އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި ސާޖިދު
އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި ސާޖިދު
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔަކަށް މިފަހުން އައްޔަން ކުރެއްވި އިސްމާއިލް ސާޖިދު މަޤާމުން ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސާޖިދު ސަސްޕެންޑު ކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކެއްގެ ސަބަބުން މި ހަފްތާގައި އޮފީހަށް ނުނިކުތުމަށް އެންގުމަށް ފަހުއެވެ. ސާޖިދު ސަސްޕެންޑް ކުރުމާ ގުޅޭގޮތުން އެމްއެމްއޭގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ސާޖިދު ކުރިން ހުންނެވީ, ޓެކްސް އެޕީލް ޓްރެބިއުނަލްގެ މެންބަރު ކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ.

އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު އައްޔަނުކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަޝްރަފް, މަގާމުން ދުރުކުރުމަށް ފަހުއެވެ. އަޝްރަފް މަގާމުން ދުރުކޮށްފައި ވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު, އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާއެކު މަސައްކަތް ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު