ކޯސްޓް ގާޑުގެ ޝިޕް ހުރަވީ-
ކޯސްޓް ގާޑުގެ ޝިޕް ހުރަވީ-
ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ރަސްމީ ދަތުރުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް ހިނގައްޖެއެވެ.

މިއީ ސްރީލަންކާގެ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ބައިވެރިވުމަށް ލިބުނު ދައުވަތަކަށް ކުރި ދަތުރެކެވެ. އަދި މިއީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމުގެ ދައުވަތު ލިބިގެން ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފްގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރެވެ.

މި ދަތުރުގައި ސްރީލަންކާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް 2025) ގައި ކޯސްޓްގާޑުގެ ޝިޕް ހުރަވީ ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ފްލީޓް ރިވިއުގައިވެސް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ބައިވެރިވިއެވެ. އެހެންނަމަވެސް އެފަހަރު ބައިވެރިވީ ރިފިޓްކުރުމަށް އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިންނެވެ.

ސްރީލަންކާގައި ނޮވެމްބަރު 30 ވަނަ ދުވަހު ބޭއްވި މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދިޔައީ، ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯގައެވެ. މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމަކުން ވަފުދުތައް ބައިވެރިވި އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކުގެ ކަނޑުގެ އުޅަނދުތައް ހިމެނެއެވެ.

ނޮވެންބަރު 27އިން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށް އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ސެރެމޯނިއަލް ފްލީޓް ރިވިއުއާއި ސިޓީ ޕެރޭޑާއި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ނޭވަލް އެކްސްޗޭންޖްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިން ވަނީ ބައިވެރިވެފައެވެ. އަދި، ޕަބްލިކް އެންގޭޖްމަންޓް ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރުމުގެ ފުރުޞަތުވެސް ހުޅުވާލިއެވެ.

އެމްއެންޑީއެފުން ބުނީ މި ފްލީޓް ރިވިއުގައި، ކޮލޮމްބޯއިން ފެށި ދަތުރު ރިވިއުކޮށްދެއްވީ ސްރީލަންކާގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ހަރިނީ ނިރެކާ އަމަރަސޫރިއާ ކަމަށެވެ. މި ފްލީޓް ރިވިއު ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އޮނަރަބަލް މަސްއޫދު އިމާދު ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރިއެވެ.

އަދި މިދަތުރުގައި ސްރީލަންކާގެ ނޭވީ ކޮމާންޑަރ، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޮޑާ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކުރައްވައި، އެ ޝިޕްގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ނާފިޢުއާއި ޝިޕްގެ ސިފައިންނާ ބައްދަލުކުރައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެއިތުރުން ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ޤުދުރަތީ ކާރިސާގައި، ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓަރ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި އެ ޝިޕުން ތައްޔާރަށް އޮތްކަން ސްރީލަންކާގެ ސަރުކާރަށް ދަންނަވާފައިވާނޭ ކަމަށްވެސް އެމްއެންޑީއެފުން ހ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑު ޝިޕް ހުރަވީން ސްރީލަންކާއަށް ކުރި ރަސްމީ ދަތުރުން ރަމްޒުކޮށްދެނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، މެރިޓައިމް ސެކިއުރިޓީއަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތާއި ދޭ އެއްބާރުލުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް