ރައްޔިތުންގެ މަޖިލިސް-
ރައްޔިތުންގެ މަޖިލިސް-
އުމުރުން 75 އަހަރުވާންދެން ދައުލަތުގެ ވަޒީފާގައި ދެމި ހުރުމުގެ ފުރުސަތު އޮންނަ ގޮތަށް "ރީ އެމްޕްލޯއިމަންޓްގެ ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 46 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ފަސް މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލަކީ ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް އުމުރުން 75 އަހަރާ ހަމައަށް މަސައްކަތް ކުރުމުގެ މަގުފަހިކޮށްދީ، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.

ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލު ކުރެވޭނެ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ބުނެފައިވާ ގޮތުން ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަޒީފާގައި ދެމި ތިބުމަށް އެދޭ މީހުންނަށެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް އަހަރު ކުރިން ޕެންޝަން ހައްގުވުމުގެ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ހަމަޖައްސައިދެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އެހެންނަނަމަވެސް އެ އުސޫލުން ވަޒީފާ ހަމަޖައްސަން ޖެހޭނީ އަހަރުން އަހަރަށް އާ ކުރަން ޖެހޭ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް ހަމަޖެއްސިދާނެ ކަމަށް ބިލުގައި ވެއެވެ.

ބިލުގައި ވާގޮތުން ރި އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާދޭ ފަރާތްތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރޭގައެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބުނު ނަމަވެސް ޕެންޝަނާ ބެހޭ ގާނޫނުން ލިބިދޭން ޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެ ކަމަށްވެސް ބިލުގައި ބަޔާަންކޮށްފައި ވެއެވެ.

އުމުރުން 65 އަހަރު ވުމަށްފަހު ވެސް ވަޒީފާގައި ތިބެން ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަ މަސް ދުވަސް ކުރިން ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނަމަ، މި ބިލް ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް މަސް ދުވަހުގެ ތެރޭގައި ރީ އެމްޕްލޯއިމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

ނަމަވެސް ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނުއަސާސީ އާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ގާނޫނު ނުހިނގާނެއެވެ.



ކިޔުންތެރިންގެ ހިޔާލު