ކޮރަޕްޝަން މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފު، އަހްމަދު ލައްސާން، ފޮޓޯ: ފުލުހުން
ކޮރަޕްޝަން މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފު، އަހްމަދު ލައްސާން، ފޮޓޯ: ފުލުހުން
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ކުށަަށް އިއުތިރާފްވެފައިވާ އިމިގްރޭޝަންގެ އޮފިސަރު އަހްމަދު ލައްސާން މ. ހަޒާރީވިލާ 9 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަހީދު ވެސް މަގާމުން ވަކިކޮށް ހައްޔަރުކުރިއިރު، އޭނާއާއެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ވެސް ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ލައްސާން ވެސް ހިމެނެއެވެ.

އެމީހުން ހައްޔަރު ކުރީ އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000 ރުފިޔާ އަތުލިކަމަށް ތުހުމަތުކޮށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ލައްސާން ކުށަށް އިއުތިރާފްވުމާ ގުޅިގެން، އޭނާގެ މައްޗަށް ދެ ދައުވާއެއްގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ފޭރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. ފްރޭމުގެ ކުށުގެ ދައުވާ ސާބިތުވުމުން ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 14،400 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގައި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 14،400ރުފިޔާ ގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ.

މިވަގުތު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ލައްސާނުގެ މައްޗަށް ކޯޓުން އަދަބު ކަނޑައެޅީ ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު