ޞާދިރު ޢަލީދީދީ   1 އޮކްޓޯބަރު 2020 - 14:0
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 14

...............

[ދޮގުނަހަދާ ތެދަށް ބުނޭ....ފިރާޝާ ކީއްވެތަ އަހަންނަށް ތިޔަހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ....] މުޢާޒުގެ ދެލޯ ފެންކަޅިވިއެވެ.

[ކޮންކަމެއް އަހަރެން މުޢާޒަށް....އެއްވެސް ކަމެއް އޮޅުވައެއްނުލަން...ކާކު ކީކޭ ކިޔައިގެންތަ ތިއުޅެނީ؟] ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އޭނާއަށް ހަމަޔަށް ވާހަކަ ދެއްކެނީވެސް ކިރިޔާއެވެ.

[އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ކިޔައިގެނެއް ނޫން...މިއުޅެނީ...މިއުޅެނީ އަހަންނަށް ޙަޤީޤަތް ރަނގަޅަށް އޮޅުންފިލައިގެން...ދޮގު ނަހަދާ ތެދަށް ބުނޭ....ފިރާޝާގެ ބަނޑުގައި ތިވާ ދަރިފުޅުގެ ބައްޕައަކީ ކާކުތަ؟] ރުޅިއައިސްފައި ހުރި މުޢާޒު ފަތިވަރެއްހެން އަމުނާލިއެވެ. އެވަގުތު ކޮޓަރިތެރެއަށް އިތުރު މީހަކު ވަންހެން ހީވިއެވެ. އެ އިޙްސާސް ފިރާޝާއަށް ކުރެވުނުވެސް މެއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ދޮރާ ދިމާއަށް ބަލައިވެސްލެވުނެވެ.

މުޢާޒަށްވެސް އެ އިޙްސާސް ކުރެވުމާއެކު، އެނބުރި ހޯދާލެވުނެވެ. ނަމަވެސް، އިތުރު މީހަކު ވަންނާކަށް ކޮޓަރި ދޮރެއްވެސް ނުހުޅުވޭމެއެވެ. ދޮރު ހުޅުވިފައި ނެތުމުން މުޢާޒު އަނެއްކާވެސް ފިރާޝާއާ ކުރިމަތިލިއެވެ.

[ފިރާޝާގެ ތި ހިމޭންކަމުން އަހަންނަށް ނިކަން ރަނގަޅަށް ތެދު އެބަ ހާމަވޭ. އަހަންނަށް ގޯހެއް ހެދުމުގެ ކުރިން ޙަޤީޤަތަށް ކިޔައިދީ....] މުޢާޒުގެ އަޑު، ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ.

[އަހަރެން...އެއްވެސް ކަމެއް މުޢާޒަކަށް އޮޅުވައެއްނުލަން. އަހަރެންގެ ބަނޑުގައި މިވަނީ މުޢާޒު ނޫން ދެން ކާކުގެ ދަރިއެއް...ފަހަރެއްގައިވެސް އަހަރެން ހިއެއް ނުކުރަން، މުޢާޒު އަހަރެންގެ ބޮލުގައި ތިފަދަ ބޮޑު ބަދުނާމެއް އަޅުވަފާނެ ކަމަކަށް....] ފިރާޝާ ބާރަށް ރޮއިގަތެވެ.

މުޢާޒަކީ ހީކުރިހާ ހިތްވަރުގަދަ މީހެއް ނޫންކަން ސާބިތުވީ ދެނެވެ. ފިރާޝާ ރޯން ފެށުމާއެކުހެން މުޢާޒު މައިތިރިވެއްޖެއެވެ. އެއީ އޭނާގެ ޠަބީޢީ އާދައެކެވެ. އެއްވެސް މީހަކު ދެރަކޮށް ރޮއްވާލާކަށް އޭނާގެ ހިތެއް މިހާރަކު ނޭދެއެވެ. ޚާއްޞަކޮށް، އަންހެން ކުއްޖަކު އޭނާގެ ކުރިމަތީގައި ރޮއި ހިތާމަކުރާތަން ބަލާކަށް މިހާރަކަށް އައިސް އޭނާއަކަށް ކުޅަދާނައެއް ނުވެއެވެ. އެއީ ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. އާއެކެވެ. އޭނާ އަދިވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ސުދާގެ ރަޙްމަތްތެރިޔާ ޔުމްނާ މަރުވީ އޭނާގެ ސަބަބުންނެވެ. އެކަމަކު އެކަމުގައި އޭނާގެ ކުށެއްވާކަމަކަށް އޭނާ ޤަބޫލުކުރާ ހިތެއް ނުވެއެވެ. އެކަމަކު ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޔުމްނާ މަރުވެދިޔައީ ހަމަގައިމުވެސް އޭނާގެ ލޯބީގެ އަސަރުގައި ޖެހިގެނެވެ. އެކަން އޭނާއަށްވެސް އެނގެއެވެ. އެވާހަކަ ސުދާ އޭނާއަށް ކިޔައިދިނީއްސުރެން އަންހެން ކުދިންގެ ހިތްތަކުގެ ނާޒުކުކަމާ ދޭތެރޭ އޭނާއަށް ވިސްނެއެވެ.

މިރޭވެސް އެހާ ފަސޭހައިން އޭނާ ހަތިޔާރު ބަހައްޓަން ޖެހުނީ އެހެންވެގެނެވެ.

ފިރާޝާ ރޯން ފެށުމުން، އެ މަންޒަރު ބަލަން ނުހުރެ މުޢާޒު ނުކުތީ ބޭރަށެވެ. މުޢާޒު ކޮޓަރިން ނުކުތްތަން ސުދާއަށް ފެނުނެވެ. އެވަގުތު އޭނާގެ ތުންފަތްމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. ވެދާނެއެވެ. އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ފައިދާވީއެވެ. މުޢާޒު ނުކުތްތަން ބަލަން ހުރެފައި، އޭނާ މަޑުމަޑުން ކޮޓަރިއާ (ފިރާޝާ އޮތް) ދިމާއަށް ހިނގައިގެންފިއެވެ. އޭނާ މަޑުމަޑުން ގޮސް އެކޮޓަރިއަށް ވަނެވެ.

މުޢާޒު ހުރިހާ ފިކުރުތަކާއެކު އައިސް ބޮޑު ކޮޓަރީގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. މިހާރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ ތަފާތު ޚިޔާލުތަކެވެ. ބައެއްފަހަރު ހިތަށްއަރައެވެ. ކުރިމަތިވެގެން މިއުޅެނީ ކޮންފަދަ ކަންތައްގަނޑެއްބާއެވެ؟ މިއީ ފެންނަ ހުވަފެނެއްބާއެވެ؟ މިފަދަ ޚިޔާލުތަކަކުން މުޢާޒުގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ.

މިޚިޔާލުތަކާއި ފިކުރުތަކުގައި ބަނދެވިފައި ހުރި މުޢާޒަށް ޚިޔާލުތަކުން އެއްފަރާތް ވެވުނީ ފިރާޝާ އޮތް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އޭނާ އެނބުރި އެދިމާއަށް ބަލައިލިއެވެ. ކޮޓަރިން ނުކުތީ ފިރާޝާއެވެ. މުޢާޒު ކުޑަކޮށް ތެދުވެ ހަމަޖެހިލިއެވެ. ރޮމުން ރޮމުން އައިސް ފިރާޝާ ހުއްޓުނީ މުޢާޒުގެ ކުރިމައްޗަށްވާ ކަހަލަ ގޮތަކަށެވެ. މުޢާޒު އިސްއުފުލައި ފިރާޝާގެ މޫނަށް ބަލައިލިއެވެ.

[މުޢާޒު......އަހަންނަށް މަޢާފްކުރޭ....] ފިރާޝާގެ އަޑު، ކުރިއާ ތަފާތުހެންވެސް ހީވިއެވެ. ގަދަކަމުން ވާހަކަ ދައްކަން އުޅޭހެންވެސް ހީވިއެވެ. މުޢާޒު އަނގައިންވެސް ނުބުނެ އިނެވެ.

[އަހަންނަކީ މަޢާފް ޙައްޤުވާވަރުގެވެސް މީހެއް ނޫން. ބުނޭ އަހަންނަށް މަޢާފް ކުރާނަމޭ. މުޢާޒުގެ ޓެސްޓްތަކުގެ ނަތީޖާ ދައްކަނީ ރަނގަޅަށް....ކުޑަދަރިފުޅު އަޒްހާނަކީ މުޢާޒުގެ ދަރިއެއް ނޫން...އަހަރެންގެ ބަނޑުގައި މިއޮތީވެސް....] ފިރާޝާ ބާރަށް ރޮމުން ބުންޏެވެ. ފިރާޝާގެ މި ޖުމްލައާއެކު މުޢާޒަށް ތެދުވެވުނެވެ. ދަތްކުނޑި ވިކައިގަތުމާއެކު ފިރާޝާއާ ގާތަށް ޖެހިލިއެވެ.

[ޙަޔާތްކުޑަ....ކަން.....] މުޢާޒުގެ ގޮށްމުށުގެ ހޫނު އެތިފަހަރެއް ފިރާޝާގެ ކަންކަށިމައްޗަށް އަމާޒުވިއެވެ.

[އައްދިޔޯއި....އަހަންނަށް ތިހެން ނަހަދާ މުޢާޒު....] ފިރާޝާ އަޑުވީއްލާ ރޮއިގަތެވެ.

[ތިހެން ނަހަދާށޭ....ހަމަ މިހާރު މިގެއިން ނުކުމޭ....ތިކަހަލަ މުޑުދާރު، ގޮތެއް ނެތް މީހަކަށް އަހަރެންގެ އަންބެއްގެ މަޤާމު ދެވުނީތީވެސް އަހަރެން ދެރަވެއްޖެ. މިރެއިން ފެށިގެން ތިކަހަލަ މީހަކަށް އަންބެއްގެ މަޤާމު ދޭކަށެއްވެސް ބޭނުމެއް ނޫން. ތިހުރީ ވަރިކޮށްފައި.....ހަމަ މިހާރު މިގެއިން ނުކުމެގެންދޭ.] މުޢާޒަށްވެސް ރޮވުނެވެ.

[އާދޭސްކުރަން މުޢާޒު....ޒިއާމްވެސް މިދުނިޔެއަކު ނެތް...އަހަރެން މިގެއިން ބޭރުކޮށްނުލާ.] ފިރާޝާ ރޮމުން އާދޭސްކުރަން ފެށިއެވެ.

[އިތުރަށް ކަލޭގެ މުޑުދާރު ވާހަކަ އަޑުއަހާކަށްވެސް ބޭނުމެއް ނޫން. އަހަރެންގެ ކުރިމަތިން ހަމަ މިހާރު ދުރަށްދޭ. އެހެން ނޫނީ އަހަންނަށް ގޯހެއް ހެދިދާނެ.] މުޢާޒުގެ އަޑު ނިކަން ބާރުވެފައި ހަރުކަށްޓެވެ.

[އަހަންނަށް މަޢާފްކުރޭ މުޢާޒު.....] ފިރާޝާއަށް ގިސްލެވުނެވެ.

[މަޢާފޭ...ލަދެއްނުގަނޭތަ...އަހަރެންގެ ކުރިމަތީގައި އަނގަ ހުޅުވަން.] އަނެއްކާވެސް ގޮށްމުށުގެ ހޫނު އެތިފަހަރެއް ފިރާޝާގެ މޫނުމައްޗަށް އެރިއެވެ. އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން މުޢާޒު ހުރީ ހަމައިން ނައްޓާފައެވެ. އެއީ ވާނެވެސްގޮތެވެ. ތެދުވެރި ފިރިއަކާއި ކެހިވެރި އަންބަކާ ޖެހޭހިނދު، ކޮންމެ މީހަކަށްވެސް ބުއްދިއަށްވުރެން ރުޅި އިސްކުރެވުމަކީ ވެދާނެ ކަމެކެވެ.

[މުޢާޒު...ހެޔޮނުވާނެ...މުޢާޒު އަހަންނަށް ތިހެން ނަހަދާ...އަހަރެން މިގެއިން ނެރެނުލާ...ޒިއާމް މަރުވުމަށްފަހު، އަހަރެން ވިޔާނުދާކޮށެއް ނޫޅެމޭ...] ފިރާޝާ ރޮއިރޮއިފައި ބުންޏެވެ.

[ޒިއާމް މަރުވުމަށްފަހު ނޫޅެމޭ...ތިބުނާ މީހަކު މަރުވުމުގެ ކުރިން، ކަލޭ ލައްކަ ގޮތްގޮތަށް އުޅެފީމުތާ....] މުޢާޒުގެ ރުޅި އިހުނަށްވުރެން ގަދަވިއެވެ. ފިރާޝާއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނުވެސްމެއެވެ.

[އަހަރެންގެ ކުރިމަތިންދޭ...ހަމަ މިހާރު އަހަރެންގެ ކުރިމަތިންދޭ...ބުނެފީމެއްނު ދާށޭ...] މުޢާޒު އަތުގެ ނުފުށުން ދެލޯ ފޮހެލަމުން އަމުރުވެރި ރާގުގައި ބުންޏެވެ. ރޮމުން ފިރާޝާ ހިނގައިގަތީ އަނެއްކާވެސް ކޮޓަރިއާ ދިމާއަށެވެ. މުޢާޒު އަނެއްކާވެސް ސޯފާމައްޗަށް ވެއްޓިގަތެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވެނީއެވެ.

ފިރާޝާ ކޮޓަރިއާ އަރާ ހަމަކޮށް ހުއްޓި ފަސްއެނބުރި ބަލާލިއެވެ. ވެދާނެއެވެ. އޭނާ ހީކުރިއެވެ. އޭނާގެ ފަހަތުން މުޢާޒު އާދެއެވެ. ނަމަވެސް، އޭރު ސޯފާގައި އޮށޯވެގެން ކަހަލަ ގޮތަކަށް މުޢާޒު އޮތްތަން ފެނުމުން އޭނާގެ ހިތަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ.

ދެން އޭނާ ބަލައިލީ އިތުރު މީހަކު އޭނާ ފެންނަ ހިސާބުގައި ހުރިތޯއެވެ. މަންޒަރު ބަލަން މީހަކު ނެތްކަން ޔަޤީންވުމާއެކު އޭނާ ކޮޓަރި ދޮރު ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. ކޮޓަރި ދޮރާ ކައިރިވީވީހެން އޭނާގެ ސިފަ އައީ މަޑުމަޑުން ބަދަލުވަމުންނެވެ. ކޮޓަރި ދޮރުގެ ތަޅުގައި ހިފާލެވުމާއެކު، އޭނާގެ ސިފަ މުޅިން ބަދަލުވިއެވެ.

އާއެކެވެ. މިހާރު އެތާ ދޮރުމަތީގައި އެހުރީ ފިރާޝާއެއް ނޫނެވެ. ސުދާއެވެ. އެއްމިޔަކަނުން ވިހި ހިނިތުންވުމެއް ވެރިކޮށްގެންހުރެ ސުދާ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރުވެސް އެނދުމަތީގައި ރޮއިރޮއި ފިރާޝާ އޮތީއެވެ. ނަމަވެސް، ސުދާ ކޮޓަރިއަށް ވަން ތަނެއް ފިރާޝާއެއް ނުދެކެއެވެ. އެހެންޏާ ފިރާޝާ އޮތީވެސް ދޮރާ ދިމާއަށް ބަލަހައްޓައިގެނެވެ. ދޮރު ހުޅުވުނު ތަނެއްވެސް އޭނާއެއް ނުދެކެއެވެ. އެކޮޓަރިއަށް ވަންނަ ގޮތް ދެއްކި ނަމަވެސް، ސުދާ އެކޮޓަރިއަކަށް ނުވަދެއެވެ. އޭނާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ނިކަން ބޮޑު ހިތްހަމަޖެހުމަކާ އެކުގައެވެ. ކާމިޔާބު ލިބެން އުޅޭތީއެވެ. ނޫނީ ކާމިޔާބު ލިބިއްޖެ ކަމަށް ޤަބޫލު ކުރެވޭތީއެވެ. ކޮޓަރިއަށް ވަދެ އިރުކޮޅެއް ވަންދެން ވިސްނަން އިނުމަށްފަހު، ސުދާ އަނެއްކާވެސް ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް މުޢާޒުގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުއްޓުނެވެ. އޭރު މުޢާޒަށް އޮތީ ނިދިޖެހިފައެވެ.

[މުޢާޒު.....ބޭރުގައިތަ؟] ސުދާ މަޑުމަޑުން މުޢާޒަށް ގޮވިއެވެ. މުޢާޒު ދެލޯ ހުޅުވައި ސުދާއާ ދިމާއަށް ބަލައިލިއެވެ.

[ސުދާ....އަހަންނަށް އެހީވެދީ....އެ ކެހިވެރިޔާގެ ކިބައިން އަހަރެން ސަލާމަތް ވެއްޖައިން....އޭނަ އޭނަގެ ކުށަށް އިޢުތިރާފް ވެއްޖެ.] މުޢާޒު ސުދާގެ އަތުގައި ހިފެހެއްޓިއެވެ.

[އަހަރެން މުޢާޒަށް އެހީވާނަން...މުޢާޒަށް ހުރިހާ ލޯތްބެއްވެސް ހޯދައިދޭނަން.] މުޢާޒުގެ ގާތުގައި އޭނާ އިށީނެވެ.

[އެކަމަކު...ދަރިފުޅު ހާދަ ނިކަމެތިވާނެއޭ...އެއީ އަހަރެންގެ ލޭ ނޫނަސް، މިހުރިހާ ދުވަހު ދެވިފައިވާ ބައްޕައެއްގެ ލޯބި...އަހަރެންވެސް އެ ދަރިފުޅުދެކެ ހާދަ ލޯބިވެޔޭ....] ކުޑަ ދަރިފުޅު މަތިން ހަނދާންކޮށްފައި، މުޢާޒުގެ ލޮލުން ކަރުނަ ހިލިގަތެވެ.

[މުޢާޒަށް ހުރިހާ އުފަލެއްވެސް ލިބޭނެ. އަދި ދަރިއަކުވެސް ލިބޭނެ....] ސުދާ މުޢާޒަށް ހިތްވަރު ދިނުމުގެ ގޮތުން ބުންޏެވެ. ވަގުތަކީ ދަންވަރުގެ ވަގުތުކަމުން، ގޭގެ އެހެން ހުރިހާ މީހުންވެސް ތިބީ ނިދާފައެވެ. ހޭލާއުޅެނީ ސުދާއާއި މުޢާޒުގެ އިތުރުން، ކޮޓަރިތެރޭ ރޮއިރޮއި އޮތް ފިރާޝާއެވެ.

[އެކަމަކު އެ ދަރިފުޅު އަހަންނާ ވަކިވާހިނދު، އަހަންނަށް ހާދަ އަސަރެއް ކުރާނެޔޭ...އެއީ އެއްވެސް ކުށެއްނެތް މަޢުޞޫމް ކުއްޖެއް.] މުޢާޒަށް ކުޑަދަރިފުޅާ ދޭތެރޭ ވިސްނުނެވެ.

[ކޮންމެ ގޮތެއްވިޔަސް، އެކުއްޖާ ނުވާނެ....މުޢާޒުގެ ދަރިއަކަށް...ހިނގާ ކޮޓަރިއަށް ދާން....] ސުދާ މުޢާޒުގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އެރޭގެ ބާކީ އޮތް ވަގުތު މުޢާޒު ހޭދަކުރީ ސުދާގެ ކޮޓަރީގައި، ސުދާ ގާތުގައެވެ.

ހެނދުނު އޭނާއަށް ހޭލެވުނީ ސުދާގެ ބީހުންތަކެއް އިޙްސާސް ކުރެވިގެންނެވެ.

[މިތާނގައިތަ މި އޮވެވުނީ؟] މޯޅިއަކަށް ދެމިލުމަށްފަހު، މުޢާޒު ތެދުވިއެވެ. އޭރު ގަޑިން ގާތްގަނޑަކަށް ހެނދުނު ނުވައެއްޖަހާ ބޮޑުވެދާނެއެވެ. މުޢާޒު ތެދުވެގެން ގޮސް ކޮޓަރިން ނުކުތެވެ. އޭރު އަސްޢަދު ފުރޮޅުލީ ގޮނޑީގައި ބޮޑުކޮޓަރީގައި އިނެވެ. ސުދާގެ ކޮޓަރިން ބޭބެ ނުކުތްތައް އަސްޢަދަށް ރަނގަޅަށް ފެނުނެވެ. އެމަންޒަރު ފެނުމާއެކު، އަސްޢަދުގެ ލޮލުން ކަރުނަ ހިލިގަތެވެ. އިސާހިތު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެންފިއެވެ. މާގިނައިރުތަކެއްނުވެ އެމަންޒަރު މުޢާޒަށް ފެނުނެވެ. މުޢާޒު އައިގޮތަށް އައިސް، އަސްޢަދުގެ ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް ހުއްޓުނެވެ.

[ކިހިނެއްވީ...ނުރޮއި ހުއްޓާލާ...އިރާދަކުރެއްވިއްޔާ، ދެން މާގިނަ ދުވަހެއްނުވެ އަސްޢަދަށް ވާހަކަ ދެއްކިދާނެ.] މުޢާޒު އަސްޢަދުގެ ދެލޯ ފޮހެދިނެވެ. ކޮޓަރިން ސުދާ ނުކުތީ އެވަގުތުއެވެ. ސުދާ ފެނުމާއެކު، އަސްޢަދުގެ ލޮލުން އަނެއްކާވެސް ހޯސްލާފައި ކަރުނަ ފައިބައިގެންފިއެވެ. ސުދާވެސް އައިގޮތަށް އައިސް ހުއްޓުނީ ސީދާ އަސްޢަދު ގާތަށެވެ. އެވަގުތު އަސްޢަދު ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނުހެންވެސް ހީވިއެވެ.

[ކިހިނެއްވީ؟...އަސްޢަދު ރޮނީ؟] އެވަގުތު އެތަނަށް އައިސް ހުއްޓުނު ޒަކީ މުޢާޒުމެނާ މުޚާޠަބު ކުރިއެވެ. އޭރު ކުޑަދަރިފުޅު އަޒްހާންވެސް ދެލޯ އުގުޅަމުން ކޮޓަރިން ނުކުމެގެން އައިސް އައިސް ހުއްޓެވެ. މުޢާޒާއި ސުދާއަށް އެދިމާއަށް ބަލައިލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އަޒްހާން އައިގޮތަށް އައިސް، މުޢާޒުގެ ކަރުގައި އެލިގަތެވެ. މުޢާޒަށް ބޭއިޚްތިޔާރުގައި ދަރިފުޅާ ލޯބިކޮށްލެވުނެވެ.

[ބައްޕާ...މަންމީ ރޮނީ ކީއްވެތަ؟...އައިސްބަލަ ކޮއްކޮއާއެކު ކޮޓަރިއަށް.] އަޒްހާން މުޢާޒުގެ އަތުގައި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ސުދާ ވިހަގޮތަކަށް (ނަޒަރަކުން) އެމަންޒަރު ބަލަން ހުއްޓެވެ. އަޒްހާން މުޢާޒުގެ އަތުގައި ހިފައިގެން ގޮސް ފިރާޝާ އޮތް ކޮޓަރިއަށް ވަނެވެ.

[ހިނގާ ނާސްތާ ކުރަން....އަސްޢަދުވެސް ގޮވައިގެން އާދޭ.] ސުދާ ހިނގައިގަތީ ކާކޮޓަރިއާ ދިމާއަށެވެ.

މުޢާޒު ކޮޓަރިއަށް ވައްދާފައި، އަނެއްކާވެސް ކުޑަކުޑަ އަޒްހާން ކޮޓަރިން ނުކުތެވެ.

[ކީއްވެތަ ތިއޮތީ؟ އަދިވެސް މިގެއިން ދާކަށް ނުވޭތަ؟ މިހާރު ތީ އަހަންނާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން....މަކަރުވެރި ކަރުނަ ކޮންމެހެން އަހަރެންގެ ކުރިމަތީގައި އޮހޮރާނެ ކަމެއް ނެތް.] މުޢާޒު ބުންޏެވެ. އޭރުވެސް ފިރާޝާ އަމިއްލަ ކުށް އިޙްސާސް ކޮށްފައި ރޮނީއެވެ.

[ހެޔޮނުވާނެ މުޢާޒު....އަހަރެން މުޢާޒުގެ ޙަޔާތުން ބާކީނުކުރޭ...އާދޭސްކުރަން....] ފިރާޝާ ރޮއިރޮއިފައި އާދޭސް ކުރިއެވެ. ނަމަވެސް، ފިރާޝާގެ އެ ރުއިމަކުން މިހާރަކު އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. ފިރާޝާގެ އާދޭސްކުރުންތަކުން އޭނާ ގާތަށް އަންނަ ރުޅިއައީ އިހުނަށްވުރެ ގަދަވަމުންނެވެ.

[ދެން ފިރާޝާގެ ތި އާދޭހުގެ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން...އަހަރެންގެ އަތުންފައިން ގޯހެއް ހެދުމުގެ ކުރިން މިގެއިން ނުކުމެގެންދޭ....] މުޢާޒު އަމުރުކުރިއެވެ.

ދުވަސްތަކަކަށްފަހު، ސުދާގެ ބައްޕަ ވަސީމް މާލެ އައީ އެދުވަހުއެވެ. ހެނދުނުގެ ވަގުތުކަމުން، ދަރިފުޅު އުޅޭނީ ބަދިގެފަރާތުގައިކަން އެނގޭތީ، ވަސީމް އައިގޮތަށް ގޮސް ވަނީ ކާކޮޓަރިއަށެވެ. އޭރު ކާކޮޓަރީގައި އަސްޢަދާއި ޒަކީގެ އިތުރުން ޙަފީޒާވެސް ނާސްތާކުރަން ތިއްބެވެ. އޭރުވެސް ސުދާ އިނީ ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލުވެގެންނެވެ.

[އައްސަލާމް ޢަލައިކުމް...ދަރިފުޅާ...] ވަސީމް ދޮރުމައްޗަށް ހުއްޓި، އެންމެންގެ ސަމާލުކަން ހޯދުމަށްފަހު، ދަރިފުޅަށް ގޮވާލިއެވެ. ވަސީމްގެ އަޑާއެކު ސުދާއަށް ބަލައިލެވުނީ ފަހަރަކު މީހެއްގެ މޫނަށެވެ. އެވަގުތުވެސް އަސްޢަދު ވަސީމް ގާތު ކޮންމެވެސް ވާހަކައެއް ބުނަން އުޅުނުހެން ހީވިއެވެ. ސުދާއަށްވެސް އެކަން ފާހަގަކުރެވުނެވެ. މިހާރު ދުނިޔެމަތިން އޭނާއަށް ހުރިހާވެސް ބިރަކީ އަސްޢަދު ކަމުގައި އޭނާ ޤަބޫލު ކުރެއެވެ.

[ދަރިފުޅާ...އުފަލެއްނުވޭތަ...މިހާ ގިނަ ދުވަސްކޮށްފައި ބައްޕަ ފެނުނީމަ....އަނެއްކާ ބަލީތަ ދަރިފުޅު....] ފުރަތަމަ ފެނިލުމާއެކުވެސް ސުދާއަށް އައިސްފައިވާ ބަދަލު ވަސީމަށް ފާހަގަކުރެވުނެވެ. އޭނާގެ ދަރިފުޅު މާނުރައްޓެހި ގޮތަކަށް އިނުމުން، އޭނާ ޙައިރާންވެސްވިއެވެ. ވަސީމް ވާހަކަ ދައްކަނީ ސުދާއާކަން އޭނާއަށް ވިސްނުނީ ދެނެވެ.

[އުނހު...ބައްޕަ ކީއްވެތަ...މާލެ ނައިސް، މާގިނަ ދުވަސްވީ؟] ސުދާ މަސައްކަތް ހުއްޓާލާފައި އައިސް ބައްޕަ ގާތަށް ހުއްޓުނެވެ.

[ދަރިފުޅާ...ބައްޕަ މިހާރު މި ޤަޞްދުކުރަނީ ދަރިފުޅު ގޮވައިގެން ރަށަށްދާން....މިހާރު ރަށުގައި އުޅޭއިރު ބައްޕަވެސް ދޭތެރެ ދޭތެރެއިން ބަލިވެސްވޭ....] ވަސީމްގެ މި ޖުމްލައާއެކު، ވަގުތުން ސުދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެކަން އެހެން މީހުނަށް ފާހަގަނުކުރެވުނަސް، ހުރިހާ ޙަޤީޤަތެއް އެނގިހުރި އަސްޢަދަށް ނިކަން ރަނގަޅަށް ފާހަގަކުރެވުނެވެ.

[ވަސީމް ހާދަ ދުވަހެއްކޮށްފަ...އަނެއްކާ ކިހިނެއްވީތަ.....؟ މިފަހަރު ވަސީމްއާ ވާހަކަ ދެއްކީ ޒަކީއެވެ.

[އެންމެފަހުން ދިޔަގޮތަށް ވަރަށް ގަދައަށް ބަލިވި...ދިވެހިބޭސް ރަނގަޅަށް ނުކުރެވުނުނަމަ...އަހަރެން އަދިވެސް އޮތީހީ އެޙާލުގައި....މިމަންޖެ ދެރަވާނެވަރު ހިތަށްއަރާ މިރަށަށް ނޭންގީވެސް.] ވަސީމް އޮޅުންފިލުވައިދިނެވެ.

[އަޅެ ކީއްވެތަ...ބައްޕަ އަހަންނަށް ނުގުޅީ؟ ބައްޕަ އެކަނި ހާދަ ޙާލެއްގައޭ އުޅޭނީ.] ސުދާ ވަސީމްގެ އަތުގައި ހިފަހައްޓާލިއެވެ.

[އާނ ދަރިފުޅާ...ގެޔާ ޖެހިގެން ހުރި ގޭ ނާފިލް ބައްޕައަށް އެހީނުވިނަމަ، ބައްޕަ އުޅުނީހީ ވަރަށް ނިކަމެތި ޙާލެއްގައި. އެސޮރު ބައްޕައަށް ހާދަ ހެވޭ. ރެޔާދުވާލު އެސޮރު ހޭދަކުރަނީ ބައްޕަ ގާތުގައި. މިދަތުރުގައި އެސޮރު ބައްޕައާއެކު މާލެވެސް އައޭ.....] ނާފިލަށް ތަޢުރީފް ކުރަމުން ވަސީމް ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން