ޑީހައިޑްރޭޓުވުމުގެ ސަބަބުން ސިކުނޑީގެ ސެލްތައް ކުޑަވޭ-
ޑީހައިޑްރޭޓުވުމުގެ ސަބަބުން ސިކުނޑީގެ ސެލްތައް ކުޑަވޭ-
އިންސާނާގެ ހަށިގަނޑުގެ ބޮޑުބަޔަކީ ފެން ކަމަށްވާއިރު، މީގެ ތެރެއިންވެސް އިންސާނާގެ ސިކުނޑީގެ ގާތްގަނޑަކަށް 75 އިންސައްތައަކީ ފެނެވެ. އެހެންކަމުން، ހަށިގަނޑުން ފެން މަދުވުން ނުވަތަ ޑީހައިޑްރޭޓު ވުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޑީހައިޑްރޭޓު ވުމުގެ ސަބަބުން ސިކުނޑިއަށް ކުރާ އެންމެ ބޮޑު އެއް އަސަރަކީ ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވުމާއި، ހަނދާން ބަލިވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުން ކުޑަ މިންވަރަކަށް ފެން މަދުވުމުންވެސް ސިކުނޑީގެ ސެލްތަކަށް ބުރޫއަރައި، ވިސްނުމުގެ ދުވެލި މަޑުޖެހެއެވެ. މީގެ އިތުރުން، ބޮލުގައި ރިއްސުމާއި، މޫޑު ގޯސްވުމާއި، އަދި ކަންކަމާ މާބޮޑަށް ފިކުރުބޮޑުވުން ފަދަ ނަފްސާނީ އުނދަގޫތައް ކުރިމަތިވުމަކީވެސް ފެން މަދުވުމުގެ ނަތީޖާއެއްގެ ގޮތުުން އިންސާނާއަށް ކުރިމަތިވާ ކަންކަމެވެ. ސިކުނޑީގެ ސެލްތަކުން ފެން މަދުވުމުން އެ ސެލްތައް ކުޑަވެ އޭގެ ސަބަބުން ސިކުނޑި އާދަޔާ ހިލާފު ބުރައެއް އުފުލައިގެން މަސައްކަތް ކުރަން ޖެހެއެވެ.

މިފަދަ ނޭދެވޭ އަސަރުތަކުން ދުރުވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގަވާއިދުން ފެން ބުއިމެވެ. ކަރުހިއްކައިގަންނަންދެން މަޑުނުކޮށް، ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައިގެން މަދުވެގެން 8 ތަށި ފެން ބޯން ޑޮކްޓަރުން އިރުޝާދު ދެއްވަނީ މިސަބަބާހުރެއެވެ. ޚާއްޞަކޮށް ހޫނުގަދަ ދުވަސްވަރުގައާއި، ކަސްރަތު ކުރާ ވަގުތުތަކުގައި މި މިންވަރު އިތުރުކުރަން ޖެހެއެވެ. ފެނުގެ އިތުރުން، ފެން ގިނަ މޭވާއާއި ތަރުކާރީ (މިސާލަކަށް ކަރާ، ކެކުރި، އަދި އޮރެންޖު) ބޭނުންކުރުމަކީ ހަށިގަނޑު ހައިޑްރޭޓުކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހަމައެއާއެކު، ހަށިގަނޑުން ފެން ބޭރުވުމަށް މެދުވެރިވާ ބުއިންތަކާ ދުރުހެލިވުމަކީވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މާގިނައިން ކެފޭން އެކުލެވޭ ބުއިންތައް ބުއިމުގެ ބަދަލުގައި، ގުދުރަތީ ފަނި ނުވަތަ ސާފު ފެން އިޚްތިޔާރު ކުރުން ބުއްދިވެރިއެވެ. އަދި ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލައިގެން ހުސްބަނޑާ 1 ތަށި ފެން ބުއިމަކީ ރޭގަނޑުގެ ނިދީގެ ވަގުތުގައި ސިކުނޑިން މަދުވި ފެން އަނބުރާ ހޯދައިދީ، ދުވަސް ފެށުމަށް ސިކުނޑި ތާޒާކޮށްދޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު