މިސްކިތެއްގައި ނަމާދު ކުރަނީ-
މިސްކިތެއްގައި ނަމާދު ކުރަނީ-
އަންނަ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް، ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަަށް ވިސާއަށް އެދެން ހުޅުވާލައިފިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ގާރީން ނުވަތަ ޙާފިޡުން ގެނައުމަަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ މީހުންނަށް ޙާފިޡުން ގެނައުމަށް މިހާރު ވިސާއަށް ހުށަހެޅޭނެ ކަމަށެވެ.

މިކަމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ނުދައްކައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވީޒާއެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް، ލިޔެކިޔުންތަކާއެކު މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ. ވިސާއަށް އެދި ހުށަހަޅާއިރު ހާފިޒުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން ސްޕެޝަލް ވިސާ ދޫކުރެވޭ ހާފިޒުންނާއި ގާރީން ރާއްޖެ ވަޑައިގަންނަވާއިރު، އެފަރާތްތަކުގެ އާއިލާގެ މެންބަރަކު ރާއްޖެ ގެންނަވާނަމަ އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސާޝިޕް ޑެކްލަރޭޝަނަށް ހުށަހަޅައި، ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

އަދި ހާފިޒުންގެ އާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން ސްޕޮންސަރޝިޕް ޑެކްލެރޭޝަނަށް ހުށަހަޅައިގެން އައިސްފިނަމަ، އެ މީހަކަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު