ސިނަމާލެ ބްރިޖްގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު ހޯމް މިނިސްޓަރު އަލީ އިހްސާންގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދީފިއެެވެ.

ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ބުރިޖު މަތިން ޖެހި، އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު ރޭ 18:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށާއި އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިނިސްޓަރު އިހުސާން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިނިސްޓަރު އިހްސާންގެ ކާރުކޮޅުގައި ކަމަށެވެ.

މިއެކްސިޑެންޓްގައި ދެމީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ދެމީހުންގެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ބްރިޖު މަތީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އަނިޔާވި މީހަކު ކާރަށް އަރުވަން މިިނިސްޓަރު އިހުސާން އިރުޝާދު ދެއްވާ މަންޒަރު ފެނެއެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާ އަރުވަން މީހަކު އެހީތެރިކަން ދޭ މަންޒަރުވެސް އެ ވީޑިއޯއިން ފެންނައިރު ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އިންސާނިއްޔަތުގެ ކަމުގެ ނަމޫނާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

މީގެ ކުރިން ވެސް ކ. ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ސްޓްރޯކެއް ޖެހިގެން މާލެ ގެނައި މީހަކު، ވަޒީރު އިހުސާންގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެ މީހާއާއެކު މިނިސްޓަރު ވެސް ދަތުރުކުރި ލޯންޗު މާލެއަށް އައިއިރު ވެސް އެ މީހާ ބަލައި އެމްބިއުލާންސް އައިސްފައި ނުވާތީ އެމްބިއުލާންސް ލަސްވުމުން އެވަގުތު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ރަސްމީ ކާރުކޮޅުގައި ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އެއަށް ފަހު އިހުސާން ވަޑައިގަތީ ފައިމަގުގައި ހިންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް