އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން-
އެމްޑީޕީ ގައުމީ މަޖިލިސް ބައްދަލުވުމެއްގެ ތެރެއިން-
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީ ގޮތުން މީހަކު ހޮވުމަށް ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުން މާދަމާ ރެޔަށް ތާވަލުކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއިލް މިދިޔަ ނޮވެމްބަރު މަހު 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭގެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލެއްވި ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު (ވައްޑޭ) އެ މަގާމަށް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގި ވޯޓުގެ ނަތީޖާއާ މެދު ސުވާލު އުފެދި އެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލުމުން ބައްދަލުވުން ވަނީ މެދުކަނޑާލަފައެވެ. މައްސަލަ ހޫނުވީ ވަހީދު ހޮވުމަށް 48 ވޯޓް ބޭނުންވާއިރު, އެ ރޭ ލިބުނީ 47 ވޯޓް ކަމަށް ސެކެޓްރިއޭޓުން އިއުލާން ކުރުމާ ގުޅިގެންނެވެ.

އޭގެ ފަހުން ވައްޑޭ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

މިވަގުތު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާފައި އޮތީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ. 

މާދަމާ ރެއަށް ގައުމީ މަޖިލިސް ތާވަލްކޮށްފައިވާއިރު, ދާދި ފަހުން ފައްޔާޒް ވަނީ އެ މަގާމަށް ޣަފޫރު ހޮއްވަވަން ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު