ބޮޑެތި ކުށްކުށުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ދޫކުރުމަކީ އެ މަނިކުފާނަށް ލިބިގެންވާ ޙައްގެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ތާޖުދީން ސްކޫލުގައި މިރޭ ކުރިއަށްގެންދެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ބަންދަށް ގެންދެވޭ ހިސާބުން އެ ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނެސް، ވާނުވާ އެނގޭ ހިސާބަށް ކަންކަން ގެންގޮސްދެވިއްޖެކަމަށެވެ.

މަޝްވަރާ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްގެންދެވި މި ޖަލްސާގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއައްސަވާ، އެކަންކަމަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބަންދާ މެދު "ވާނުވާ" ނޭނގި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ކަންކަން ބައްލަވާ، އެކަންކަން ކޮށްދެއްވާފައިވާކަމަށެވެ. އެގޮތުން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވައި، މާލީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ކަށަވަރުކޮށްދެއްވާފައި އޮތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިފަދައިން ކަންކަން ހަމަޖެހެން ފެށުމާއެކު، ބަންދުގައި ތިބި ފަރާތްތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެވިގެންދާ ގޮތުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބޭކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ވާނުވާ" ބަންދުގައި ތިބި ފަރާތްތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ދޫކޮށްލެވިދާނެކަމަށް ދޭހަވާފަދަ މޭރުމަކުން ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވަމުން ރައީސް މުޢިއްޒު ވަނީ، "ވާނުވާ" ބަންދުގައި މިވަގުތު ތިބި މީހުންގެ ޢަދަދާއި، އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން "ވާނުވާ" ބަންދުގައި މިވަގުތު 347 މީހުން އެބަ ތިބިކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ 117 މީހަކާއި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުކުރެވޭ 116 މީހުންގެ އިތުރުން، ޓެރަރިޒަމާއި، މީހުން މެރުމާއި، މާރާމާރީގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމަޢުގެތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.

"ފަސް މިނެޓެއް ނޫން، އެއް ސިކުންތުގައި ދޫކޮށްލެވޭނޭ ވިދާޅުވިޔަސް، އަޅުގަނޑެއް ކުޑަކުދިންނާ ޖިންސީ ގޯނާ ހިންގައިފައި ހުރި މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމް ހިންގައިފައިހުރި މީހެއް، މާރާމާރީ ނުވަތަ މަރުވާ ކަމެއް ކޮށްފައި ހުރި މީހެއް، ޑްރަގް ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރާކަށް އަޅުގަނޑެއް، އަޅުގަނޑު ހިތުން އަޅުގަނޑުގެ ހައްގެއް ނޫން، އަޅުގަނޑަކަށް ލިބިފައި އޮތް ފުރުސަތެއް ވެސް ނޫން، އަޅުގަނޑު ކޮށްގެން ވާނެ ވެސް ކަމެއް ނޫން އެއީކީ. އެހެންވީމާ އެ ކަން ނުވަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލީ އަދި އިދާރީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވާނެ ކަމަށެވެ. މިއަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ޙުކުމެއް ކުރުމަށް ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށާ، ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތުގައި ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް