މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް
މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް
އަތޮޅު ކައުންސިލްތައް އުވާލުމާއެކު، އަތޮޅުތައް ހިންގުން ބޮއްސުންލައިގެން ގޮސް ވިއްސިވިހާލިވެގެންދާނެ ކަމަށް، ބައެއް ކައުންސިލް ރައީސުންނާއި މޭޔަރުން ވިދާޅުވެއްޖެއެވެެ.

ބައެއް ކައުންސިލް ރައީސުންނާއި މޭޔަރުން އެގޮތަށް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމާއި ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރުން ފަދަ ބަދަލުތައް ގާނޫނުތަކަށް ގެނައުމުގެ ސަބަބުން ދިމާވާ ދަތިތަކާ ގުޅޭގޮތުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި، މާލޭ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފާއި ވ. ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީއާއި ބ. ކިހާދޫ ކައުންސިލްގެ ރައީސް ޙުސައިން ޝާފިޢު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެބޭފުޅުން ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމާއެކު، އަތޮޅުތައް ހިންގުމުގެ ނިޒާމު މި ދަނީ ބައިގަރުނު ފަހަތަށް ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ރައްޔިތުން ރަށުގައި ބަންދުވުން ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އަދި ސަރުކާރުން ގާނޫނު ބަދަލުކުރީ މާ ބޮޑު ދިރާސާއެއް ކުރުމެއް ނެތި، ރައްޔިތުންނާއި ކައުންސިލްތަކުގެ ޚިޔާލު ނުހޯދާ ކަމަށް ވިދާޅުވެ އެ ހުރިހާ ބޭފުޅުން ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު ޢާތިފް ވިދާޅުވީ ސަރުކާރުން ގާނޫނު ބަދަލުކުރީ ކައުންސިލްތަކުން ވިޔަފާރިކުރުން ހުއްޓުވައި، މާލީ ބާރުވެރިކަން ހޯދުމަށް ހުރަސް އެޅުމަށްޓަކައި ކަމަށެވެ. އާތިފް ވަނީ ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ޚާއްސަ ހުއްދައެއް ނަގައިގެން މެނުވީ ކައުންސިލްތަކުގެ އިދާރާތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް ގެނައި ބަދަލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މާލޭގެ މޭޔަރު ޢާޒިމް ވަނީ ކައުންސިލްތަކަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެ ލިބޭ ފަސް ޕަސެންޓުން މާ ފުރިހަމައަށް ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތްތައް ދެމުން އަންނަ ކަން ފާހަގަކުރައްވާފައެވެ.

އާޒިމް ވިދާޅުވީ މިސްކިތްތަކާއި މައިޒާންތައް އިތުރުވެ، އެ ތަންތަން ބަލަހައްޓަން ބޭނުންވާ މުވައްޒަފުން ނަގަންޖެހޭއިރު އެލްޖީއޭގެ ހުއްދަ ނުނަގައި އެ ތަންތަނަށް ކޮންމެހެން ހޯދަންޖެހޭ މުވައްޒަފުން ނުނެގޭ ކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވެއެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ، ވެސް އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވެފައެވެ. އެ ބަދަލަކީ ރާއްޖެ އުފެދިފަ އޮތް ގުދުރަތީ އުފެދުމާވެސް ބީރައްޓެހި ހިންގުމުގެ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. ވ. އަތޮޅު ކައުންސިލްގެ ރައީސް ފާހަގަކުރެއްވިގޮތުގައި މި ބަދަލުގެ ސަބަބުން އަތޮޅުތަކުގެ ހިންގުން ބޮއްސުން ލައިގެން ގޮސް ވިއްސި ވިހާލިވެގެން ދާނެއެވެެ. މިއީ ރައްޔިތުން ރަސްމީކޮށް ރަށު ބަންދުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަތޮޅޭ ކިޔައިގެން ރަށު ރައްޔިތުން ދައްކާނެ ވާހަކައެއް ނޯންނާނެ،" ޝުޖާޢު ވިދާޅުވިއެވެ

އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ހަތްވަނަ އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައެވެެ. ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ 75 މެންބަރުންގެ ވޯޓާއެކު ފާސްކުރި އެ އިސްލާހުތައް ރައީސް މުޢިއްޒު މިހާރު ވަނީ ތަސްދީގުކުރައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް