ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް
ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންތިހާބު ބާއްވާ ގޮތާއި ކުޅުއްވަން ބޭނުންފުޅުވާނަމަ ވަޑައިގަންނަވަން ޖެހޭނީ އިންތިހާބަކަށް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން، ކުރެއްވި ޕޯސްޓެއްގައެވެ.

ކުރީގެ ނާއިބް ރައީސްކަންވެސް އަދާކުރެއްވި ޑރ. ޖަމީލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު، ރައްޔިތުންނަށް ވަރަށް ބޮޑު މެނިފެސްޓޯއެއް އެމަނިކުފާނު ހުށަހެޅުއްވި ކަމަށެވެ. އެހެންނަމަވެސް، އެ މެނިފެސްޓޯގައިވާ އެއްވެސް ހިސާބެއްގައި ނުވަތަ ވައުދެއްގައި، ގާނޫނު އަސާސީއަށް މިފަދަ ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވާހަކައެއް ހިމަނާފައި ނުވާކަން ޑރ.ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.

"އެހެންވީމާ މިގޮތަށް އިންތިޚާބުތަކާ ކުޅުމުގެ ބާރު ރައްޔިތުން (ރައީސް މުޢިއްޒަށް) ދީފައެއް ނުވޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި މިފަދަ ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުންނަމަ، އެކަމަށް ރައްޔިތުންގެ މެންޑޭޓެއް ހޯދުމަށް އިންތިޚާބަކަށް ދިއުން ލާޒިމްކުރާ ކަމަށެވެ. އެފަދަ މެންޑޭޓެއް ނެތި މި ބަދަލު ގެނައުމަކީ ޢައިރު ދުސްތޫރީ ކަމެއްގެ ގޮތުގައި ކުރީގެ ޖަސްޓިސް މިނިސްޓަރު ކަންވެސް ކުރެއްވި ޖަމީލް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން މި ބަދަލު ގެންނަން މަސައްކަތް ކުރަނީ ރައްޔިތުންގެ ތާއީދު މިހާރު ނެތްކަން އެނގޭތީ ކަމަށާއި، މިއީ އިންތިޚާބުތައް "ޖަހައިގަތުމަށް" ހިންގާ ބޮޑު ޖަރީމާއެއް ކަމަށްވެސް ޑރ. ޖަމީލް ތުހުމަތު ކުރެއްވިއެވެ.

"މިއީ އިންތިޚާބުތައް ޖަހައިގަތުމަށް ހިންގާ ޖަރީމާތަކުގެ ތެރެއިން ބޮޑު ކްރައިމެއް! އެންމެން އެކުގައި މިކަމާ ދެކޮޅަށް ތެދުވުން ލާޒިމް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީ ބާއްވަން ޤާނޫނު އަސާސީއަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ބިލުވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު