ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު
މަޖިލީހުގެ ޗުއްޓީއާ ދިމާކޮށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ނިންމީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައި މިވަނީ މާދަމާ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައި ޑރ. ޝަމްހީދު ވިދާޅުވީ ‏އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް، މާދަމާ ކުއްލި ޖަލްސާއެއް ބާއްވަން ނިންމިއިރު، ‏ހެނދުނު 9 ޖަހާއިރު އޮންނަ ޖަލްސާގެ ނޯޓިސް ފޮނުވީ މިއަދު ހެނދުނު ކަމަށެވެ.

މިއީ މަޖިލީހުގެ ޗުއްޓީއާ ދިމާކޮށް އެމްޑީޕީ ގިނަ މެންބަރުން ރާައްޖެއިން ބޭރުގައި ތިއްބެވި ދަނޑިވަޅުބަލައި ނިންމި ނިންމެވުމަށް ކަމަށް ޑރ. ޝަމްހީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

"‏މަޖިލިސް ޗުއްޓީއާއި ދިމާކޮށް އެމްޑީޕީ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބެވި ދަނޑިވަޅުބަލައި ދައުރުން ބޭރު ޖަލްސާ ބާއްވަން މި ނިންމީ އިދިކޮޅުގެ އަޑުކަނޑުވާލަން." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ ‏ރައްޔިތުންގެ މަޖިލީހަކީ ޕީއެންސީގެ ގޮތްޕެއް ނޫން ކަމަށާއި، މި ސަރުކާރުން މިދަނީ މުޅި ޑިމޮކްރެޓިކް ނިޒާމު ފުނޑާލަމުން ކަމަށެވެ. އަދި ‏މިހެން ކަންކުރާއިރު ޤައުމުތަކުގެ ހުދުމުހުތާރު ވެރިންގެވެސް ނިމުން އަންނަކަން ހަނދާން ކުރަން ޖެހޭ ކަމަށް ޑރ. ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

"އިއްޔެވެސް އެމަންޒަރު ފެނިގެން ހިނގައްޖެ." އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކުރި ކުރުމަށް އިޝާރާތް ކުރަމުން ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ގިނަ މަސައްކަތްތަކެއް ވަނީ ތާވަލު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު