މަރުގެ މައްސަލާގައި ހައްޔަރުކުރި 3 މީހުން
މަރުގެ މައްސަލާގައި ހައްޔަރުކުރި 3 މީހުން
މާޅޮހު އަބްދުއްރަޙްމާންގެ މަރުގެ މައްސަލާގައި ފުލުހުން ތައްޔާރު ކުރަންޖެހޭ ޑީއެންއޭ ރިޕޯޓާއި ވީޑިއޯ އެނަލިސިސް ރިޕޯޓް މިހާތަނަށް ނިމިފައި ނުވާ ކަމަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.

މިއަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ)، އއ. މާޅޮސް މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮށްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލިކަމުގެ ތުހުމަތުގައި 18 ނޮވެންބަރު 2025 ދުވަހު 3 މީހަކަށް ކްރިމިނަލް ކޯޓުގައި ވަނީ ދަޢުވާ ކޮށްފައެވެ.

އަބްދުއްރަޙްމާން މަރާލިކަމުގެ ތުހުމަތުގައި ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ، އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދު އާއި، އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމް އާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށެވެ.

މި މައްސައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށާފައިވާއިރު، މައްސަލާގެ ލިޔުންތައް ލިބިފައިވޭތޯ އެ މައްސަލަ ބައްލަވާ ޤާޟީ އިސްމާއިލް ޝަފީއު ވަނީ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލު ކުރަށްވާފައެވެ. އެ ސުވާލަށް ޖަވާބުދާރީވަމުން ތިން މީހުންގެ ވަކީލް ވިދާޅުވީ ބައެއް ލިޔުންތައް މަދުކަމަށެވެ.

އެކަމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ޑީއެންއޭ ރިޕޯޓާއި ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ކުރަމުންދާތީ އެ ރިޕޯޓް ނުލިބޭ ކަމަށެވެ.

އެހެންކަމުން ޤާޟީ އަންގަވާފައިވަނީ، އެ ލިޔުންތައް ހޯދުމަށް ޕީޖީ އޮފީހަށް ފަސް ދުވަސް ތެރޭގައި ހުށަހެޅުމަށެވެ. އަދި ދިފާޢަށް ނުދެވޭނެ ލިޔުމެއް އޮތްނަމަ އެކަން ކޯޓަށް އެންގުމަށް ޤާޟީ ވަނީ ދައުލަތަށް އަންގަވާފައެވެ. އޭގެއިތުރުން 3 މީހުން ރިމާންޑް ޖަލަކަށް ބަދަލު ކުރުމާމެދު ވަކިގޮތެއް ކޯޓުން އަންގާނެ ކަމަށް ޤާޟީ ވިދާޅުވެފައިވެއެވެ. އަދި އެއަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.

މި މައްސަލާގައި އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދުގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

އަދި އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށް ކޮށްފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

އަބްދުއްރަހްމާންގެ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި ނަމަވެސް ޙާދިސާ ހިނގިއިރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.



ކިޔުންތެރިންގެ ހިޔާލު