ކްރައިމް ސީން އެއް-
ކްރައިމް ސީން އެއް-
ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، 40 އަހަރުގެ ނޭޕާލު ފިރިހެނެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނުނު މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ.

އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށާއި މަރުވި މީހާގެ ހަށިގަނޑުން އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

އެހެންކަމުން މިކަމުގައި ޤާނޫނީ ގޮތުން ޢަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މަސްތުވާތަކެތި ނެގުމުގެ އޮޕަރޭޝަން ސިއްހީ ހިދުމަތްދޭ ތަނެއްގައި ކޮށްފައިނުވަނީ، އެފަދަ އޮޕަރޭޝަނެއް ކުރެވޭ ވަރަށްވުރެ ބޮޑަށް ހަށިގަނޑު ޑީކޮމްޕޯސްވެފައި އޮތުމުގެ ސަބަބުން ކަމަށާއި، ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފަޔާއެކު ޑޮކްޓަރުން ކަމަށެވެ.

އޭނާގެ ހަށިގަނޑުގެ ތެރެއިން ޖުމްލަ 78 ބްލެޓް ނަގާފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނަކީ، 818 ގްރާމު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ މަޢުލޫމާތު ހާމަކޮށްފައިނުވަނީ މި މައްސަލައަކީ ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށެވެ. އަދި މި މައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށް، މި މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާއި ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ފުލުހުން ހާމަކުރިއެވެ.

މިމައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރުމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި، މައުލޫމާތު ހާމަކުރާއިރު ތެދު މައުލޫމާތު ޙިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު