ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ތޫފާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ޚާއްސަ ޑޮނޭޝަން ޕްރޮގުރާމެއް ފަށައިފިއެވެ.

މި ޕްރޮގުރާމަކީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމަޝަނާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

ދިވެހި ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ބޮޑު ދަތިކަމުގެ މިވަގުތު، ހުއްޓުމެއްނެތި ކުރިމަތިވަމުންދާ ގަދަ ވާރޭއާއި ފެންބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބައިވުމަށް ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި މުޖުތަމަޢަށް ގޮވާލާ ކަމަށެވެ. ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާގައި އެތައް ބަޔަކު ވަނީ ހާލުގައި ޖެހި، ގެދޮރު ގެއްލި، އަސާސީ ޚިދުމަތްތަކުން މަހުރޫމުވެފައެވެ.

މި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މުހިންމު ތަކެތި މިހާރު ދިވެހި ސަގާފީ މަރުކަޒު، ސޯޝަންވިލާ (ނަންބަރު 32، ކަވީރަތްނާ ޕްލޭސް، ޕަމަންކާޑާ) އިން ބަލައިގަންނަމުންދާނެ ކަމަށް އެމްބަސީން ވަނީ ހާމަކޮށްފައެވެ. އެ ތަކެތި ބަލައިގަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 8:00 އާ ހަމައަށެވެ.

ބަލައިގަންނަ މުހިންމު ތަކެތީގެ ތެރޭގައި:

ބޯފެން

ސައިބޯނި، ދަތްއުނގުޅާ ބޭސް، ބުރުސް

އަސާސީ ބޭސް

ނިދާފޮތި، ބްލެންކެޓް، ތުވާލި

ޑިޓަރޖަންޓް، ސެނިޓަރީ ނެޕްކިންސް

ހެދުން

ހިކި ކާނާ

ކުޑަކުދިންގެ ސާމާނު (މިސާލަކަށް ޑައިޕަރު)

މި ހިތާމަވެރި ވަގުތުގައި އެހީތެރިކަމަށް އެދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ މުހިންމުކަން އެމްބަސީން ފާހަގަކުރެއެެވެ.

"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނުގައި 11.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެެވެ. އިއްޔެ ހެނދުނު 09:00 ގައި ފެށި ޓެލެތޯން، މިއަދުގެ އިރުއޮއްސުމާއި ހަމައަށް ޓެލެތޯނު ނިންމައިލިއިރު، 11،015،854.65 ދިވެހި ރުފިޔާ އާއި 43،681.31 ޑޮލަރު ލިބިފައިވެއެވެެ.

ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 400 އާ ގާތްކުރާ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މަރުވި މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއް ރިޕޯޓްކޮށްފައިވަނީ ކެންޑީ އާއި ބަދުއްލާ އިންނެވެ.

މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައެވެ. އަދި، ލަންކާގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަށް ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަމަށް ރިޕޯޓް ތައް ބުނެއެވެެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް