ޕެރެލައިޒް ވެފައިވާ ނުވަތަ ހަށިގަނޑުން ވާގި ގޮސްފައިވާ މީހުންނަށް ފަރުވާ ކުރެވޭނެ ފަދަ ބޭހެއް ފުރަތަމަ ފަހަރަށް ބްރެޒިލްގެ ދިރާސާވެރިންގެ ޓީމަކުން އުފައްދައިފިއެވެ.

މި ބޭސް އުފައްދާފައި ވަނީ ބްރެޒިލްގެ ރިސާޗަރެއް ކަމަށްވާ ޓާޓިއާނާ ކޮއެލްހޯ ޑި ސަމްޕައޯ އާއި، އޭނާގެ ޓީމުންނެވެ. މި ޓީމުން ވަނީ ފާއިތުވި 25 އަހަރުތެރޭގައި ޕްލެސެންޓާއިން ނެގޭ ވަކި ބާވަތްތަކުގެ ޕްރޮޓީންތަކުން ނާވް ރިޖެނެރޭޝަން ނުވަތަ ނރުތައް އަލުން އުފެދުމަށް ކުރާ އަސަރު ދެނެގަަތުމަށް ދިރާސާތަކެއް ހިންގާފައެވެ.

އެގޮތުން ލެމިނިން ނަމަކަށް ކިޔާ ޕްރޮޓީންއެއް ދިރާސާ ކުރުމަށްފަހު އެ ޓީމުން ވަނީ މިހާރު ޕޮލިލްއެމިނިން ނަމަކަށް ކިޔާ ބޭހެއް އުފައްދާފައެވެ. މި ބޭހުގެ ފުރަތަމަ މަރުހަލާތަކުންވެސް ވަރަށް އާދަޔާ ހިލާފު، އަދި މީގެ ކުރިން ފެނިފައި ނުވާފަދަ ކާމިޔާބީތައް ފެންނަމުން ދިޔަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ބޭސް ދޭން ފެށި ފުރަތަމަ މަރުޙަލާގެ ބައިވެރިންގެ ތެރެއިން ބޮޑެތި ސްޕައިނަލް ކޯޑަށް އަނިޔާ ލިބިފައިވާ މީހުންނަށް އިހުސާސްތައް އަނބުރާ ލިބި، މަސްގަނޑުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްވެ، ބައެއް ފަހަރު ހިނގޭވަރުވެސް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ސިއްހީ ގޮތުން ދުވަހަކުވެސް ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮތް ކަމެކެވެ.

މި ފަރުވާ ކާމިޔާބުވަނީ ސްޕައިނަލް ކޯޑްގެ ޑޯމެންޓު ޕާތުވޭތައް ހަރަކާތްތެރިކޮށްގެންނެވެ. އެ މަގުތަކުން ހަލާކުވެފައިވާ ނާރު ސެލްތައް ރަނގަޅުކޮށް، ނިއުރަލް ކަނެކްޝަންތައް އުފެއްދުމަށް ބާރުއަޅާތީއެވެ.

ބޮޑެތި ކްލިނިކަލް ދިރާސާތަކުން މި ބޭސް ރައްކާތެރިކަން ކަށަވަރުވެއްޖެނަމަ، މި ބޭހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްޕައިނަލް އިންޖަރީތަކުގެ ސަބަބުން ހަރަކާތް ހުއްޓުފައި ތިބި އެތައް ބަޔަކަށް ފަރުވާކުރެވި، މެޑިސިން އަަށްވެސް އިންގިލާބީ ބަދަލެއް އަންނާނެއެވެ.

ސްޓެޓިސްޓިކްސް އަށް ބަލާއިރު މިއަދު ދުނިޔޭގައި 27 މިލިއަނަށް ވުރެ ގިނަ މީހުން ޕެރެލައިޒްވެފައިވާ ހާލުގައި ދިރިއުޅެމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ބޭހަކީ ގެއްލިފައިވާ ހަރަކާތްތައް އަނބުރާ ހޯދައިދިނުމުގެ ގާބިލްކަން ލިބިގެންވާ ބޭހަކަށް ވެއްޖެނަމަ، ރިހެބިލިޓޭޝަން މެޑިސިންގެ ދާއިރާ މުޅިން ބަދަލުކޮށްލެވި، ބަލި ރަނގަޅުނުވާނެ ކަމަށް ބުނެފައިވާ މިލިއަނުން ގިނަ މީހުންނަށް އުންމީދު އަލިކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މާހިރުން ބުނާ ގޮތުގައި މި ކާމިޔާބީގެ ސަބަބުން ސްޓްރޯކް އަދި ސިކުނޑިއަށް ލިބޭ އަނިޔާތަކަށް ދެވޭ ފަރުވާތަކާއި ނާރުތަކުގެ ބަލިތަކަށް އާ ފަރުވާތައް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. މުޅި ދުނިޔެއަށް މި ބޭސް ތައާރަފް ކުރުމުގެ ކުރިން އަދި ޓެސްޓުތަކެއް ހަދަން ޖެހުނު ކަމުގައި ވީނަމަވެސް، މި ބޭހުން ފުރަތަމަ ފެނިދިޔަ ނަތީޖާއިން ވަނީ މެޑިކަލް ސައިންސްގެ ހައްދުތައް އާކުރެވޭނެކަން ހާމަވެފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު