އައިނު ފިހާރައެއް-
އައިނު ފިހާރައެއް-
ކްލިނިކްތަކުންނާއި، އައިނު ފިހާރަތަކުން ހަދާ އައިނުތަަކަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ބައެއް ފަރާތްތަކުން ވަނީ އައިނު ހައްދަން ބޮޑު ހަރަދެއް ކުރަންޖެހޭތީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އައިނު ހެއްދުމަށް އާސަންދައިން ލިބޭ އެހީ ބޮޑުކޮށްދިނުމަށް އެދިފައެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށާއި ރައްޔިތުން ދިން ހިޔާލުތަކާ ގުޅިގެން އާސަންދަ ސްކީމުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ކްލިނިކްތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީކޮށްފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތައް އާސަންދައިގެ ދަށުން ކަވަރޭޖް ކުރާގޮތަށް ހެދުމަށް ނިންމާފައިވާކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އެކަން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުންހުރި އުސޫލުތައް ހަދައި، އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެފަދަ ތަންތަނުން އާސަންދައިގެ ހިދުމަތްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް އެންސްޕާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ ކުރިން އުސޫލު އޮންނަ ގޮތުން އާސަންދައިގެ ދަށުން އައިނު ލިބެނީ ހަމައެކަނި ހޮސްޕިޓަލަކުން ނަންބަރެއް ނެގުމުންނެވެ. އަމިއްލަ ކްލިނިކުތަކުން ނުވަތަ ފިހާރަތަކުން ނަގާ ނަމްބަރުތަކަށް އާސަންދައެއް ނުލިބެއެވެ.

މި އުސޫލު ބަދަލުކޮށް، އަމިއްލަ ކްލިނިކުތަކުންނާއި ފިހާރަތަކުން ހަދާ އައިނުތަކަށް އާސަންދަ ދޭން ނިންމާފައިވާައިރު، އައިޖީއެމްއެޗްގައި ހިންގަމުންދާ ސަރުކާރުގެ އަައިނު ފިހާރައިން ހުރިހާ ފައިދާއެއް ނަގަނީ ލަންކާ ބަޔަކު ކަމަށް ބުނާ މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

އެގޮތުން ޖުލައި މަހު ހުޅުވި މި އައިނު ފިހާރައިން ފުރަތަމަ ހަަތަރު މަސް ތެރޭ، އައިނު ހެއްދުމަށް މުޅި ޖުމްލަ 47 މިލިއަން ރުފިޔާ އެންސްޕާއިން ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، މި ހުރިހާ ފައިސާއެއް ލަންކާއަށް ދާކަހަލަ އުސޫލަކުން އޮތުމުން ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު