ބައިވެރިޔާއާއެކު ވަގުތު ހޭދަކުރުން-
ބައިވެރިޔާއާއެކު ވަގުތު ހޭދަކުރުން-
ކައިވެންޏަކީ ދެމަފިރިއަކު އެކުގައި އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ވާ އަހުދެކެވެ. އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައިވާ މި ގުޅުން ދެމެހެއްޓުމަށްޓަކައި، އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، ލޯބި ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބައިވެރިޔާގެ ހިތް ރުއްސާލައި، ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރެއެވެ.

އެކަންކަމަށް ބަލާއިރު ބައިވެރިޔާއާ މުއާމަލާތުކުރުމުގައި އޯގާތެރިކަމާއި މަޑުމައިތިރިކަން އިސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައިވެރިޔާ ދައްކާ ވާހަކަ ސަމާލުކަމާއެކު އަޑުއެހުމާއި، އޭނާގެ އިހުސާސްތައް ދެނެގަތުމަކީ އޭނާއަށް ދެވޭ ވަރަށް ބޮޑު ގަދަރެކެވެ. ހިނިތުންވުމާއެކު ބައިވެރިޔާއާ ކުރިމަތިލުމާއި، ވާހަކަދައްކާއިރު ލޯބިވެތި ބަސްތައް ބޭނުންކުރުމަކީ ހިތްތަކުގައި ލޯބި އިތުރުވެ، ނުތަނަވަސްކަން ފިލައިގެންދާނެ ކަންކަމެވެ.

ބައިވެރިޔާ ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޝުކުރުވެރިވުމަކީ ހިތް ރުއްސާލުމަށް ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ގޭތެރޭގެ ޒިންމާތަކުގައި ނުވަތަ ދިރިއުޅުމުގެ މުހިންމު ކަންކަމުގައި ބައިވެރިޔާވާ ގުރުބާނީ ފާހަގަކޮށް، ބަހުންނާއި އަމަލުން އެކަން ހާމަކުރަންވާނެއެވެ. ކުދިކުދި ކަންތައްތަކުގައި އެހީތެރިވުމާއި، ބައިވެރިޔާ ކުރާ ރަނގަޅު ކަންކަމަށް ތައުރީފުކުރުމަކީ އޭނާގެ ހިތުގައި ތިމާއަށް އޮންނަ ލޯބި އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ.

މީގެ އިތުރުން، ބައިވެރިޔާއަށްޓަކައި ހާއްސަ ވަގުތު ހުސްކުރުމަކީ ގުޅުން ބަދަހިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދިރިއުޅުމުގެ ބުރަ މަސައްކަތްތަކުގެ ތެރެއިން، ފޯނާއި އެހެނިހެން ދުނިޔަވީ ކަންކަމާ ދުރުވެ، ހަމައެކަނި ބައިވެރިޔާއާއެކު ވަގުތު ހޭދަކުރުމުން އޭނާއަށް ތިމާގެ ދިރިއުޅުމުގައި ދެވިފައިވާ މުހިންމުކަން ހާމަވެގެންދެއެވެ. ބައެއް ފަހަރު ކުދިކުދި ހަދިޔާ ދިނުމާއި، އޭނާ ގަޔާވާ ފަދަ ކަންކަން ސަޕްރައިޒެއްގެ ގޮތުގައި ކުރުމަކީވެސް ހިތްހަމަޖެހުން ގެނުވައިދޭނެ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު