އެމްއާރްޑީސީގެ މެނޭޖިން ޑައިރެކްޓަރުކަން ކުރެއްވި އިބްރާހިމް ނަޒީމް (މ).
އެމްއާރްޑީސީގެ މެނޭޖިން ޑައިރެކްޓަރުކަން ކުރެއްވި އިބްރާހިމް ނަޒީމް (މ).
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހިމް ނަޒީމާއި އެ ކުންފުނީގެ އޭރުގެ ތިން ބޯޑު މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ދަޢުވާ ކުރަން ފޮނުވާފައިވަނީ، 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 އިންސައްތައަށްވާ ފައިސާ ދީފައިވަނީ އެ ކުންފުނީގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށް ބުނާ މައްސަލައެވެ.

އޭސީސީން ބުނީ އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ އެމްއާރުޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ މއ.އެލީޒިއަމް، އިބްރާހީމް ނަޒީމާއި ވ.ނަލަދުވެލި، މުހައްމަދު ރިޔާޒާއި (ވޮލީ ރިޔާޒް) މއ.ޔެލޯޑައިމަންޑް، އަހުމަދު ރަޝީދު އަދި ގ.މާބަދި، މުހައްމަދު އަލީދީދީގެ މައްޗަށް ކަމަށެވެ. އެ ފަރާތްތަކުގެ މައްޗަށް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީން ބުނީ، އެމްއާރުޑީސީއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިން ކްރާފްޓް ގަންނަ ޖުމްލަ އަގުގެ 50 އިންސައްތައަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެމްއާރުޑީސީގެ ބޯޑުން ފާސްކޮށްފައިވަނީ، އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޒީމާއި މުހައްމަދު ރިޔާޒާއި އަހުމަދު ރަޝީދު އަދި މުހައްމަދު އަލީދީދީއަށް އެނގިހުރެ ކަމާއި އަދި އެ ފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް ނަޒީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗާ އެޕްރޫވްކުރީ ވެސް އޭނާ އަށް އެ އަމަލުގެ ނަތީޖާ އެނގި ހުރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެ މައްސަލައަކީ 16 އޮކްޓޫބަރު 2018ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް 22 ޑިސެމްބަރު 2019ގައި މި މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދި މައްސަލަ ތަހުގީގުކުރި ޓީމުން އެދިފައިވާތީ އަލުން ވަނީ އެ މައްސަލަ ރިވިއުކޮށްފައެވެ. އޭސީސީން ވަނީ އެ މައްސަލަ އަލުން ތަހުގީގުކޮށް، ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން