މަރްޔަމް ނަހްދާ ވަޙީދު   24 ޑިސެމްބަރު 2025 - 7:11
ލުނބޯ ފެން-
ލުނބޯ ފެން-
ލުނބޯ ފެން ބުއިމަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތައް ލިބޭ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކުރުމުގެ ކުޅަދާނަކަން ލުނބޯ ފެނުގައި އެކުލެވިގެންވާ ކަމަށް ބައެއް މީހުން ބުނެއެވެ. މިފަހަރު މި ހިމަނާލަނީ މިއީ ތެދުކަމަކަށްވާ ބައެއް ސަބަބުތަކެވެ.

ލުނބޯ ފެނަކީ ޕޮޓޭސިއަމް ގިނަ މާއްދާއެކެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ހިމެނޭ ސޯޑިއަމްގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މުހިންމު މާއްދާއެކެވެ. ސޯޑިއަމް ގިނަވުމަކީ ލޭގެ ޕްރެޝަރު މަތިވުމުގެ އެއް ސަބަބެވެ. ޕޮޓޭސިއަމް އިން ހަށިގަނޑުގައި ސޯޑިއަމް ހުންނަ ވަރު މަދުކޮށްދެއެވެ. މިކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވުމަށް އެހީތެރިވެދާނެއެވެ.

ލުނބޯގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް އަދި ފްލޭވޮނޮއިޑްސް އެކުލެވިގެންވެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ދިފާއުކޮށްދޭ އަދި އިންފްލެމޭޝަން މަދުކޮށްދޭ މާއްދާތަކެކެވެ. ލޭ ހޮޅިތައް ހަލާކުވެ، ހަރުވުމަކީ ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބެކެވެ. އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ލޭ ހޮޅިތަކުގެ ހާލަތު ރަނގަޅުކޮށް، ލޭ ދައުރުވުމަށް އެހީވެދެއެވެ.

ފެން ގިނައިން ބުއިމަކީވެސް ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް މުހިންމު ކަމެކެވެ. ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަކީ ލޭގެ މިންވަރު ހަމަޔަށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ފެން މަދުވުމުން ހަށިގަނޑުގެ ލޭ ހޮޅިތައް ހަނިވެ، ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ބޮޑުވެއެވެ. ލުނބޯ ފެން ބުއިމަކީ ފެން ބުއިމަށް މީހުންނަށް ހިތްވަރު ލިބި، ގިނައިން ފެން ބުއިމަށް މަގުފަހިވާ ކަމެކެވެ. މީގެ ސަބަބުންވެސް ލޭގެ ޕްރެޝަރު މަތި ނުވެ ހިފަހައްޓައިދޭނެއެވެ.

އެހެންކަމުން، މަތީގައި ބަޔާންކޮށްފައި މިވާ ކަންކަމަށް ބަލާއިރު ލުނބޯ ފެން ބުއިމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދާނެ ކަމެކެވެ. ނަމަވެސް ލުނބޯ ފެން ބުއިމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދާނެ ކަމެކެވެ. ނަމަވެސް ލޭގެ ޕްރެޝަރަށް ފަރުވާ ދިނުމަށް ހަމައެކަނި މި ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ލޭގެ ޕްރެޝަރު މަތިވާނަމަ ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ ލަފާގެ ދަށުން ކަންކަން ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު