ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ފާސްކުރި ގާނޫނުއަސާސީގެ ހަތްވަނަ އިޞްލާޙާއެކު އަތޮޅު ކައުންސިލުތައް އުވާލުމަށް މިވަނީ ކަނޑައަޅާފައެވެ. މި އިޞްލާޙު ފާސްކުރީ މަޖިލީހުގެ 75 މެންބަރުންގެ ވޯޓާއެކުއެވެ. އެހެންނަމަވެސް، މިހާރު ތިބި އަތޮޅު ކައުންސިލްތައް އަންނައަހަރު ކައުންސިލްތައް އިންތިޚާބުވެ ހުވާ ކުރަންދެން ދެމިއޮންނާނެއެވެ.

މީގެ އިތުރުން، މަޖިލީހުން ވަނީ ކައުންސިލްގެ ހުއްދައާ ނުލާ މަޝްރޫއުތައް ހިންގޭނެ ގޮތަށް އިސްލާހެއް ގެނެސް، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ވެސް ފާސްކޮށްފައެވެ.

އެގޮތުން ދެހާހަށްވުރެ ކުޑަ އާބާދީތަކަށް ތިން ކައުންސިލަރުން، އަންހެނުންނަށް 1 ޖާގަ ލާޒިމްވާގޮތަށް އަދި ދެހާހަށްވުރެ ބޮޑެތި އާބާދީތަކަށް ފަސް ކައުންސިލަރުން، އަންހެނުންނަށް 2 ޖާގަ ލިބޭގޮތަށް ކަނޑައަޅާފައިވެއެވެ. އަދި މާލެއަށް މަޖިލީހުގައި މާލޭ ދާއިރާތަކުގެ މެންބަރުން ތިބޭ ނިސްބަތަށް، ފުވައްމުލައް ސިޓީ ކައުންސިލަށް ނުވަ ކައުންސިލަރުން އަދި އައްޑޫ ސިޓީ ކައުންސިލަށް 11 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އަށްވަނަ އިޞްލާޙު ގެނައުމުގެ ބިލު ވެސް ތަސްދީގު ކުރައްވާފައެވެ. މިބިލުގެ ދަށުން، ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން އަހަރަކު ދެ ފަހަރު ބޭއްވުމަށް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް