ޞާދިރު ޢަލީދީދީ   30 ސެޕްޓެމްބަރު 2020 - 14:58
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 13

...............

ޑޮކްޓަރު އަރުޖުން ބުނީ އަސްޢަދަށް ވާހަކަ ނުދެއްކޭނެ ކަމަށާއި، އަތާއި ފައިގެ ޙަރަކާތްވެސް ނެތް ކަމަށެވެ.

[ރަނގަޅެއް ނުވާނެތަ؟] މުޢާޒު ހުރީ ކޮއްކޮގެ ޙާލަތާމެދު ވަރަށް ބޮޑަށް ދެރަވެފައެވެ.

[އަބަދުވެސް ފުރޮޅުލީ ގޮނޑިއެއްގެ އެހީ ބޭނުންވާނެ. ހިނގާ ބިގާވެ އުޅެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް. ފަހަރެއްގައި ދުވަސްތަކެއް ފަހުން ވާހަކަ ދެއްކިދާނެ.] ޑޮކްޓަރ އަރުޖުން ތަފްޞީލު ދިނެވެ.

[ހަމައެކަނި ފުރާނަ ހުރިކަންދޯ؟] މުޢާޒު ފެންކަޅިވިއެވެ. ޑޮކްޓަރު ބޯޖަހާލިއެވެ.

[ރާއްޖެއިން ބޭރަށް ގެންގޮސްގެން ރަނގަޅުވެދާނެހެން ހީވޭތަ؟] މުޢާޒު އެއްސެވެ.

[ޔަޤީން ކަމެއް ނުދެވޭނެ...ކުރެވޭނީ އުންމީދެއް.] ޑޮކްޓަރުގެ ވާހަކައިން ދޭހަވަނީ އަސްޢަދު ރަނގަޅުވާނެ ކަމުގެ އުންމީދެއް ނެތް ކަމެވެ. މުޢާޒު މާޔޫސްވިއެވެ. ދެލޮލުން ކޮންމެވެސްވަރަކަށް ކަރުނަ ހިލުނެވެ. އަސްޢަދަކީ އޭނާ ވަރަށް ފޮނި އުންމީދުތަކެއް ކުރި ކޮއްކޮއެކެވެ. ކޮއްކޮދެކެ އޭނާ ނިހާޔަތަށް ލޯބިވެއެވެ. އެކަން އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުންވެސް ފާހަގަކުރެވުނެވެ.

ތިންމަސް ފަސް

ފާއިތުވެދިޔައީ އަސްޢަދުގެ ޙަޔާތަށް އައި ހިތްދަތި، ވޭނުން ފުރިގެންވާ ދުވަސްތަކެވެ. މިހާރު އޭނާ ދުނިޔޭގައި އެ ހުންނަނީ ފުރޮޅުލީ ގޮނޑީގެ އެހީގައެވެ. އޭނާ އެންމެ ބޮޑަށް ދެރަވަނީ ސުދާ އޭނާގެ ކުރިމަތިން ހުރަސްކުރީމައެވެ. ތިންމަސް ފާއިތުވެދިޔައިރުވެސް އަސްޢަދުގެ ޙާލަތެއް ބަދަލެއް ނުވެއެވެ. އަތްފައިގެ ޙަރަކާތެއް ނެތެވެ. ވާހަކައެއް ނުދެއްކެއެވެ.

[ދަރިފުޅާ މުޢާޒު...ހަމަ ދެން އަސްޢަދު ރަނގަޅެއް ނުވާނެތަ؟] ޒަކީއާއި މުޢާޒު ވާހަކަ ދައްކަން ތިބީ ކާކޮޓަރީގައެވެ. އެއީ ހެނދުނެވެ. އޭރު ސުދާ އެމީހުނަށް ނާސްތާ ތައްޔާރު ކުރަނީއެވެ.

[ޑޮކްޓަރ ބުނީ ކުޑަކުޑަ އުންމީދެކޭ އޮތީ. ފަހަރެއްގައި ވާހަކަ ދެއްކިދާނެޔޯ.] މުޢާޒު ބުންޏެވެ. ސައި ހަދަން އިން ސުދާ މުޢާޒުމެންގެ ވާހަކަ ކަނުލާ އަޑުއަހަމުން ދިޔައެވެ.

[ހިތަށްއަރާ...އެސޮރު ކީއްވެބާއޭ އަމިއްލައަށް އެފަދަ ބޮޑު އަނިޔާއެއް ލިބިގަތީ. އެއްވެސް ބަޔަކަށް ޙަޤީޤަތެއްވެސް ނުހޯދުނު.] ޒަކީ ފެންކަޅިވިއެވެ. މުޢާޒު ބައްޕައަށް ހިތްވަރު ދިނުމަށްފަހު ނާސްތާ ކުރަން ފެށިއެވެ.

[ސުދާ އަސްޢަދަށް ސައިދީފިންތަ؟] ނާސްތާކުރަން ފަށަމުން އެއްސެވެ.

[ނޫން....މިއުޅެނީ ދާން...] ސުދާ ރޮށި މޮޑުނެވެ. ސުދާ އަސްޢަދަށް ނާސްތާ ތައްޔާރުކޮށްގެން ނުކުތްއިރު ބޮޑުކޮޓަރީގައި އަސްޢަދު އިނެވެ. އޭނާ އިނީ ފުރޮޅުލީ ގޮނޑިއެއްގެ އެހީގައެވެ. ކާއެއްޗެހި ހިފައިގެން ސުދާ އަންނަތަން ފެނުމާއެކު، އަސްޢަދުގެ ދެލޯ ފެންކަޅިވިއެވެ. ބައެއްފަހަރަށް އޭނާ ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެންވެސް ހީވެއެވެ. ކޮންމެ ފަހަރަކުވެސް އޭނާގެ ލޮލުން ކަރުނަ ފައިބައިގަންނަނީ، ބުނަން ބޭނުންވާ އެއްޗެއް ނުބުނެވުމުންނާއި، ސުދާ ފެނުމުންނެވެ.

ސުދާ އައިގޮތަށް އައިސް އަސްޢަދުގެ ގާތަށް ހުއްޓުނެވެ. އޭރު އަސްޢަދުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދަނީއެވެ. އެވަގުތު ނާސްތާކޮށް ނިމިގެން ޒަކީ އެތަނަށް އައެވެ.

[ތަށި ގެނޭ ޒަކީބޭގެ އަތަށް.] ޒަކީ ތަށި ސުދާގެ އަތުން އަތުލުމަށްފަހު އަސްޢަދަށް ކާންދޭން ފެށިއެވެ. ސުދާ ގޮސް ކާގެޔަށް ވަނެވެ. އެއީ މުޢާޒު ނާސްތާކޮށް ނިމުނު ވަގުތެވެ. ނާސްތާކޮށް ނިމުމާއެކު، އޭނާ އުޅުނީ ކާގެއިން ނުކުންނާށެވެ. ނަމަވެސް ނުކުތުމުގެ ކުރިން ސުދާ އޭނާ ހުއްޓުވިއެވެ.

[މުޢާޒު.....] މުޢާޒު އަނެއްކާވެސް އިށީނެވެ. [ސުދާ މިގޭގައި މިވީހާ ދުވަހުވެސް ތިގޮތަށް އަހަންނަށް ގޮވާފައި ނުވާތީ؟] މުޢާޒު ސީދާ ސުދާގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ. ސުދާ އާދައިގެ މަތިން އިސްޖަހާލިއެވެ. ދެންވެސް ވާހަކަ ދެއްކީ މުޢާޒެވެ.

[ބުނެބަލަ ސުދާ ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ވަރަށް ހީވޭ. ލަދުނުގަނެ ބުނެބަލަ.] މުޢާޒު ކާގޭގެ ބޭރުދޮރާ ދިމާއަށް ބަލައިލިއެވެ. ސުދާ އިސްއުފުލާލިއެވެ.

[މުޢާޒަށް ކަމެއް ހަނދާންކޮށްލަދެންތަ؟] ސުދާ އެހިއެވެ.

[އާނ....ހަނދާންކޮށްދީބަލަ.] މުޢާޒު އެދުނެވެ. ސުދާ އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި ސީދާ ބޭނުންވާ މައުޟޫޢަށް ދިޔައެވެ.

[މުޢާޒު ތަންކޮޅެއް ކުރީ ދުވަހެއްގައި ބުނީމެއްނު، އޮޕަރޭޝަނެއް ކުރަންޖެހޭ ވާހަކަ. މިހާރު ތިހުންނަނީ އެކަން ހަނދާން ނައްތާލާފަދޯ؟] ސުދާ މައުޟޫޢަށް ދިޔައެވެ. ތެދެކެވެ. މީގެ ދުވަސްތަކެއް ކުރިން އޭނާ އޮޕަރޭޝަނެއް ކުރަން ޖެހޭނެކަން ޑޮކްޓަރަކު ބުނެފައިވެއެވެ. ޙަޤީޤަތުގައިވެސް އޭނާ އެހުރީ ހަނދާންނެތިފައެވެ.

[ޙަޤީޤަތުގައިވެސް އަހަރެން ހަނދާނެއް ނެތް. ކިހިނެއްތަ ސުދާއަށް އެނގުނީ؟ ހަމަގައިމުވެސް ސުދާ ގާތު ބުނެވުނު ހަނދާނެއްނުވޭ.] މުޢާޒު ބޯކަހާލިއެވެ.

[މުޢާޒު ތީ ނިކަން އަވަހަށް ހަނދާން ނެތޭ މީހެއްނު. މުޢާޒު އެވާހަކަ އަހަރެން ގާތު ބުނީ އަހަރެން މިގެޔަށް އައިތާ ކުރީކޮޅު.] ސުދާގެ ރޭވުންތެރިކަން ފިސާރި މޮޅެވެ.

[އެހެންދޯވީ؟ އަހަރެންގެ ސިކުނޑިއަށްވެސް ބޭސްކުރަން ވެއްޖެތާދޯ؟] މުޢާޒު އަމިއްލަ ނަފްސަށް މަލާމާތް ކުރިއެވެ. ސުދާގެ ތުންފަތުގައި ކުޅެލީ ވިހަ އެހެނަސް ފެންނަ ފެނުމުގައި ހިތްގައިމު ހިނިތުންވުމެކެވެ. އެދުވަހު މާލެއިން ޑޮކްޓަރަކަށް ދައްކައިގެން، އޭނާގެ ހަށިގަނޑުގައިވަނީ ކޮންކަހަލަ މައްސަލައެއްތޯ ބެލުމަށް މުޢާޒު ނިންމިއެވެ.

[އަހަރެން މިއުޅެނީ މިއަދު އަހަރެން ޑޮކްޓަރަށް ދައްކައި ޓެސްޓް ހަދާލަން.] މުޢާޒު ވާހަކަ ދެއްކީ އޭނާގެ އަނބިމީހާ ފިރާޝާއާއެވެ. އޭރު ފިރާޝާ ކުޑަދަރިފުޅުގެ އަތުގައި ހިފައިގެން އައިސް ކޮޓަރިއަށް ވަންނަނީއެވެ.

[އާނ...މިހާރު މާބޮޑަށް ލަސްވެސްވެއްޖެ. މުޢާޒު ސައިބޮއިފިންތަ؟] ފިރާޝާ މުޢާޒު ގާތުގައި އެނދުގައި އިށީނެވެ.

[އާނ ސައިބޮއިފިން. ދަރިފުޅާ އާދެބަލަ ބައްޕަ ގާތަށް.] މުޢާޒު ދަރިފުޅާ ލޯބިކޮށްލިއެވެ. މުޢާޒު ދަރިފުޅާ ލޯބިކުރި މަންޒަރާއެކު ފިރާޝާގެ ހަނދާނަށް ޒިޔާމްގެ ތަޞްވީރު ސިފަވިއެވެ. ފިރާޝާއަށް ދެލޯ މަރާލެވުމަށްފަހު އިސްޖަހާލެވުނެވެ.

[އަހަރެން މިދަނީ ހޮސްޕިޓަލަށް.] ފިރާޝާ ހަމަޔަކަށް އެޅުނީ މުޢާޒުގެ އަޑުންނެވެ. މުޢާޒު ނުކުތެވެ. ފިރާޝާ ދަރިފުޅުގެ އަތުގައި ހިފައިގެން ގޮސްވަނީ ކާގެޔަށެވެ. އޭރު ބަދިގެތެރޭ ކޮންމެވެސް ކަމެއްގައި ސުދާ ޙަރަކާތްތެރިވަމުން ދިޔައެވެ. ސުދާގެ ޙަރަކާތްތައް އެހެން ދުވަސްތަކާ ޚިލާފަށް ހަލުވިވެފައި އޮމާނެވެ. ވެދާނެއެވެ. ކުރެވޭ އުންމީދުތަކެއް ފުރިހަމަވާން އުޅޭކަމުގެ އިޙްސާސްތައް ކުރެވޭތީ، އޭނާގެ އުފާވެރިކަން އިންތިހާއަށް ގޮސްފައިވަނީއެވެ. އޭނާގެ ޙަރަކާތްތަކާ ދޭތެރޭ ވިސްނާނެ މީހަކަށް އެގޭތެރޭގައި ހުރި ހަމައެކަނި މީހަކީ މިހާރު ނުކުޅެދުންތެރިކަން ޙިއްޞާ ކުރަމުންދާ އަސްޢަދެވެ. ބުނަން ބޭނުންވާ ވާހަކައެއް ނުބުނެވި، ގުނަވަންތަކުގެ ޙަރަކާތް ނެތިފައި، ފުރޮޅުލީ ގޮނޑީގެ އެހީގައި ދިރިއުޅުން ވޭތުކުރަމުން ގެންދާ އެ ނިކަމެތި އިންސާނާގެ ޙާލަކީތޯއެވެ؟ ރުއިމެވެ. ރުއިން ނޫން އެހެން ޙަރަކާތެއް ކުރެވޭ ވަރަށްވުރެން އޭނާގެ ޙާލަތު ދެރައެވެ. އޭނާގެ ހިތަށް ބޮޑަށް އަސަރުކުރަނީ ގޭތެރޭގައި ސުދާ ޙަރަކާތްތެރިވާތަން ފެނި، އޭނާގެ ޙަޤީޤަތް ގޭމީހުންނަށް ނޭނގޭތީއެވެ. ސުދާ ފެންނަ ކޮންމެ ފަހަރަކުވެސް އޭނާއަށް ބިރުވެރިކަން އިޙްސާސް ކުރެވެއެވެ. ނަމަވެސް، ސުދާ ފިޔަވައި އެހެން އެއްވެސް މީހަކަށް އެކަން ފާހަގައެއް ނުކުރެވެއެވެ.

އެދުވަހު މުޢާޒު ޓެސްޓް ހަދަން ދިޔައީ އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ. ފުރަތަމަ މުޢާޒު ޑޮކްޓަރ ރާޖަންއަށް އޭނާއަށް ދަތުރުކުރަން ގޮސް ހުއްޓާ ދިމާވި ޙާދިޘާގެ ތަފްޞީލު ދިނެވެ. މުޢާޒުގެ މަޢުލޫމާތުގެ އަލީގައި ޑޮކްޓަރު ޤަޞްދުކުރީ މުޢާޒު ޓެސްޓް ހެދުމަށެވެ.

[ޑޮކްޓަރުން އޮޕަރޭޝަން ކުރަން އިރުޝާދު ދީފައި އޮތިއްޔާ އޮޕަރޭޝަން ކުރަން ޖެހޭނެ. އެކަމަކު އޮޕަރޭޝަން ކުރުމުގެ ކުރިން އަހަރެން ޤަޞްދުކުރަން، ޓެސްޓެއް ހަދާލަން.] ރާޖަން ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ތަރުޖަމާނު އެއްޗެކޭ ބުނުމުގެ ކުރިން މުޢާޒު ޑޮކްޓަރުގެ ވާހަކައާ ގުޅުވައިގެން ވާހަކަ ދެއްކިއެވެ.

[އަޅުގަނޑަށްވެސް ފެންނަނީ އޮޕަރޭޝަނެއް ނުކޮށްވޭތޯ ފުރަތަމަ ޓެސްޓެއް ހަދާލަން.] މުޢާޒު ބުންޏެވެ. އޮޕަރޭޝަނަކީ ކިހާވަރެއްގެ ކަމެއްކަން މުޢާޒު ދަނެއެވެ.

ޑޮކްޓަރު އެދުނީ ތިންދުވަސްފަހުން ޓެސްޓް ހެދުމަށް އައުމަށެވެ. އޭގެކުރިން އެ ތިންދުވަހު އޭނާގެ ޢަމަލުތައް ބަހައްޓަންވީގޮތް ޑޮކްޓަރު ބުނެދިނެވެ. ދެރަކަމަކީ އެ ޓެސްޓަށް ތައްޔާރުވީއިރުވެސް މުޢާޒުގެ އަންބަކު ހުރޭތޯއާއި، ކުއްޖަކު ލިބިފައިވޭތޯ އަހާލުމަށް ޑޮކްޓަރަށް ނުވިސްނުނުކަމެވެ. ގައިމެވެ. އެހެންނަމަ ޑޮކްޓަރ އެ ޓެސްޓެއް ނަހަދާނެއެވެ. ޑޮކްޓަރަށް އެ ސުވާލު ނުކުރެވުނީ މުޢާޒުގެ ނަޞީބާ ގުޅިފައިވީ އިއްތިފާޤެއްކަން ޔަޤީނެވެ.

މުޢާޒު ހޮސްޕިޓަލުން އައިސް ގެޔަށް ވަންއިރު ސުދާ ގޯތިތެރޭ ޖޯލީގައި މުޢާޒުގެ އިންތިޒާރުގައި އިނެވެ. ދޮރާށި ހުޅުވާފައި މުޢާޒު ވަނުމާއެކު ސުދާ ތެދުވިއެވެ.

[މުޢާޒު.....] ސުދާ މުޢާޒަށް ގޮވައި އޭނާ ހުއްޓުވިއެވެ.

[ޑޮކްޓަރު ބުނީ ކީކޭ؟] މުޢާޒު ހުއްޓުމާއެކު ސުދާ އެއްސެވެ. ސުދާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

[ތިންދުވަސް ފަހުން ޓެސްޓް ހަދަން ޖެހެނީ.] މުޢާޒު ބުންޏެވެ. ސުދާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ނިވަލުގައި ސިއްރުތަކެއްވެއެވެ. ކޮންމެވެސް ދުވަހަކުން އެ ސިއްރުތައް ހާމަވާނެކަންވެސް ގައިމެވެ.

[ތިންދުވަސް ފަސްދޯ؟ ތި ޓެސްޓް ހެދުމަކީ މުޢާޒުގެ ދިރިއުޅުމަށް ވަރަށް މުހިންމު ކަމަކަށްވެސް ވެދާނެ. މުޢާޒަށް ނޭނގުނަސް، ކިތަންމެ ބޮޑު ބައްޔެއްވެސް ހުރެދާނެ.] ސުދާ ތެދުވިއެވެ. މުޢާޒު ބޯޖަހާލުމަށްފަހު އެތެރެއަށް ވަދެގެން ހިނގައިގަތެވެ. ސުދާގެ މިޞްރާބު ހުރީ ބަދިގެޔާ ދިމާއަށެވެ. އޭރު ސިޓިންގރޫމްގައި އިން އަސްޢަދަށް މުޢާޒާއި ސުދާ ވާހަކަ ދައްކަން ތިއްބާ ފެނުނެވެ. އޭނާ އިނީ ފުރޮޅުލީ ގޮނޑީގައެވެ.

މުޢާޒު އެތެރެއަށް ވަދެގެން އައިސް އަސްޢަދު ގާތަށް ހުއްޓި އަސްޢަދުގެ ބޮލުގައި ފިރުމާލިއެވެ. ހަމައެއާއެކު އަސްޢަދުގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

[ނުރޮއި ކޮއްކޯ....މިއަދު ޖެހޭނެ، ކޮއްކޮ ޑޮކްޓަރަށް ގެންދަންވެސް.] މުޢާޒު އަސްޢަދުގެ ލޯ ނުހަނު ލޯތްބާއެކު ފޮހެދިނެވެ. އޭރު މުޢާޒުވެސް ދެލޯވެސްވަނީ ފެންކަޅިވެފައެވެ.

މެންދުރު ކައިގެން މުޢާޒު ދިޔައީ އަސްޢަދު ގޮވައިގެން ހޮސްޕިޓަލަށެވެ. އަސްޢަދު ގޮވައިގެން މުޢާޒު ނުކުތުމާއެކު، ސުދާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަސްޢަދަށް ވާހަކަ ދެއްކިއްޖެއްޔާ އޭނާގެ އަޖަލު ހަމަވެދާނެއެވެ. އޭނާ ކުރަމުން އަންނަ ފޮނި އުންމީދުތައް ފުރިހަމަ ނުވަނީހެވެ. މުޢާޒު އަސްޢަދު ޑޮކްޓަރަށް ދައްކައި ނިމިގެން އައިސް ގެޔަށް ވަންއިރުވެސް ސުދާ އިނީ އެޚިޔާލުގައެވެ. މުޢާޒު އައިސް ދިން ޚަބަރުންވެސް އޭނާގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ.

[ކޮއްކޮއަށް ވަރަށް އަވަހަށް ވާހަކަ ދެއްކިދާނެޔޯ.] މުޢާޒު އެ ޚަބަރު ދިނީ ގޭގެ ހުރިހާ މީހުންވެސް ބޮޑު ކޮޓަރީގައި ތިއްބައެވެ. އެޚަބަރު ލިބުމާއެކު، ސުދާގެ މޫނުމަތީގެ އަސަރު ވަގުތުން ބަދަލުވެއްޖެއެވެ. އޭނާއަށް ހީވީ އޭނާގެ ސިކުނޑީގައި މީހަކު ބާރު ބޮނޑިއެއް އަޅާލިހެނެވެ.

[ކިހާ ދުވަހެއްވާނެޔޯ؟] ޙަފީޒާގެ މޫނުމައްޗަށްވެސް އުފާވެރިކަން ވެރިވިއެވެ.

[މާގިނަ ދުވަހެއް ނުވާނެޔޯ؟] މުޢާޒު ޖަވާބުދިނެވެ. ސުދާގެ ނުތަނަވަސްކަން އިންތިހާއަށް ދިޔައެވެ. އޭނާގެ އުންމީދުތައް ފުރިހަމަވުމުގެ ކުރިން އަސްޢަދަށް ވާހަކަ ދެއްކިއްޖެއްޔާ އޭނާ ކުރަމުންދާ އުންމީދުތައް ފުރިހަމަނުވާނެކަން އޭނާއަށް އެނގެއެވެ. ވިސްނުމަށްފަހު އެދުވަހު އޭނާ ގޮތެއް ނިންމިއެވެ. ޙަޤީޤަތް ފަޅާއަރާކަށް އޭނާ ފުރްޞަތެއް ނުދޭނެއެވެ.

ދަންވަރެވެ. ސުދާ ތެދުވެ ގަޑިއަށް ބަލައިލިއެވެ. އަނެއްކާވެސް އޮށޯތެވެ. ވެދާނެއެވެ. އޭނާ އިންތިޒާރުކުރާ ވަގުތު އަދި ނުޖެހެނީއެވެ. ބައިގަޑިއެއްހާއިރު ފަހުން އޭނާ އަނެއްކާވެސް ތެދުވެއްޖެއެވެ. ދެންވެސް އޭނާ ބަލައިލީ ގަޑިއަށެވެ. ގަޑީގެ ކަށީގެ މިޞްރާބު ހުރިތަން ފެނުމުން އޭނާގެ ތުންފަތްމައްޗަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ނިވަލުގައި ވަނީ ޒަހަރެވެ. އޭނާ ބޭނުންވަނީ އެ ޒަހަރުން ކުށެއް ނެތް އިންސާނެއްގެ ފުރާނަޔާ ކުޅެލަންކަން ގައިމެވެ. ވިސްނަން ހުރުމަށްފަހު، ސުދާ ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. އޭނާގެ މިޞްރާބު ހުރީ އަސްޢަދުގެ ކޮޓަރިއާ ދިމާއަށެވެ.

[އަންނާނަން އަސްޢަދުގެ ޙާލު ބަލައިލާފައި.] މެދުގޭތެރޭން އިވުނީ ޒަކީގެ އަޑެވެ. ސުދާ ހުއްޓުނެވެ. ޒަކީ ވާހަކަ ދެއްކީ ޙަފީޒާއާއެވެ. ސުދާ އަވަސް އަވަހަށް އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އޭނާ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ އޮށޯވެއްޖެއެވެ.

ޖެހިގެން އައި ތިން ދުވަހުވެސް އޭނާ އުންމީދުތައް ފުރިހަމަކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ކުރިމަތިލާން ޖެހުނީ ބަދުނަޞީބާއެވެ.

[ނަޞީބު ވަރަށްދެރަ.] ޑޮކްޓަރ ރާޖަން ވާހަކަ ދެއްކީ މުޢާޒާއެވެ. އިނގިރޭސި ބަހުންނެވެ.

[ތިބުނީ!؟] މުޢާޒު ޙައިރާންވާފަދަ ގޮތަކަށް އެއްސެވެ.

[އޮޕަރޭޝަން ނުކޮށް ފަރުޖެހޭކަށްނެތް. އޮޕަރޭޝަން ކޮށްގެން ނޫނީ މުޢާޒަށް ދަރިޔަކު ނުލިބޭނެ.] ޑޮކްޓަރުގެ މި ޖުމްލައިން މުޢާޒުގެ ދެލޯ ބޮޑުވިއެވެ.

[ދަރިއަކު ނުލިބޭނެޔޭ!؟] ކިހިނެއް އަހަރެން ޤަބޫލުކުރާނީ. އަހަރެންގެ މިހާރުވެސް ފަސްއަހަރަށްދާ ދަރިޔަކު އެބަހުރި. އަންހެނުން މިހާރުވެސް ބަނޑު ބޮޑު. ހިތަށްއަރާ...ކަލޭމެނަށް ކޯއްޗެއްބާއޭ އެނގިގެން ތިއުޅެނީ.] މުޢާޒު ގާތަށް ރުޅިއައެވެ.



މުޢާޒަށް ޙަޤީޤަތް ޤަބޫލު ކުރެވުނީ ޑޮކްޓަރު ނިކަން ގިނަ ގޮތްގޮތަށް ވިސްނައިދީގެނެވެ. އޭނާ ފުރަތަމަ ޤަޞްދުކުރީ ފިރާޝާގެ ޙަޤީޤަތް ހޯދުމަށެވެ. މެދުވެރިއަކަށް ސުދާ ބޭނުންކޮށްގެންނެވެ. ހީކުރިވަރަށްވުރެން ފަސޭހައިން ޙަޤީޤަތް ހޯދުނުވެސްމެއެވެ.

ޙަޤީޤަތް ހާމަވާން ފެށުމާއެކު، މުޢާޒު ހަނދާނުގެ ސްކްރީނަށް މާޒީގެ ތަފާތު ދުވަސްތަކާއި ވަގުތުތަކެއް ތަޞްވީރުވާން ފަށައިފިއެވެ. ކުރީ ދުވަހެއްގައި ކުޑަބަނޑޮހު ދިޔަރެސް ކައިރިން ފެނުނު ޢަޖައިބެއްފަދަ އަންހެން ކުއްޖާގެ ޢަމަލުތަކެވެ. ފޯނުކޯލަކަށްފަހު ފިރާޝާ ހޭނެތުނު ދުވަހެވެ. އެއްވަގުތަކާ އެތައް ބައިވަރު ކަންތައްތަކެއް ސިކުނޑިއަށް ފުނިޖެހުމުން އޭނާއަށް އުނދަގޫވެސްވާން ފަށައިފިއެވެ.

[އަހަންނަކަށް ނޭނގެ...އަހަރެން ހަދަންވީ ގޮތެއްވެސް. ސުދާ ބުނެބަލަ...އަހަރެން ހަމަ ޤަބޫލު ކުރަންވީތަ؟ އެކަމަކު ހިތަށްއަރާ...ފިރާޝާއަކީ ހަމަ އެކަހަލަ މީހެއްބާއޭ.] އަދިވެސް މުޢާޒު އުޅެނީ އެކަން ޤަބޫލުކުރަން އުނދަގޫވެގެނެވެ. އޭނާގެ ހިތަށް އަރަނީއެވެ. ފިރާޝާއަކީ ހަމަ އެހާބޮޑު ކެހިވެރިއަކަށް ވެދާނެބާއެވެ؟

[މިހާރު މުއާޒު ޤަބޫލުކުރަން ވެއްޖެއެއްނު...ތިއޮތީވިއްޔަ ޑޮކްޓަރު ދީފައިވާ ލިޔުންވެސް....] ސުދާ ބޭނުންވަނީ ސާބިތުކޮށްދޭށެވެ.

[އެކަމަކު....ސުދާ އެ ދަރިފުޅުވެސް....އެކަމަކު އަހަންނާ ހާދަ ވައްތަރޭ.] މުޢާޒު ބުންޏެވެ. ސުދާ ހީގަތެވެ.

[ކިހިނެއްވީ؟] ސުދާ ހޭންފެށުމުން މުޢާޒު ދެރަވިއެވެ. އެކަން ވަރަށް ފަސޭހައިން ސުދާ ދެނެގަތްވެސްމެއެވެ.

[މަލާމާތްކުރީދޯ؟ އަހަންނަށް މަލާމާތް ކުރަން އެންމެ ރަނގަޅީ ސުދާ.] މުޢާޒު ހިނގައިގަތެވެ. އޭނާ އެދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު އެނދުގައި ކޮންމެވެސް ވާހަކަފޮތެއް ކިޔަން ފިރާޝާ އޮތެވެ. އިތުރު އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ.

[ފިރާޝާ.....] މުޢާޒު ހީވީ ކޮޓަރިއަށް ނުވަދެވިފައި ހުރިހެނެވެ. އޭނާ އަޑުގެކޮޅަށް ފިރާޝާއަށް ގޮވާލިއެވެ.

[ކިހިނެއްވީ މުޢާޒު!؟] ފިރާޝާ ސިއްސައިގެން ގޮސްފައި ތެދުވެއްޖެއެވެ. އެވަގުތު މުޢާޒުގެ މޫނުމަތި ފެނުމުން، ފިރާޝާ ޙައިރާންވެސްވިއެވެ. ކަންބޮޑުވެ ބިރުވެސްގަތެވެ. އޭރު އައިސްފައިވާ ރުޅިން މުޢާޒު ތުރުތުރުވެސް އަޅަމުންދާ ކަހަލައެވެ.

[ދޮގުނަހަދާ ތެދަށް ބުނޭ....ފިރާޝާ ކީއްވެތަ އަހަންނަށް ތިޔަހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ....] މުޢާޒުގެ ދެލޯ ފެންކަޅިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން