ޞާދިރު ޢަލީދީދީ   29 ސެޕްޓެމްބަރު 2020 - 13:43
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 12

...............

[އަސްޢަދު އަދިވެސް ޢިޝްޤުގައިދޯ؟] ދޯނިން ފައިބަމުން ނިޔާޒް އަސްޢަދާ ދިމާކޮށްލިއެވެ. އަސްޢަދު ތެޅިގަތެވެ. އޭރު ދޯނީގައި ފަޅުވެރިންގެ އިތުރަށް ހުރީ އޭނާއެވެ. އެހެން ހުރިހާ މީހުންހެން އެމީހެއްގެ މަންޒިލަށް ދިޔުމަށްޓަކައި ޓެކްސީތަކުގައި ދަތުރު ފަށައިފިއެވެ. އޭރު މުޢާޒުމެންވެސް ވޭނަކަށް އަރަނީއެވެ. އަސްޢަދުވެސް އަވަސް އަވަހަށް ދޯނިން ފައިބައިގެން ގޮސް ވޭނަށް އަރައިފިއެވެ. އިއްތިފާޤުން އަސްޢަދަށް އިންނަން ޖެހުނީ ސުދާއާ އެއްޝީޓެއްގައެވެ. އެކަށީގެންވާ ވަރަށްވުރެން ގިނަ މީހުން އެރުމުގެ ސަބަބުން ވޭނުގައި ތިބެންޖެހުނީ އެކަކު އަނެކަކަށް ފިތިބާރުވެގެންނެވެ.

ސުދާއާ އެހާ ގާތުގައި އިނދެވުމުން އަސްޢަދު އިނީ ވަރަށް އުފާވެފައެވެ. އޭނާ ދޭތެރެ ދޭތެރެއިން ލޮލުގެ ކުޑަކޮޅުން ސުދާއަށް ބަލާލައެވެ. ނަމަވެސް ހީވާކަހަލައެވެ. އޭނާގެ އެއްވެސް ޙަރަކާތެއް ސުދާ ފާހަގައެއް ނުކުރެއެވެ. ސުދާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ޙަޔާތަށް ބަދަލުވަމުންދާ މާޙައުލަށެވެ. ގޭގެ ދޮރާށިދޮށަށް މަޑުކުރަންދެންވެސް އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ އެދިމާއަށެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ ތަފާތު މާޙައުލެކެވެ. ތަފާތު މޫނުތަކެކެވެ. ތަފާތު ޙަރަކާތްތަކެކެވެ. އެއީ އޭނާ ދެކެން ބޭނުންވާ ކުލަތަކެވެ. އޭނާ ދެކެމުން އަންނަ ފޮނި ހުވަފެނެއްގައި ކުލަޖެހެން ފެށިއެވެ. ނޭނގެނީ ހުރިހާ ކުލަތައް ހަމަވެ، އެ ހުވަފެން ފުރިހަމަވާނެ ދުވަހެކެވެ. ވެދާނެއެވެ. އެދުވަސްވެސް ނިކަން ކައިރީގައި އެބައޮތްމެއެވެ.

ކަލަންޑަރުގެ ގަނޑުތައް އުކަމުން ދުވަސްތައް ގުނެމުންދެއެވެ. އަދިވެސް އަސްޢަދު ހީވަނީ ދީވާނާއެއްހެނެވެ. އޭނާގެ ހިތުގައި ކުރެހި ބިންވަޅު ނެގިފައިވާ ސުދާގެ ލޯބީގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުންވެސް ހިމޭންވެފައިވާ ކަހަލައެވެ. އެންމެފަހުން އަސްޢަދުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާއަށް ނުހަނު އާދޭހާއެކު ސުދާގެ ލޯތްބަށް އެދި ތަކުރާރު ކުރެވެން ފަށައިފިއެވެ.

[ސުދާ އާދޭސްކޮށްފައި ބުނަން...އަހަންނާ ދޭތެރޭ ކުޑަކޮށް ނަމަވެސް ވިސްނާލަބަލަ. އަހަންނަކަށް ސުދާގެ ލޯތްބާނުލާ މިދުނިޔޭގައި ނޫޅެވޭނެ.] އަސްޢަދުގެ އަޑުވަނީ ޖަޒްބާތުން ފޯވެފައެވެ. ސުދާ އިސްޖަހާލިއެވެ.

[އަހަރެން ވިސްނާފައި ޖަވާބެއް ދޭނަން.] ސުދާ ބޭނުންވީ ވާހަކަ ކުރުކޮށްލާށެވެ. އަސްޢަދުގެ މޫނުމަތިން ކޮންމެވެސްވަރަކަށް އަލިވިއެވެ. އުންމީދުވެސް އާވިއެވެ.

[އަޞްލުވެސްތަ؟ ވަރަށް އުފާވެއްޖެ.] އަސްޢަދުގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ.

[އާނ މާދަމާރޭ މިގޭ ހުރިހާ މީހުން ނިދީމަ، އަހަރެން އަސްޢަދާ ބައްދަލުކުރާނަން.] ސުދާ ހިނގައިގަތެވެ. އަސްޢަދަށް އުފަލުން މޭގައި އަތް ކާއްތާލެވުނެވެ. އެވަގުތުން ފެށިގެން އިންތިޒާރުގެ ވަގުތުތައް ދިގުހާލެންވެސް އަސްޢަދަށް ހީވެއެވެ. ފާއިތުވާ އެއްމިނިޓް އެއީ އެއްދުވަސްހެން ހީވާން ފެށިއެވެ.

އަނެއް ދުވަހު އޭނާ ފެނުނު ކޮންމެ މީހަކަށްވެސް ކުރިއާ ތަފާތުކަން އެނގޭނެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރީ އޭނާގެ ރަޙްމަތްތެރިޔާއެވެ. ނަމަވެސް އޭނާ އެވާހަކަ ނިޔާޒަށް ސިއްރު ކުރިއެވެ. ވެދާނެއެވެ. ސުދާގެ [ޕޮޒިޓިވް] ޖަވާބެއް ލިބުމުން ނޫނީ އިތުރު އެއްވެސް މީހަކަށް އެކަން އަންގަން އޭނާ ބޭނުންނުވަނީއެވެ. އޭނާ ނިޔާޒު ގާތު އެވާހަކަ ނުބުނީވެސް އެހެންވެގެނެވެ.

[ހާދަ އުފާވެފައި.....ކާމިޔާބުވީތަ؟] ނިޔާޒު އެއްސެވެ. އޭރު އެދެމީހުން ވާހަކަ ދައްކަން ތިބީ އޮފީހުގެ ޕޯޓިކޯތެރޭގައެވެ.

[އުނހު ނުވޭ. އެކަމަކު ކޮންމެވެސްވަރެއްގެ އުންމީދެއް އެބައޮތް.] އަސްޢަދު ބުންޏެވެ. ވާހަކަ ދެއްކިއިރުވެސް ރާގު ކުރިއާ ތަފާތެވެ.

[އުންމީދު އޮތީމަދޯ މާބޮޑަށް އުފާވެފައި ހުންނަނީ. އެހެންޏަ މިހާރު ހީވަނީ ކޮލްގެޓް އިޝްތިހާރެއްހެން.] ދިމާކުރާފަދަ ގޮތަކަށް ނިޔާޒު ބުންޏެވެ.

[ތިހެން ކިޔާފައި ދިމާކުރޭ. ދެންވެސް ކާމިޔާބުވޭތޯ ދުޢާކޮށްދީބަލަ.] އަސްޢަދު އެދުނެވެ.

[އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ.] ނިޔާޒު ހެޔޮދުޢާ ކުރިއެވެ. އަސްޢަދު ހިނިތުންވެލިއެވެ.

[މާދަމާ އަހަރެން ނިޔާއާ ކުރިމަތިލާނީ ކާމިޔާބު ހޯދައިގެން އައިސް.] އަސްޢަދު ފަޚުރުވެރިވެލިއެވެ.

[އުފަލުގައި އަހަރެންވެސް ބައިވެރިވާނަން.] ނިޔާޒު ބުންޏެވެ.

[ހިނގާ ދަމާ.] އަސްޢަދު ގެޔަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. ފަހަތުން ކަހަލަ ގޮތަކަށް ނިޔާޒުވެސް ހިނގައިގެންފިއެވެ. ނިޔާޒު ދިޔައީ އޭނާގެ ގެޔަށެވެ.

ދަންވަރެވެ. ސުދާ އޮށޯވެ އޮވެފައި ތެދުވިއެވެ. ގަޑިއަށް ބަލާލިއެވެ. އޭރު ގަޑިން ދޭއްޖަހާ ބޮޑުވެއްޖެއެވެ. އެއަށްފަހު އޭނާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އޭނާ ކޮޓަރިން ނުކުތެވެ. އެއަށްފަހު، އޭނާ މިޞްރާބުޖެހީ ބަދިގެޔާ ދިމާއަށެވެ. އޭނާ ބަދިގެޔަށް ވަނީ އިތުރު މީހެއްގެ ހިލަމެއްވޭތޯ ވަށައިގެން ހޯދަމުންނެވެ. އޭނާ ބަދިގޭ ބޮކިވެސް ނުދިއްލައެވެ. އެތެރެއަށް ވަދެފައި މިނެޓެއްހާއިރު ކޮށްފައި އޭނާ ނުކުތެވެ. އޭރު އޭނާގެ އަތުގައި ތޫނު ވަޅިއެއް އޮތެވެ. ބަދިގެއިން ނުކުތް ގޮތަށް އޭނާގެ މިޞްރާބު ހުރީ އަސްޢަދުގެ ކޮޓަރިއާ ދިމާއަށެވެ. އޭރު އަސްޢަދުގެ ކޮޓަރީގެ ހޮޅިގަނޑު ދިއްލާފައި ހުރުމުން އަސްޢަދު ކޮޓަރިތެރޭގައި ހޭލާ އުޅޭކަން އެނގެއެވެ. ސުދާ އަސްޢަދުގެ ކޮޓަރި ދޮރުމައްޗަށް ހުއްޓި ވަށައިގެން ހޯދާލިއެވެ. އެއަށްފަހު އޭނާ އަތުގައި އޮތް ވަޅި ހެދުމުގެ ތެރެއަށްލާ ފޮރުވިއެވެ. އެއީ ގަޑިބަލަން ހުރެފައި އަސްޢަދު ދޮރު ހުޅުވި ވަގުތެވެ. ކުއްލިއަކަށް އަސްޢަދު ދޮރު ހުޅުވުމުން ސުދާ ސިހުނެވެ. އެހެން ނަމަވެސް، އޭނާ ނިކަން އަވަހަށް ހަމަޖެހިލިއެވެ.

[ސުދާ.....] އަސްޢަދުގެ މޫނުމައްޗަށް ވެރިވީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

[އާނ....އަހަރެން އަންނާނެ ކަމަކަށް ޤަބޫލެއް ނުކުރަންދޯ؟ ވަންނަންތަ އެތެރެއަށް.] މީހަކަށް ފެނުމުގެ ކުރިން ސުދާ ބޭނުންވީ އެތެރެއަށް ވަންނާށެވެ. އަސްޢަދު ބޯޖަހާލިއެވެ.

[އަވަހަށް ވަދޭ....އަހަންނަށް އެނގެޔޭ، ސުދާ ދޮގު ނަހަދާނެކަން....] ސުދާ އެތެރެއަށް ވަނެވެ. އަސްޢަދު ދޮރު ތަންޑު އެޅުވިއެވެ. ސުދާ ގޮސް ހުއްޓުނީ އަސްޢަދުގެ ލިޔާ މޭޒު ކައިރިއަށެވެ. އަސްޢަދު ހުރީ އިންތިހާއަށް އުފާވެފައެވެ. ދޮރު ތަންޑު އެޅުވުމަށްފަހު އޭނާ އައިސް ސުދާއާ ދާދި ގާތަށް ހުއްޓުނެވެ.

[އަސްޢަދު....އަސްޢަދު ޙަޤީޤަތުގައިވެސް އަހަރެންދެކެ ވަރަށް ލޯބިވޭތަ؟] ސުދާ އަސްޢަދާ ދިމާއަށް އެނބުރުނެވެ.

[އާނ ވަރަށް ބޮޑަށް ލޯބިވޭ. އަހަންނަށް ސުދާގެ ލޯބި ނުލިބިއްޖެއްޔާ އަހަރެން މޮޔަވެދާނެ. މިރެއަކީ އަހަރެންގެ ޙަޔާތަށް އައި އެންމެ އުފާވެރި ރޭ....] އަސްޢަދު ޖަޒްބާތީ ރާގަކަށް ބުންޏެވެ.

[އެންމެ ރަނގަޅު....އަސްޢަދު އަހަރެންދެކެ ލޯބިވާ މިންވަރު ލިޔުމަކުން ބަޔާންކޮށްދީފާނަންތަ. އެކަމަކު އަހަރެންގެ ނަން ބޭނުން ނުކުރާތި.] މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި ސުދާ މަގުކޮށިއެވެ. މާލަސްތަކެއްނުވެ އަސްޢަދު ގަނޑަކާއި ޤަލަމެއް ނެގިއެވެ.

[އަހަރެން ކަލާދެކެ ވަރަށް ބޮޑަށް ލޯބިވޭ. ކަލާގެ ލޯބި ނުލިބިއްޖެއްޔާ އަހަރެން ދުނިޔެއިން މޮޔަވެދާނެ....އަހަރެން މަރުވެދާނެ....] އަސްޢަދު އޭނާގެ ހިތުގެ ގޮވުންތައް ލިޔަން ފެށިއެވެ. ސުދާ ހިނިއައިސްފައި ބަލަން ހުއްޓެވެ. އަސްޢަދުގެ ލިޔުން ވަކިހިސާބަކަށް ދިޔުމާއެކު، ސުދާ އައިސް އަސްޢަދާ ދާދި ގާތަށް ހުއްޓި އަސްޢަދުގެ އަތުގައި ހިފެހެއްޓިއެވެ.

[ދެންހެޔޮ....މިހާރު އަހަރެން ޤަބޫލުކޮށްފިން.] އަސްޢަދު ޤަލަން މޭޒުމަތީގައި ބޭއްވިއެވެ. ލިޔުނު ގަނޑުވެސް ބަރު އަރުވާފައި މޭޒުމަތީގައި ބާއްވާލިއެވެ.

[އަންނާނަން ފާޚާނާއަށް ވަދެފައި.] ސުދާ ވަނީ ފާޚާނާއަށެވެ. އަސްޢަދު އެނދުގައި އިށީނެވެ. ފާޚާނާއަށް ވަދެފައި ސުދާވީ ދެތިން މިނިޓެއްހާއިރެވެ. އޭނާ ފާޚާނާތެރޭގައި ހުރެފައި އަސްޢަދަށް ގޮވިއެވެ.

[އަސްޢަދު އިސްކުރަކުން ފެނެއް ނާދޭ....އައިސްބަލަ.] ސުދާގެ އަޑު އިވުމުން އަސްޢަދަށް އުފަލުން މޭގައި އަތް ކާއްތާލެވުނެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. ސުދާ ދޮރު ހުޅުވީ އަސްޢަދު ދޮރުމައްޗަށް ހުއްޓުނުތަނާއެވެ.

[ވަދެބަލަ އެތެރެއަށް.] ދޮރު ހުޅުވުމަށްފަހު ސުދާ އެދުނެވެ. އަސްޢަދު އެތެރެއަށް ވަނެވެ. ސުދާ ފާޚާނާގެ ދޮރު ތަންޑު އެޅުވިއެވެ. އޭރު ސުދާ އިނީ އަސްޢަދަށް ފުރަގަސްވާ ގޮތަށެވެ. އަސްޢަދު އިސްކުރު ދޫކޮށްލިއެވެ. އިސްކުރުން ބަރާބަރަށް ފެންވެސް އާދެއެވެ.

[ފެން އެބައާދޭ. އިސްކުރުގެ މައްސަލައެއް ނެތް.] އަސްޢަދު އިސްކުރު ބާރުކުރިއެވެ. ސުދާ ހީގަތެވެ. އަސްޢަދު ޙައިރާންވިއެވެ. އޭރުވެސް ސުދާ ހުރީ އަސްޢަދަށް ފުރަގަސްދީގެނެވެ.

[ކިހިނެއްވީ؟ ސުދާ އަހަންނަށް އުނދަގުލެއް ކޮށްލީދޯ؟] އަސްޢަދު އެހިއެވެ. އޭރުވެސް ސުދާ ހެނީއެވެ.

[އަހަންނަކީ ސުދާއެއް ނޫން...] ސުދާގެ އަޑު ކުރިއާ ތަފާތުވިއެވެ. އަނެއްކާވެސް ސުދާ ހޭންފެށިއެވެ. މިފަހަރު އޭނާ ހުނީ ނާމާން ޒާތަކަށެވެ.

[ސުދާއެއް ނޫން...އަހަރެން މޮޔަ ހައްދަންތަ މިއުޅެނީ. ސުދާ މިފަރާތަށް އެނބުރިބަލަ...] އަސްޢަދު ސުދާގެ އަތުގައި ހިފެހެއްޓިއެވެ. ސުދާ އެނބުރުނެވެ. އަސްޢަދަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ތެދެކެވެ. މިހާރު ފާޚާނާތެރޭ އަސްޢަދުގެ ކުރިމަތީގައި އެހުރީ ސުދާއެއް ނޫނެވެ. އެއީ ސިފަ ހުތުރު ބިރުވެރި ޒާތަކަށް ހުރި އަންހެނެކެވެ. އޭނާގެ ދެލޯ ހީވަނީ އަނގުރު އަލިފާންކޮޅެއް ހެނެވެ. މޫނުގެ ބައްޓަންވެސް ތަފާތެވެ. އަނގައިން ދިގު ދަތްތަކެއް ނުކުމެފައިވާއިރު، ނޭފަތެއް ފެންނާކަށްވެސް ނެތެވެ. ތިރީ ތުންފަތެއްވެސް ނެތެވެ.

އަސްޢަދު އުޅުނީ ހަޅޭއްލަވަމުން ފާޚާނާއިން ނިކުންނާށެވެ. ނަމަވެސް އެ ބިރުވެރި ސިފައިގައިވާ ސުދާ މާ ހުޝިޔާރެވެ. އޭނާ އަސްޢަދުގެ ކުރިމައްޗަށް އެރިއެވެ. އެއަށްފަހު އޭނާގެ ފުރަތަމަ ޙަމަލަ އަސްޢަދުގެ ބަނޑަށް އެރިއެވެ. އިސާހިތު މުޅި ފާޚާނާތެރެ ލޭގެ ކޯރަކަށް ވެއްޖެއެވެ. އަސްޢަދުގެ އެންމެފަހުގެ ނޭވާވެސް މިދުނިޔެ ދޫކުރިހެން ހީވިއެވެ.

ސުދާ އަސްޢަދުގެ ކޮޓަރިން ނުކުތްއިރު އޭނާގެ ހަށިގަނޑަކު ލޭގެ އެއްވެސް އަސަރެއް ނެތެވެ. އޭނާ އެދިޔަގޮތަށް ގޮސް އޭނާ ނިދާ ކޮޓަރިއަށް ވަދެ އޮށޯވެއްޖެއެވެ. ނަމަވެސް އެރޭ އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ވެދާނެއެވެ. އަސްޢަދު އަދި މަރުނުވާހެން އޭނާއަށް ހީވަނީއެވެ. ހިތުގައި ވަހުމް އުފެދެނީއެވެ. އިރުކޮޅެއް ވަންދެން އޮށޯވެ އޮތުމަށްފަހު އޭނާ ތެދުވިއެވެ. ކޮޓަރިންވެސް ނުކުމެއްޖެއެވެ. މުނާޖާގެ އަޑު އިވުނީ އެވަގުތުއެވެ. ވަގުތުން އޭނާ ހުއްޓުނެވެ. ފަރާތް ފަރާތަށް އެނބުރި ހޯދަން ފެށިއެވެ. ވެދާނެއެވެ. އޭނާ ބިރުގަތީއެވެ. މީހަކު ހޭލަފާނެހެން ހީވަނީއެވެ. އޭނާ އަނެއްކާވެސް ކޮޓަރިއަށް ވަދެއްޖެއެވެ. އެނދުގައި އޮށޯތެވެ. އެހެން އޮންނައިރު އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ސަލާމަތަށް އެދި އަސްޢަދު ކުރި އާދޭހެވެ.

އަލިވިލުނީ ސުދާ އެޚިޔާލުގައި އޮއްވައެވެ. ސުދާ އަވަސްވެގަތީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ. ޢާންމުކޮށް އެހެން އެންމެނަށްވުރެން ކުރިން އަސްޢަދު ހޭލައެވެ. އެންމެ ފުރަތަމަ ނާސްތާކުރާ މީހަކީވެސް އެއީއެވެ. ނަމަވެސް، އެދުވަހު މުޢާޒާއި ޒަކީ ނާސްތާކޮށް ނިމުނުއިރުވެސް އަސްޢަދުގެ ޚަބަރެއް ނުވިއެވެ. ނިކަން ފަސޭހައިން ޒަކީ އެކަން ފާހަގަކުރިވެސްމެއެވެ.

[ދަރިފުޅާ މުޢާޒު....މިއަދު އަސްޢަދު ކޮބާ؟ ސުދާ އަސްޢަދު ނާސްތާކޮށްފިތަ؟] ޒަކީ ބުންޏެވެ.

[އަސްޢަދު އަދި ނާސްތާ ކުރާކަށް ނާދޭ.] ސުދާއަށް މިހެން ބުނެވުނު ވަގުތަކީ ފިރާޝާވެސް އައިސް ކާގެޔަށް ވަން ވަގުތެވެ.

[އަންނާނަން އަސްޢަދަށް ގޮވާފައި.] ޒަކީ ތެދުވެގެން ހިނގައިގަތެވެ. ސުދާ އަސްޢަދަށް ސައިހަދަން ފެށިއެވެ. ފިރާޝާވެސް ނާސްތާކުރަން ފެށިއެވެ.

[މަންމަ ސައި ބޮއިފިތަ؟] ފިރާޝާ ނާސްތާ ކުރަން ފަށަމުން އެހިއެވެ.

[މަންމަ ތަންކޮޅެއް ފަހުންނޯ ސައިބޯނީ.] ސުދާ ޖަވާބުދިނެވެ. އެއީ ކުޑަދަރިފުޅު އަޒްހާންގެ އެހީގައި ޙަފީޒާ އައިސް ބަދިގެޔަށް ވަން ވަގުތެވެ.

[ދަރިފުޅާ އަވަހަށް އާދޭ ސައިބޯން.] ފިރާޝާ މައިލޯތަށި ގިރަން ފެށިއެވެ. އަޒްހާން މާމަގެ އަތުން ދޫކޮށްލާފައި އައިސް ގޮނޑިއަށް އެރިއެވެ. ސުދާ ޙަފީޒާގެ އަތުގައި ހިފައިގެން އައިސް ގޮނޑިއެއްގައި ބޭންދިއެވެ.

ޒަކީ ގޮސް އަސްޢަދުގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އޭނާ ގޮވަން ފެށީ ޚަބަރެއް ނުވުމުންނެވެ.

[ދަރިފުޅާ އަސްޢަދު...މިއަދު އޮފީހަށްވެސް ނުދަނީތަ؟] ޒަކީ ތަޅުގައި ހިފާލިއެވެ. ނަމަވެސް ދޮރުހުރީ ތަޅުލާފައެވެ. ޒަކީ ތަކުރާރުކޮށް އެތައްފަހަރަކު ގޮވިއެވެ. އަސްޢަދުގެ ހިލަމެއް ނުވޭމެއެވެ. ދެން ޒަކީ ބެލީ އަސްޢަދުގެ ބޫޓާއި ފައިވާން ބޭރުގައި ހުރިތޯއެވެ. ފައިވާނާއި ބޫޓުވެސް ހުއްޓެވެ. ޒަކީ އަނެއްކާވެސް އައިސް ގޮވަން ފެށިއެވެ.

[ދަރިފުޅާ ތެދުވެބަލަ.] ޒަކީގެ އަޑަށް އެތަނަށް އައީ މުޢާޒެވެ. މުޢާޒުވެސް އަސްޢަދަށް ގޮވިއެވެ.

[ގޮވާ ގޮވާ ނުހުޅުވި. ބައްޕަ އަންނާނަން ތަޅުދަނޑިފަތި ހިފައިގެން.] ޒަކީ ހިނގައިގަތެވެ. މުޢާޒު ދޮރުގައި ތަޅަން ފެށިއެވެ. މާގިނައިރެއްނުވެ ޒަކީ ތަޅުދަނޑިފަތި ހިފައިގެން އައެވެ. ދޮރު ހުޅުވާލުމާއެކު ޒަކީއާއި މުޢާޒު ޙައިރާންވިއެވެ.

ކޮޓަރިތެރެއަކު އަސްޢަދެއް ނެތެވެ. އެނދުގައި މީހަކު ނިދިހެނެއްވެސް ހިއެއްނުވެއެވެ. އެތެރެއަށް ވަނީ މުޢާޒާއި ޒަކީއާ ދެމީހުން އެކުއެކީގައެވެ. ފާޚާނާއާ ދިމާއަށް ޒަކީއަށް ބަލައިލެވުނީ ކުއްލިއަކަށެވެ. ހަމައެއާއެކު ފާޚާނާގެ ދޮރު ދަށުން ކޮޓަރިތެރެއަށް ނުކުމެފައިވާ ލޭގެ ކޯރު އޭނާގެ އަމާޒަށް އެރިއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. މަޑުމަޑުން ގާތުގައި ހުރި މުޢާޒުގެ ގައިގައި ކޮއްޓާލެވުނެވެ. މުޢާޒަށްވެސް ބަލައިލެވުނެވެ. ފާޚާނާއާ ދިމާއަށް ހިނގައިގަނެވުނީ ދެމީހުނަށް އެކުއެކީގައިހެނެވެ.

ޒަކީ ދޮރު ކައިރިއަށް ހުއްޓި ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން ނިކަން ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ދޮރު ހުޅުވުމާއެކު ފެނުނު މަންޒަރުން ހަޅޭއްލަވައިގަނެވުމާއެކު، ޒަކީ އަނބުރައިގަތެވެ. ހަޅޭއްލަވައިގަނެވުނު ނަމަވެސް މުޢާޒު ކެތްތެރިވިއެވެ. މުޢާޒުމެންގެ އަޑަށް ސުދާއާއި ފިރާވެސް އެތަނަށް ވަނެވެ. މުޢާޒު ރޮމުން އެތަނަށް ވަނަ ނުދިނުމަށްޓަކައި ފިރާޝާމެން ހިފެހެއްޓިއެވެ. މުޢާޒު ކެތްތެރިކަމާއެކު ސިފައިންނަށް އެ ޚަބަރު ދީފިއެވެ.

ސިފައިން އެންގީ މަރުވެފައިވާ މީހާގެ ގައިގައި އަތް ނުލުމަށެވެ. އިސާހިތު ސިފައިން އައިސް އެގެޔަށް ވަދެއްޖެއެވެ. އެގޭތެރެއިން ވެގެން އުޅޭގޮތް ނޭނގެނީ ހަމައެކަނި ޙަފީޒާއަށެވެ.

ސިފައިންގެ ފަހަތުން މުޢާޒުވެސް ރޮމުން ކޮޓަރިއަށް ވަނެވެ. އޭރު ޒަކީ އެނދުގައި ޚަބަރު ހުސްވެފައި އޮތެވެ. ކޮޓަރިއަށް ވަނުމާއެކު ފާޚާނާތެރޭ އުޑުތިލަމަތިން އޮތް އަސްޢަދު ފެނުނެވެ. ވަޅިއޮތީ މަރުވެފައިވާ އަސްޢަދުގެ މުށުތެރޭގައެވެ. އެވަގުތު އަސްޢަދުގެ އަތްތިލަ ޙަރަކާތް ކުރިހެން މުޢާޒަށް ހީވިއެވެ.

[ކޮއްކޮ އަދި މަރެއްނުވޭ. އަވަހަށް ޑޮކްޓަރަށް ގެންދަން ހިނގާ.] މުޢާޒު ތެޅިގަތެވެ. ތެދެކެވެ. އަސްޢަދު މަރެއް ނުވެއެވެ. އަސްޢަދުގެ އެސްފިޔަ ޙަރަކާތް ކުރިތަން ކޯޕްރަލް ނަޖާހަށް ފެނުނީ އެވަގުތުއެވެ. އޭރު ބައެއް ސިފައިން ތަޙުޤީޤަށް ބޭނުންވެދާނެ ހެއްކެއް ފެނޭތޯ ކޮޓަރިތެރެ ހޯދަމުންދެއެވެ. މޭޒުމަތީގައި އަސްޢަދު ލިޔެފައި އޮތް ލިޔުން ފެނުނީވެސް އޭގެތެރެއިން މީހަކަށެވެ.

މާގިނައިރުތަކެއްނުވެ އަސްޢަދު ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. އޭރުވެސް ވެގެންއުޅޭގޮތެއް އަސްޢަދުގެ މަންމައަކަށް ނޭނގެއެވެ. އޭނާއަށްވެސް ކޮންމެވެސް ކަމެއް ވެގެންއުޅޭކަން އެނގެއެވެ.

[ކިހިނެއް ވެގެންތަ މިއުޅެނީ؟] ޙަފީޒާ އެހިއެވެ.

[މަންމާ....އެއްވެސް ކަމެއްނުވޭ....] ފިރާޝާ ރޮމުން ޙަފީޒާގެ އަތުގައި ހިފަހައްޓާލިއެވެ.

[ނޫން...މަންމައަށް ދޮގު ނަހަދާ. ތެދަށް ބުނޭ....އަސްޢަދަށް ކޮންމެވެސް ކަމެއް ވެއްޖެ. ބުނެބަލަ...މަންމަ ހިތްވަރުކޮށްފާނަމޭ.] ފިރާޝާ ހަދަނީ ތެދު ނޫންކަން ޙަފީޒާއަށް ޔަޤީންވިއެވެ. ޙަފީޒާ ގޮތް ދޫނުކުރުމުން ފިރާޝާއަށް މަޖުބޫރުވީ، ވެގެން އުޅޭގޮތް މަންމައަށް ތަފްޞީލުކޮށްދޭށެވެ. ޙަޤީޤަތް ކިޔައިދިނުމުން ޙަފީޒާ ރޮއިރޮއި ހަލާކުނުވީ ކިރިޔާއެވެ.

އެދުވަހު ސުދާހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އަސްޢަދު މަރުނުވާކަން އެނގުމުން، އޭނާ ރޭވި ރޭވުން ކާމިޔާބުނުވީ ކަމުގައި އޭނާއަށް ހީވާން ފެށިއެވެ. އޭނާގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ، އޭގެ އެއްހަފްތާ ފަހުން، އަސްޢަދުގެ ޙާލަތުގެ ތަފްޞީލު ޑޮކްޓަރު ދިނުމުންނެވެ. ޑޮކްޓަރު އަރުޖުން ބުނީ އަސްޢަދަށް ވާހަކަ ނުދެއްކޭނެ ކަމަށާއި، އަތާއި ފައިގެ ޙަރަކާތްވެސް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން