މަރްޔަމް ނަހްދާ ވަޙީދު   15 ޑިސެމްބަރު 2025 - 6:31
މާ ބާރަށް ދަތް އުނގުޅަނީ-
މާ ބާރަށް ދަތް އުނގުޅަނީ-
ދަތަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ވަރަށް މުހިންމު ބައެކެވެ. ކެއިންބުއިމާއި، ވާހަކަ ދެއްކުމާއި، ހިނިތުންވުމުގައިވެސް ދަތުގެ ދައުރު ބޮޑެވެ. އަޅުގަނޑުމެންނަށް ކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދަތްތަކަށް ވަރަށް ގެއްލުން ވެއެވެ. ޚާއްސަކޮށް، ދަތްތަކުގެ ބޭރުން ފެންނަ ރައްކާތެރި ފަށަލަ، އެނޭމަލް އަށް ގެއްލުންދެވޭ ގޮތަށް ނޭނގިނަމަވެސް އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް ކުރެވެއެވެ. މިފަހަރު މި ހިމަނާލަނީ ދަތާއި، ދަތުގެ އެނޭމަލް އަށް ގެއްލުންވާ ސަބަބުތަކެވެ.

އެސިޑިކް ކާނާއާއި ބުއިންތަކުގެ ސަބަބުން ދަތްތަކުގެ ބޭރުން ފެންނަ ރައްކާތެރި ފަށަލަ، އެނޭމަލް އަށް ވަރަށް ގެއްލުން ވެއެވެ. މިސާލަކަށް ތަފާތު އެކިކަހަލަ އެނާޖީ ޑްރިންކުތަކާއި، ހުތް ފަނިތަކާއި، އެކިކަހަލަ އައިސް ޓީތައް ބުއިމުން ދަތުގެ އެނޭމަލް މަޑުވެއެވެ. އޭގެ ސަބަބުން އެނޭމަލް ގިރައިގެންގޮސް ދަތްތަކަށް ގެއްލުން ލިބެއެވެ.

މާ ބާރަށް ދަތް އުނގުޅުމަކީވެސް ދަތުގެ އެނޭމަލް ހަލާކުވުމަށް މެދުވެރިވާ ކަމެކެވެ. ހަމައެއާއެކު ބޭނުންކުރާ ބުރުހުގެ ވައްތަރުންވެސް އެނޭމަލް އަށް ގެއްލުން ވެއެވެ. މާ ބާރަށް ދަތް އުނގުޅުމުން ނުވަތަ މާ ހަރު ބުރުހަކުން ދަތް އުނގުޅުމުން ދަތުގެ އެނޭމަލް ހަލާކުވެ، ދަތްތައް ބަލިކަށިވެއެވެ. އެހެންކަމުން މަޑު ބުރުހަކުން މަޑުމައިތިރިކަމާއެކު ދަތް އުނގުޅުމަށް ސަމާލުވާން ޖެހެއެވެ.

މީގެ އިތުރުން އަނގައިގައި ކުޅު މަދުވުމަކީވެސް ދަތުގެ އެނޭމަލް އަށް ގެއްލުންދޭ ކަމެކެވެ. ކުޅަކީ އަނގައިން ކާއެއްޗެހި ސާފުކޮށް އަނގައިގައި ހުންނަ އެސިޑިޓީ ދަތް ކުރުމަށް އެހީވެދޭ އެއްޗެކެވެ. ޑީހައިޑްރޭޓުވުމުގެ ސަބަބުން ނުވަތަ އެކިކަހަލަ ބޭސް ބޭނުން ކުރުމުގެ ސަބަބުން އަނގައިގެ ކުޅު ހިކޭނަމަ، އޭގެ ސަބަބުން އަނގައިގައި އެސިޑިޓީ އިތުރުވެ، ދަތުގެ އެނޭމަލް ހަލާކުވާ ގޮތް ވެއެވެ.

އެނޭމަލްއަށް ލިބޭ ގެއްލުން އެއްފަހަރާ ރަނގަޅުކުރުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން، މިފަދަ ކަންކަމަށް ސަމާލުވެ، ދަތްތަކުގެ ސިއްހަތަށް ރަނގަޅަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. ގަވާއިދުން ދަތް އުނގުޅުމާއި، ފްލޮސްކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ދަތުގެ ޑޮކްޓަރަށް ދައްކައި ހެދުމަކީ ދަތްތަކުގެ ސިއްހަތު ރަނގަޅު ހާލަތެއްގައި ބެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު