ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު
ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު
ޒުވާނުން އެމީހުންގެ ޚިޔާލު ފާޅުކުރުމުން އެކަމާ ގުޅިގެން އެކުދިންނަށް ގަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ އޯގާތެރިކަމާއެކު ރަނގަޅު ގޮތް ބުނެދިނުން ކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒުވާނުންނަށް ގަނާކުރުމުގެ މައްސަލާގައި ޒަރިޔަންދު ޚިޔާލު ފާޅު ކުރަށްވާފައި މިވަނީ، ދާދިފަހުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު، ޒުވާނަކަށް މަލާމަތްކޮށް މީސްމީޑިއާގައި ޕޯސްޓެއް ކުރުމާ ގުޅިގެންނެވެ.

އެގޮތުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާން، އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުން ޒުވާނެއްގެ ފޮޓޯއެއް ހިއްސާކޮށް، އެ ކުއްޖާއަށް މަލާމާތާއި ފުރައްސާރަ ރައްދުވާ ފަދަ އިބާރާތްތަކެއް ބޭނުންކޮށްފައިވާ ކަމަށް މީސްމީޑިއާގެ އެކި މަންސަތަކުގައި އާންމުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ކެމްޕޭން ކުރަށްވަމުން ގެންދަވާ ޒަރިޔަންދު ވިދާޅުވީ، ޒުވާނަކު އޭނާއަށް ފެންނަ ގޮތް ނުވަތަ ޚިޔާލެއް ހިއްސާ ކުރުމުން އެކަމަށް މަލާމާތްކޮށް، ގަނާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ޒުވާނުން ވާހަކަ ދައްކާއިރު، ބޭނުންކުރެވޭ ކުށް ޢިބާރާތްތަކަށް ފާޑުކިޔައި، އެކުދިންނަށް ގަނާކުރުމުގެ ބަދަލުގައި ބޭނުންވަނީ އަޅާލުމާއި، ކަންކަން އޮންނަ ރަނގަޅު ގޮތް އޮޅުންފިލުވައިދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޒަރިޔަންދު ވިދާޅުވީ، ޒުވާނުންނަށް މަލާމާތްކޮށް، އެކުދިންނަށް ހިތްދަތިކަން ދިނުމުގެ ބަދަލުގައި، މުޖުތަމައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މިއަށްވުރެ ރަނގަޅު ގޮތްތައް އިޚްތިޔާރު ކުރެވިދާނެ ކަމަށެވެ. ޚާއްޞަކޮށް، ޒުވާނުންގެ އަޑުއަހައި، އެކުދިންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޒަރިޔަންދުގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ތާއީދު ލިބެމުންދާއިރު، މި މައުޟޫއަކީ ރާއްޖޭގެ އިޖުތިމާއީ މާހައުލުގައި ވެސް ފަހަކަށް އައިސް ބޮޑު ސަމާލުކަމެއް ލިބެމުންދާ ކަމެކެވެ.

އެގޮތުން ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ކަމަށްވާއިރު، އެކުދިންގެ އުފެއްދުންތެރި ޚިޔާލުތަކަށް އިހުތިރާމްކޮށް، ގޯސްކޮށް ކަމެއް ކުރެވޭ ހާލަތުގައި ވެސް ރިވެތި އުސޫލުން މަގުދައްކައިދިނުމަކީ އިސްލާމީ ރިވެތި އަޚުލާގާއި ދިވެހި މުޖުތަމައުގެ އަގުތަކާ ވެސް ގުޅިފައިވާ ކަމެއް ކަަމަށް މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު