ކުރީގެ ރައީސް އިބޫ އާއި އެމްޑީޕީގެ ރައީސް ޝާހިދު އޮޅުވާލެއްވުމުން، އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ ރޭހުގައި އިތުރަށް ކުރިއަށް ނުދިއުމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ވަޙީދު ނިންމަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒު އިސްމާއިލް މިމަހުގެ 23 ވަނަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ޗެއަރޕާސަނެއް ހޮވުމަށް ބޭއްވި ޖަލްސާގައި ވައްޑެގެ ނަމަށް ލިބުނީ 48 ވޯޓު ކަމަށް އެ ޖަލްސާގެ ރިޔާސަތުން ވަނީ ނިންމާފައެވެ. އަދި ޖަލްސާގެ އަޣުލަބިއްޔަތުން ވަގުތީ ޗެއަރޕާސަންގެ މަޤާމަށް ވައްޑެ އިންތިޚާބުވީ ކަމަށް އެ ޖަލްސާގެ ރިޔާސަތުން ނިންމާފައިވެއެވެ.

އެކަމާ ގުޅިގެން ޕާޓީގެ ރައީސް ޝާހިދަށް ވައްޑެ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ، ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ޕާލަމެންޓްރީ ގުރޫޕުގެ މެންބަރަކު ވަހީދަށް ހުށަހެޅުއްވުމުން، ޕާޓީގެ އެޑްވައިޒަރު އިބޫ އާއި ރައީސް ޝާހިދުގެ ހިޔާލު ހޯއްދެވި ކަމަށެވެ.

އަދި އެ ދެބޭފުޅުންވެސް އެކަމަށް ތާއީދުކޮށް ކުރިއަށް ދިއުމަށް ވިދާޅުވުމަށްފަހު، ވޯޓާ ހަމައަށް ދިޔަ ވަގުތާއި، އޭގެ ފަހުންވެސް އެބޭފުޅުން އަމަލުކުރެއްވި ގޮތުން، ވަގުތީ ޗެއާޕާސަންގެ މަގާމު ފުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ދެކެލައްވާ ކަމަށް ވަހީދު ވިދާޅުވެފައިވެއެވެ.

"ޕާޓީގެ ރައީސް އާއި އެޑްވައިޒަރުގެ އަރިހުން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަން މި މޭރުމުން ތަކުރާރު ނުވާނޭހެން ކަންކަމުގައި އެބޭފުޅުން އަމަލު ކޮށްދެއްވުމަށެވެ. އަދި މި ޕާޓީގެ ޔުނިޓީ ހިފެހެއްޓުމަށް އެބޭފުޅުން ވެސް މަސައްކަތް ކޮށްދެއްވުމަށެވެ." ވަހީދުގެ ސިޓީގައި ވެއެވެ.



އޭގެއިތުރުން ވަޙީދު ވިދާޅުވީ، ޗެއަރޕާސަންގެ މަގާމު އޭނާއަށް ކާމިޔާބު ވެފައިވީ ނަމަވެސް، އެމްޑީޕީގެ އެއްބައިވަންތަކަމަށްޓަކައި އެ ވޯޓުގައި ވާދަކުރި ކުރުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރައީސް ޝާހިދާއި، ކުރީގެ ރައީސް އިބޫ އޮޅުވާލާފައިވާ ކަމަށް ވައްޑެ ވިދާޅުވެފައިވާއިރު، ދާދިފަހުން ކުރީގެ ރައީސް ނަޝީދުވެސް ވަނީ، އެމްޑީޕީ މިވަގުތު ތަޖުރިބާ ކުރަމުންދަނީ އުނދަގޫ ދުވަސްތަކެއް ކަމަށާއި، އަދި ޔުނިޓީގެ ނަމުގައި އެޕާޓީގެ ބައެއް ލީޑަރުން ޙަސަދަޔާ މަކަރު ހައްދަވަމުންދާ ކަމަށް ތުހުމަތު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް