މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް، ބިލިއަން ޑޮލަރުގެ ދައުލަތުގެ ފަންޑުގެ ޚިޔާނާތާ ގުޅޭ ދެވަނަ ބޮޑު ޝަރީއަތުގައި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

އުމުރުން 72 އަހަރުގެ ނަޖީބުގެ މައްޗަށް ތުހުމަތުކުރެވެނީ އެ ގައުމުގެ ސޮވެރިން ވެލްތު ފަންޑު ކަމަށްވާ 1 މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދު އިން ގާތްގަނޑަކަށް 2.3 ބިލިއަން މެލޭޝިއަން ރިންގިޓް (569 މިލިއަން ޑޮލަރު) އަށް ޚިޔާނާތްތެރިވި ކަމަށެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު ފަނޑިޔާރު ވަނީ ނަޖީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ 4 ދައުވާއަކާއި މަނީ ލޯންޑަރިންގެ 21 ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. ކުރީގެ ބޮޑުވަޒީރު މިހާރުވެސް ހުންނެވީ މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދު އާ ގުޅޭ އެހެން މައްސަލައެއްގައި މީގެ އަހަރުތަކެއް ކުރިން ކުރި ހުކުމެއްގެ ދަށުން ޖަލުގައެވެ.

ހަތް އަހަރު ދުވަހުގެ ގާނޫނީ މަރުހަލާތަކަށްފަހު އިއްވި މި ހުކުމުގައި 76 ހެކިންގެ ހެކިބަސް ނަގާފައިވެއެވެ. މެލޭޝިޔާގެ އިދާރީ ވެރިރަށް ޕުތްރަޖާޔާގައި އިއްވި މި ހުކުމަކީ، 2022 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނެވި ނަޖީބަށް މި ހަފުތާގައި ކުރިމަތިވި ދެވަނަ ނާކާމިޔާބީއެވެ.

އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކޮންމެ ދައުވާއަކަށް 15 އަހަރުގެ ހަތަރު ޖަލު ހުކުމާއި، މަނީ ލޯންޑަރިންގެ 21 ދައުވާއިން ކޮންމެ ދައުވާއަކަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. މެލޭޝިޔާގެ ގާނޫނުތައް ބުނާގޮތުން މި ހުކުމްތައް ތަންފީޒުކުރާނީ އެކުއެކީގަ (ކޮންކަރަންޓްކޮ)އެވެ.

މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ ނަޖީބުގެ ހުކުމުގެ ބާކީ ބައި ގޭބަންދުގައި ހުންނަވައިގެން ފުރިހަމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ބޭރުކޮށްލާފައެވެ. ނަމަވެސް، ނަޖީބަކީ ބޭއިންސާފު ހުކުމްތަކެއްގެ ޝިކާރައަކަށް ވެފައިވާ ބޭފުޅެއް ކަމަށް ބުނާ ވަފާތެރި ސަޕޯޓަރުންތަކެއް އަދިވެސް އޭނާގެ ފަހަތުގައި އެބަތިއްބެވެ. ހުކުރު ދުވަހުވެސް ޕުތްރަޖާޔާގެ ކޯޓު ބޭރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ ނަޖީބަށް ތާއީދުކުރާކަން ހާމަކޮށްފައިވެއެވެ.

މީގެ ދިހަވަރަކަށް އަހަރު ކުރިން ފަޅާމެރި މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދު ގެ ބޮޑު ޚިޔާނާތަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި މައްސަލައެކެވެ. މި މައްސަލައިގައި މެލޭޝިޔާގެ އިސްވެރިންގެ އިތުރުން ގޯލްޑްމަން ސެކްސް އާއި ހޮލީވުޑްގެ ބައެއް ފަރާތްތަކުގެ ނަންވެސް ހިމެނުނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދައުލަތުގެ ފަންޑުން 4.5 ބިލިއަން ޑޮލަރު ވަނީ އަމިއްލަ މީހުންގެ ޖީބުތަކަށް، އޭގެ ތެރޭގައި ނަޖީބުވެސް ހިމެނޭ ގޮތަށް، ވަގަށް ނަގާފައެވެ.

ނަޖީބުގެ ވަކީލުން ބުނަމުންދަނީ އޭނާއަށް އޮޅުވާލާފައިވަނީ މުޝީރުން ކަމަށާއި، ޚާއްސަކޮށް މިހާރުވެސް ފިލައިގެން އުޅޭ ޖޯ ލޯ ކަމަށެވެ. ނަމަވެސް މި ވާހަކަތައް ކޯޓުން ގަބޫލެއް ނުކުރެއެވެ.

މީގެ އިތުރުން، ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށްވެސް ރިޝްވަތުގެ ކުށް ސާބިތުވެ 2022 ވަނަ އަހަރު ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ މިހާރު ހުންނެވީ ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާތީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.

މި ޚިޔާނާތުގެ ސަބަބުން މެލޭޝިޔާގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުން ނަޖީބުގެ ބާރިސަން ނޭޝަނަލް ކޯލިޝަން ބަލިވިއިރު، މިއީ 1957 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެ ކޯލިޝަން ބަލިވި ފުރަތަމަ ފަހަރެވެ.

މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ކޯޓުގެ ނިންމުންތަކަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާގޮތުގައި، މި ހުކުމަކީ ގައުމުގެ އެންމެ އިސްވެރިޔާ ކަމުގައިވިޔަސް ކޮރަޕްޝަން ހިންގައިފިނަމަ އަދަބު ލިބޭނެކަމުގެ މެސެޖެކެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ ދައުލަތުގެ މުއައްސަސާތައް އަދިވެސް އެކަށީގެންވާ ވަރަށް ވަރުގަދަ ނުކުރެވޭތީ، މިފަދަ ބޮޑު ޚިޔާނާތެއް އަލުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު