ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ
ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ
ހދ. ކުޅުދުއްފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު 10 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކަާ ގުޅިގެން އިއްޔެ ކުޅުދުއްފުށި ސިޓީ ޕޮލިސް ޑިޕާޓްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައި ވާކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 39 އަހަރުގެ އިބްރާހީމް ޝުކޫރު (ހދ.ކުޅުދުއްފުށި / ފަރެސް) އެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމުގެ އިތުރުން އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޤަބޫލުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރުކޮޅަކާއި، ހަތަރު ކުޑަ ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ ޖުމްލަ 9 ގުރާމެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިބްރާހީމް ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ފަހު، އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވާކަމަށެވެ.

މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް