ކާމިޔާބު މީހުންނަށް އެހެން މީހުން އިހްތިރާމް ކުރޭ-
ކާމިޔާބު މީހުންނަށް އެހެން މީހުން އިހްތިރާމް ކުރޭ-
ކޮންމެ އައު އަހަރަކީވެސް އައު ފުރުޞަތުތަކަކާއި އުއްމީދުތަކެއް ގެނެސްދޭ އަހަރެކެވެ. ކާމިޔާބީއަކީ އެއީ އަމިއްލައަށް އައިސް މީހާގެ ދޮރުގައި ޓަކިޖަހާނެ އެއްޗެއް ނޫނެވެ. އެއީ ބުރަ މަސައްކަތާއި، ރޭވުންތެރިކަމާއި، ވަރުގަދަ އަޒުމެއްގެ މަތީގައި ދެމިހުރެގެން ހާސިލުކުރެވޭނެ އެއްޗެކެވެ. މިއަހަރަކީ ތިމާގެ ދިރިއުޅުމުގައި ކާމިޔާބު އަހަރަކަށް ހެދުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.

‎އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. މާތްﷲ އަށް އިޚްލާޞްތެރިވެ، ފަރުޟު ފަސް ނަމާދު ވަގުތުން އަދާކުރުމަކީ ހިތްހަމަޖެހުމާއި ކުރާ މަސައްކަތުގައި ބަރަކާތް ލިބިގެންދާނެ ކަމެކެވެ. ކޮންމެ މަސައްކަތެއް ފެށުމުގެ ކުރިން މާތްﷲ އަށް ވަކީލުކޮށް، އެކަލާނގެ މިންވަރުކުރެއްވި މިންވަރަށް ޝުކުރުވެރިވުމަކީ ކާމިޔާބީގެ އަސްލެވެ. ދީނީ އަޚްލާޤާއި އުޞޫލުތަކުގެ މަތީގައި ސާބިތުވެ ހުރުމަކީ އިންސާނާއަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމެކެވެ.

ދެވަނަ ކަމަކަށް، ސާފު ލަނޑުދަނޑިތަކެއް ކަނޑައަޅަންޖެހެއެވެ. މިއަހަރު ހާސިލް ކުރަން ބޭނުންވާ ކަންކަމަކީ ކޮބާތޯ އެމީހެއްގެ އަމިއްލަ ނަފްސާ ސުވާލު ކުރަން ޖެެހެއެވެ. އަދި އެކަންކަން ހާސިލް ކުތެވޭނެ ގޮތް ރާވަން ޖެހެއެވެ. ލަނޑުދަނޑިތަކަކީ ވާސިލުވެވޭނެ ފަދަ، އަދި ވަކި މުއްދަތެއްގެ ތެރޭގައި ނިންމޭނެ ކަންތައްތަކަށް ވާންޖެހެއެވެ. ކުދިކުދި ކާމިޔާބީތައް ފާހަގަކުރުމަކީ ބޮޑެތި ލަނޑުދަނޑިތަކަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

ތިންވަނަ ކަމަކީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. ބޭކާރު ކަންކަމުގައި ވަގުތު ނަގައިނުލައި، ކޮންމެ ދުވަހަކީވެސް އުފެއްދުންތެރި މަސައްކަތެއް ކުރެވޭ ދުވަހަކަށް ހަދަންޖެހެއެވެ. ހަމައެއާއެކު މިއަދު ކުރަން ހުރި ކަންކަން މާދަމާއަށް ފަސްނުކުރުމުގެ އާދަ އަށަގަންނަވަން ޖެހެއެވެ. އަދި އާދަކޮށް ފޮތްކިޔުމާއި، އައު ހުނަރުތައް ދަސްކުރުމަށް ވަގުތު ހުސްކުރުމަކީ އަމިއްލަ ނަފްސު ތަރައްޤީކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމަންޓެވެ.

ހަތަރުވަނަ ކަމަކީ ކެތްތެރިކަމާއި ހިތްވަރާއެކު ގޮންޖެހުންތަކާ ކުރިމަތިލުމެވެ. ކާމިޔާބީގެ މަގަކީ އަބަދު އޮމާން މަގަކަށް ނުވެދާނެއެވެ. ދަތިތަކާއި ހުރަސްތައް ކުރިމަތިވާނެއެވެ. ނަމަވެސް، ނާކާމިޔާބީއަކީ ފަހަތަށް ޖެހެންޖެހޭ ސަބަބެއް ކަމުގައި ނުހަދައި، އެއީ ލިބުނު ފިލާވަޅެއް ކަމުގައި ދެކެންވާނެއެވެ. ކާމިޔާބީ އަށް ވާސިލްވުމަށް މަސައްކަތުގައި ސާބިތުވެ ހުރުމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ކާމިޔާބީއަކީ ހަމައެކަނި މުއްސަނދިކަމެއް ނޫނެވެ. އެއީ ތިމާގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކުން ލިބޭ ކުރިއެރުމެވެ. އާއިލާއާއި ރަޙްމަތްތެރިންނާއެކު އޮންނަ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތްކޮށް، މިއަހަރަކީ އުފާވެރި، ކާމިޔާބު އަހަރަކަށް ހެދުމަށް މިއަދުން މިއަދަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. ކާމިޔާބީގެ ތަޅުދަނޑިއަކީ ތިމާގެ އަތުގައިވާ އެއްޗެކެވެ. އަހަރެމެންނަށް އޮތީ ބޭނުން ހެޔޮގަޮތުގައި ހިފަމުން ކުރިއަށް ދިއުމެވެ.



ކިޔުންތެރިންގެ ހިޔާލު