އިންޖީނުގޭގައި ރޯވެ، ލ. ގަމުން ކަރަންޓު ކެނޑިފައިވާއިރު އަމާޒަކީ މިރޭ 12:00އާ ހަމައަށް އެރަށުގެ ހުރިހާ ހިސާބަކަށް ކަރަންޓު ދިނުން ކަމަށް ފެނަކައިން ބުނެފިއެވެ.

ހައްދުންމަތީ ގަމު އިންޖީނު ގޭގައި އަލިފާން ރޯވެ، މުޅި ރަށުން އެއްކޮށް ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ގަމު ފެނަކަ ބްރާންޗުން ބުނީ، އެ ހާދިސާ ހިނގި ގޮތް ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސިފައިންނާ އެކު އިންޖީނު ރޫމު ތެރެ ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެއީ، އެ ރޫމު ތެރޭގައި އަނދާފައި ހުރި ތަކެތި ނެރެ، ސާފުކޮށް، ކަރަންޓު ދިނުމަށް ތައްޔާރު ވުމުގެ މަސައްކަތްތައްކަމަށް އެ ބްރާންޗުން ބުނެއެވެ.

އަމާޒަކީ މިރޭ 12:00އާ ހަމައަށް މުޅި ރަށަށް ކަރަންޓު ދިނުން ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ލ. ގަމުން ކަރަންޓު ކެނޑިފައިވާއިރު އެރަށަަކީ ގާތްގަނޑަކަށް 5000 މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ.

ފުލުހުންގެ ހިދުމަތުން ބުނީ ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 ކަން ހާއިރު ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ އެއް ޖަނަރޭޓަރަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެެެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މި ހާދިސާ ހިނގަން މެދުވެރި ގޮތް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް