[އަހަރެން ނުދެކެން، ޝަބްނަމް ފްލައިޓުން ފޭބި ތަނެއް. ރިޝްފާން ދުށިންތަ؟] މަޥްޟޫޢު ބަދަލުކޮށްލަމުން ޒައިދު ވާހަކަ ދެއްކިއެވެ.

[އާނ...އަހަރެން ދުށިން. އަހަރެންގެ ކުރީގައި ހުރެގެން ޝަބްނަމް ނުކުތީ. ޒައިދަކަށް ނުފެންނާނެ. މަލީޙާގެ ހަނދާންތަކަށް ގޮސް، މީހާ ތިހުންނަނީ ހިޖުރަ އޮޅި، މީލާދީވެސް އޮޅިފައިވިއްޔަ.] ރިޝްފާނާއި ޝަބްނަމް އެކުއެކީގައި ހީގަތެވެ.

ދިހަވަރަކަށް މިނެޓްއިރުގެ ދުއްވުމަކަށްފަހު، ރިޝްފާންގެ ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލައިފިއެވެ. ކާރު މަޑުކުރި އަޑާއެކު، ރިޝްފާންގެ މަންމަ ވަރުދާ މަގަށް ނުކުތެވެ. މަންމަގެ ފަހަތުން ރިޝްފާންގެ ކޮއްކޮ ރަޝާވެސް ނުކުތެވެ. ރަޝާއަކީ އޭނާގެ ބޭބެޔާ ހެދި ނިކަންވަރުހުންނަ ކުއްޖެކެވެ.

[ބޭބޭ...ހާދަ ދޮން ދައްތައެއް...] ރިޝްފާންގެ އަތުގައި ހިފަހައްޓާލަމުން ރަޝާ ޝަބްނަމްގެ މޫނަށް ބަލައިލަމުން ބުންޏެވެ.

އެއަށްފަހު، ރިޝްފާން ޝަބްނަމަށް އޭނާގެ މަންމައާއި ކޮއްކޮ ތަޢާރަފްކޮށްދީ، މަންމައާއި ކޮއްކޮއަށް ޝަބްނަމް ތަޢާރަފްކޮށްދިނެވެ. ނަމަވެސް، އޭނަޔާ ޝަބްނަމާ ދޭތެރޭ އޮންނަ ގުޅުމުގެ ވާހަކައެއް ކިޔައެއްނުދެއެވެ. ވެދާނެއެވެ. އަދި މަންމަގެ ޚިޔާލު ހުރިގޮތް ނޭނގޭތީ، އެވާހަކަ ދައްކަން އޭނާ ފަސްޖެހެނީއެވެ. އޭނާގެ ޙަޔާތަށް ފަރަންޖީއަކު ގެނައުމަކީ މަންމައާއި ބައްޕަ މާރުހޭ ކަމަަކަށް ނުވެދާނެއެވެ. ވުމާއެކު، އޭނާ ބޭނުންވަނީ، މެހްމާނެއްގެ ގޮތުގައި ޝަބްނަމް އެގޭގައި ބަހައްޓައިގެން ހުރެމެ، މަންމަމެންގެ ޚިޔާލުތައް ދެނެގަންނާށެވެ.

ޝަބްނަމަކީ ޢާންމު އަންހެން ކުދިންނާ ޚިލާފަށް ހުޝިޔާރު އަންހެން ކުއްޖެއްކަންވެސް އޭނާއަށް ޤަބޫލު ކުރެވެއެވެ. ވުމާއެކު، މަންމަމެންގެ ހިތުން މަޤާމެއް ކަށަވަރު ކުރުވުމަކީ ޝަބްނަމަށް މާބޮޑު ކަމަކަށް ނުވެދާނެއެވެ.

ނަމަވެސް ހިތަށްއަރައެވެ. މާޙައުލު ޝަބްނަމާ ގުޅޭނެބާއެވެ. ޝަބްނަމަކީ ކުރިން ދުވަހަކުވެސް ގެއެއްގެ ހިޔާވަހިކަމުގައި ދިރިއުޅުން ތަޖްރިބާކޮށްފައިވާ ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުމުގެ ވަގުތުތައް ގިނައިން ހޭދަކޮށްފައިވަނީ އެކިއެކި މާމެލާމެލީގެ ބަގީޗާތަކުގައެވެ. އޭނާގެ ދިރިއުޅުމާ މާމެލާމެެލީގެ ބަގީޗާތަކާ ވަނީ ގުޅިލާމެހިފައެވެ. އެހެންކަމުން، ރިޝްފާންގެ ގެ ކަމުގައިވާ އަބުހަރީގެޔަށް އައި ފުރަތަމަ ދުވަހުވެސް ޝަބްނަމް ބަލައި ހޯދީ، އެގޭ ގޯތިތެރޭގައި އެފަދަ ބަގީޗާއެއްވޭތޯއެވެ. ރިޝްފާންގެ މަންމަ ވަރުދާއަކީވެސް ހިސާބަކަށް ބަގީޗާ ހައްދާ މީހަކަށްވާތީ، އެގޭ ދޮރުމަތީގައި (މެދުމަތީގައި)ވެސް ކުޑަވަރެއްގެ ބަގީޗާއެއް އޮވެއެވެ. އެހެންކަމުން، އެއީ ޝަބްނަމަށް ލިބުނު ހިސާބެއްގެ ހިތްހަމަޖެހުމަކަށްވިއެވެ. އެހެން ނަމަވެސް، އެ ބަގީޗާއަކީ މާއަޅާ ބަގީޗާއަކަށް ނުވެއްޖެއްޔާ، ޝަބްނަމް ނާއުންމީދުވާނެއެވެ.

ނަމަވެސް، ފަހަކަށް އައިސް މަރަދޫއާއި އެރަށާ ގުޅިފައިވާ އެހެން ރަށްތަކުގެ ރަށްވެހިންނަކީވެސް މާގަސް އިންދުމުގެ އާދަ ހިފިފައިވާ ބަޔަކަށްވާތީ، ކޮންމެ ގެއެއްގެ މެދުމަތީގައިވެސް އެގެޔަކާ ގުޅޭ ވަރެއްގެ ބަގީޗާއެއް އޮވެއެވެ. އެއީ ޝަބްނަމަށް ލިބިފައިވާ ހިތްހަމަޖެހުމެކެވެ. އަބުހަރީގޭ ގޯތިން މާމެލާމެލީގެ ހިތްހަމަޖެހުން ނުލިބެނީނަމަ، އަވަށްޓެރި ގެއެއް އޭނާއަށް ޙިއްޞާ ކުރެވިދާނެއެވެ.

[ރިޝްފާނަށް ހީވޭތަ، ރިޝްފާންގެ މަންމައާއި ބައްޕަ އަހަރެމެންގެ ގުޅުމަށް މަރުޙަބާ ކިޔާނެހެން.] ޝަބްނަމާ ރިޝްފާން ވާހަކަ ދެއްކީ، ޝަބްނަމް ނިދަން ޚާއްޞަ ކޮށްފައިވާ ކޮޓަރީގައި ތިބެއެވެ. އެއީ ދަންވަރުގެ ހިމޭންވަގުތު ކަމަށްވުމުން، ޝަބްނަމާއި ރިޝްފާން ނޫން އެހެން ހުރިހާ މީހުން ނިދާފައިވާ ކަމަށް ޤަބޫލު ކުރެވެއެވެ.

[އާނ...ކީއްވެތަ މަންމަމެން ނުޤަބޫލުވާންވީ.] ރިޝްފާން ޝަބްނަމް އޭނާޔާ ގާތަށް ލަފާލައި މޭގައި ލައްކޮށްލިއެވެ.

[ރިޝްފާން...އެކަމަކު އަހަންނަށް ހީވަނީ...ރިޝްގެ ޢާއިލާގެ އެކަކުވެސް އަހަންނާ ޤަބޫލު ނުވާނެހެން...[ ޝަބްނަމް ރިޝްފާގެ ލޮލާއި ލޯ ސީދާކޮށް، ނުހަނު ފުން ނަޒަރަކުން އެލޮލަށް ބަލަން އިނދެފައި ބުންޏެވެ.

[މިފަދަ އުފާވެރި ވަގުތެއްގައި ތިކަހަލަ ވާހަކަ ދައްކައިގެން، އަހަރެންގެ މޫޑު ބަދަލުކުރަން ޝަބްނަމް ނޫޅެބަލަ.] އޭރު ރިޝްފާންގެ މޫނުމަތީގެ އަސަރުވަނީ ބަދަލުވެފައެވެ.

ކުރެވެމުންދަނީވެސް ތަފާތު ޙަރަކާތްތަކެކެވެ. މަޑުމަޑުން އޭނާގެ އަތުގެ އިނގިލިތައް ޙަރަކާތްތެރިވަމުން އެދަނީ ޝަބްނަމްގެ ބުރަކަށްޓާއި އުނަގަނޑާ ދިމާގައެވެ. އެހިނދު ރިޝްފާންގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ އަސަރުތަކުން އޭނާގެ ބޭނުންތައް ޝަބްނަމަށް އިޙްސާސްކުރެވޭ ކަހަލައެވެ. އެހެންކަމުން، ލޯބިވެރިޔާގެ ބޭނުންތަކަށް އޭނާއަށް މަރްޙަބާ ކިޔުނީ އަމިއްލަ ޝަޚްޞިއްޔަތާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލުމެއްނެތިއެވެ. އަބުރާއި ޢިއްޒަތް، ޢިއްފަތާއި ޤަދަރާ ދޭތެރޭ ވިސްނި، އެކަންތައްތަކާ ދޭތެރޭ ޚިޔާލު އައިއިރު ވަގުތު ފާއިތުވެއްޖެއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލޯބިވެރިޔާގެ ޙައްޤުގައި ލޯބިވެރި ބައިވެރިޔާގެ އުފާތަކަށްޓަކައި އަމިއްލަ ޢިއްޒަތުގެ ޚިޔާލު ކަޝްފުވިއެވެ.

އެއީ މިހާރުގެ އަންހެން ކުދިންނަށް ބަލާއިރު ބޮޑު މައްސަލަޔަކަށް ނުވެދާނެއެވެ. ނަމަވެސް، ހަމަ ވިސްނުމުގެ ބާރު ލިބިފައިވާ އެއްވެސް އަންހެން ކުއްޖަކު އެއީ އާދައިގެ ކަމެއް ކަމަށް ދެކޭނޭ ކަމަކަށް ނުބެލެވެއެވެ.

ޒަވާޖީ ގުޅުމުގެ ކުރިން ޒަވާޖީ ޙަޔާތުގެ ލައްޒަތު ލިބިއްޖެ ކުއްޖަކަށް، އާ ކައިވެނީގެ ރޭގެ އުފަލާއި ހިތްހަމަޖެހުން ނުލިބޭނެކަމީ، އެއްވެސް ޝައްކެއްވާ ކަމެއް ނޫނެވެ.

އާއެކެވެ. އެފަދަ އަންހެން ކުއްޖަކަށްވެސް އަދި ފިރިހެނަކަށްވެސް އެރޭގެ ފޮނި އިޙްސާސްތަކެއް ނުކުރެވޭނެއެވެ.

ނަމަވެސް ކުރެވިދިޔަ ކަންތަކާ ދޭތެރޭ ފަހަކުންވެސް ޝަބްނަމް ދެރައެއްނުވެއެވެ. ދެރަވީ ރިޝްފާނެވެ.

[ސޮރީ....ވަރަށް....ވަރަށް ބޮޑަށް ސޮރީ.] ޝަބްނަމްގެ ކިބައިން ރިޝްފާން މަޢާފަށް އެދުނެވެ. އެއީ އެއްވެސް ކަމެއް ނޫނޭ ބުނެފައި، ޝަބްނަމް ހިނިތުންވެލީއެވެ.

އެރެޔަށްފަހު ޝަބްނަމާ ރިޝްފާންގެ ގުޅުން އިތުރަށް ބަދަހިވެ، އެކަކަށް އަނެކަކު ބޭނުންވުން އިތުރުވާން ފެށިއެވެ.

މިދެމީހުންގެ ދޭތެރޭ އޮންނަނީ އާދައިގެ ގުޅުމެއް ނޫންކަން ރިޝްފާންގެ މަންމައަށް އެންމެފަހުން ވިސްނި، ރިޝްފާންގެ ބައްޕަ ފިކުރީއަށް އޭނާ ގުޅާފައި އޭނާ ގާތު އެވާހަކަ ދައްކައިފިއެވެ. ފިކުރީ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ޚަބަރު ލިބުމާއެކު، އޭނާ މަސައްކަތްކުރާ އޮފީހުން ޗުއްޓީ ނަގައިގެން އަރައި ފުރައިގެން ރަށަށް ދާން އޭނާ ޤަޞްދުކުރިއެވެ.

[ރިޝްފާން...ދަރިފުޅުގެ ބައްޕަ ބުނީ ނިކަން އަވަހަށް އެބަ އަންނަމޯ. ބައްޕަ އައުމުގެ ކުރިން ތި ފަރަންޖީ އަންހެން ކުއްޖާވެސް ރަށަށް ފޮނުވާލަންވާނެއެއްނު.] ޝަބްނަމާ ދޭތެރޭ ހިތްހަމަނުޖެހޭކަން ފުރަތަމަފަހަރަށް ވަރުދާ ފާޅުކުރިއެވެ.

މަންމަގެ އެ ޖުމްލައިން ރިޝްފާނަށް ސިހުން ލިބުނަސް، ކުރިމަތީގައި ހުރި މަންމަގެ ޤަދަރަށްޓަކައި އޭނާ ހިމޭނުން ހުރީއެވެ.

[މަންމާ...ބައްޕަ އަޔަސް، ޝަބްނަމަށް މިގޭގައި ހުރެވިދާނެއެއްނު. އަދި އޭނާގެ ޗުއްޓީގެ ބާކީ ވިއްސަކަށް ދުވަސް އެބައޮތްވިއްޔަ.] ރިޝްފާން ބޯކަހާލިއެވެ.

ނަމަވެސް، ވަރުދާ ބުނީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ވީހާވެސް އަވަހަކަށް ޝަބްނަމް ރަށަށް ފޮނުވާލުމަށެވެ. ނޫންނަމަ، ޝަބްނަމް އެހެން ގެޔަކަށް ބަދަލުކުރުމަށްވެސް މަންމަ ޚިޔާލުދިނެވެ.

ރިޝްފާނާއި ޝަބްނަމްގެ ގުޅުން މަންމަޔަށް މޭރުންވީކަން އޭނާއަށް އިޙްސާސް ކުރެވުނީ ދެނެވެ. ވުމާއެކު، އެމީހުންގެ ގުޅުމާމެދު މަންމައާއި ބައްޕަގެ ޚިޔާލު ނިކަން ފަސޭހައިން ރިޝްފާނަށް މޭރުންވެއްޖެއެވެ.

އެކަމާ ރިޝްފާން ވަރަށް ދެރަވެ ހިތާމަވެސް ކުރިއެވެ. އެހެން ނަމަވެސް، އޭނާއަކީ މައިންބަފައިންގެ ކުރިމަތީގައި ބަސްބުނާ ކުއްޖަކަށްނުވާތީ، އެކަމާވެސް އޭނާ މައިންބަފައިންނާ މަޝްވަރާއެއް ނުކުރިއެވެ.

ބައްޕަ ރަށަށް އައުމުން، ފަހަރެއްގައި ބައްޕަ ގާތު ސީދާ ޝަބްނަމާއި އޭނާގެ ގުޅުން ޒަވާޖަށް ބަދަލުކުރަން އެދޭ ވާހަކަ ބުނަން ބޭނުންވަނީކަންނޭނގެއެވެ.

[ކޮބާ...އަހަރެން ބުނި ތަނަކަށްނު އޮޑިދުވީ....މާކުރިންވެސް އަހަންނަށް އެނގެޔޭ، ވަރުދާއްތަމެން ޤަބޫލު ނުވާނެކަން. ކިރިޔާ ޝައްކުވީމަވެސް އެހެރީ ވާވަރު. ރަޝާދުބެ އެއަންނަނީވެސް ވަރުދާއްތަ ގުޅާފައި ބުނެގެނޭ.] ޒައިދާއި ރިޝްފާން ވާހަކަ ދައްކަން ތިބީ އެގެޔާ ދިމާ އަތިރިމަތީގައެވެ.

[އަހަރެންގެ ޠަބީޢަތު މުޅިން ހަފުސްވެއްޖެ. މަންމަމެނާ ދެކޮޅަކަށް އަޞްލު އަހަންނަކަށް އެއްވެސް ކަމެއް ކުރާކަށް ހިތްވަރެއް ނުލިބޭނެ.] ރިޝްފާން މާޔޫސްވެއްޖެ ކަހަލައެވެ.

[އަދި ބުނަންތަ، އަހަންނަށް މިއަދު ހެނދުނު އަޑުއިވުނު ވާހަކައެއް....ރަޝާދުބެއާއި ވަރުދާއްތަ އެބަ ރާވާ، އޮނުފީނިގޭ މާޔާއާ ރިޝްފާން ދެވަން. ބޮޑަށް ހީވަނީ އެއީ ދެޢާއިލާ ގުޅިގެން ކުރަން އުޅޭ ކަމެއް ކަމަށް.] ޒައިދުގެ އެވާހަކައިން ރިޝްފާން އިތުރަށް ހިތްދަތިވިއެވެ. އެހެންކަމުން، އިރުކޮޅެއްގެ ހިމޭންކަމުގެ ސުކޫތެއް އޭނާގެ ހަށިގަނޑަށް ވެރިވިއެވެ.

]މާޔާއޭ......ދެން އިތުރަށް ތިވާހަކަ ދައްކާނެ ކަމެއްނެތް. އެ އަންނަނީ ޝަބްނަމް.] އެމީހުނާ ވިއްސަކަށް ފޫޓުން އެމީހުނާ ދިމާއަށް މިޞްރާބު ޖަހާފައިވާ ޝަބްނަމް ފެނުމުން ރިޝްފާން އެދުނެވެ. ދަނީއޭ ބުނެފައި ރިޝްފާނާއި ޝަބްނަމަށް ފުރްޞަތު ދީފައި ޒައިދު ހިނގައިގެންފިއެވެ. ޝަބްނަމް އައިގޮތަށް އައިސް ރިޝްފާނާ ޖެހި ފިތިގެން ދޮންވެލިގަނޑުމަތީގައި ޖައްސާލިއެވެ.

[ރިޝްފާން....ހިނގާ ކައިވެނި އަވަސްކުރަމާ. މިހާރު ކައިވެނި ލަސްކުރުން ރަނގަޅެއް ނޫން.] ޝަބްނަމް އޭނާގެ ބަނޑުގައި އަތް ކާއްތާލަމުން ބުންޏެވެ. އެހިނދު ޝަބްނަމް އެބުނި ވާހަކައިގެ މާނަ ވިސްނުމާއެކު، ރިޝްފާންގެ ދެލޯ ބޮޑުވެއްޖެއެވެ. ހީވީ ބޮޑު ބިރުވެރިކަމަކާ ލައިގަތީހެންނެވެ. ވީވެސް އެހެންނެވެ. އޭނާ ބިރުވެސްގަތީއެވެ.

ޝަބްނަމްގެ އިޝާރާތުން ރިޝްފާނަށް މޭރުންވީ އޭނާ ބޭނުންވާ ކަންތަކެއް ނޫނެވެ. ގައިމެވެ. ޝަބްނަމް އެބުނީ އޭނާގެ ދަރިޔަކަށް ޝަބްނަމް ބަލިވެއިން ވާހަކައެވެ.

[ސާފުކޮށް ބުނެބަލަ، ކީކޭތަ ޝަބްނަމް ބުނަން ތިއުޅެނީ.] ރިޝްފާން ބޭނުންވީ ސީދާ ޝަބްނަމްގެ ދުލުން އެވާހަކަ އޮޅުންފިލުވުމަށެވެ.

[ރިޝްފާނަށް ތި ހީވަނީ ރަނގަޅަށް. އަހަރެން މިއިނީ ރިޝްފާންގެ ދަރިޔަކަށް ބަލިވެ.] ޝަބްނަމް އޮޅުންފިލުވައިދިނެވެ. ރިޝްފާންގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.

[އަޅޭ....އަހަރެން ދެން ކިހިނެއްތަ ހަދާނީ؟] ރިޝްފާނަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

ޙަޤީޤަތުގައިވެސް ރިޝްފާން ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ގައިމެވެ. އޭނާގެ މަންމައާއި ބައްޕަ ގާތު އެވާހަކަ ބުނާނެ ހިތްވަރެއް އޭނާޔަކަށް ނުލިބޭނެއެވެ. އޭނާއަކީ މައިންބަފައިންނަށް ނުހަނު ޤަދަރާއި އިޙްތިރާމްކުރާ ރަނގަޅު ދަރިއެކެވެ. އޭނާގެ ކިބައިގައި އަށަގެންފައިވަނީ އޭނާގެ މުންނާގެ (ބައްފަ ފަރާތު މާމަ) އާދަޔާއި މިޒާޖެވެ. އަށެއްކަ މަސް ކުރިން ދުނިޔެ ދޫކޮށްފައިވާ މުންނާއަކީ ނަމޫނާޔަކަށް އޭނާ ބަލައެވެ.

[ރިޝްފާނަށް ހަމަ ނޭނގެނީތަ ހަދާނެގޮތް؟] ރިޝްފާންގެ ހިމޭންކަން ކަނޑުވާލީ ޝަބްނަމެވެ.

[އާނ...ނުވިސްނޭ. ޝަބްނަމް އަހަރެން ވަރަށް ހާސްވެއްޖެ. ބިރުވެސްގަނޭ.]

[ބިރުނުގަނޭ، އަވަހަށް ކައިވެނި ކުރަން އުޅޭ. އޭރުން ހުރިހާ ކަމެއް ހަމަޖެހިދާނެ.] ޝަބްނަމް ވާހަކަ ދެއްކީ ރިޝްފާންގެ އިޙްސާސްތައް އެނގި ހުރެއެވެ.

[ޝަބްނަމް....ކައިވެންޏަކީ ތިޔަހެން ބުނެލާހާ ފަސޭހައިން ކުރެވޭ ކަމެއް ނޫނޭ.] ރިޝްފާން ބޯހޫރާލިއެވެ.

[ރިޝްފާން ތިބުނީ ފަސޭހައެއް ނޫނޭ. ދެން އަހަރެން ކިހިނެއް ހަދާނީ....މީ ނިކަމެތި އަންހެނެއް. ހުރިހާ ބަދުނާމެއް ބޮލުގައި އަޅަން ޖެހެނީ އަހަންނަށް....] ޝަބްނަމްގެ ލޮލަށް ކަރުނައިގެ އަސަރު ފާޅުވިއެވެ.

[ދެރަނުވޭ ޝަބްނަމް...އަހަރެން ވިސްނާނަން. އަހަރެން ބޭނުން، ޒައިދާވެސް މަޝްވަރާ ކުރަން.] ރިޝްފާން ތެދުވިއެވެ.

[ރިޝްފާން ކީއްވެތަ، އަހަރެމެންގެ ދޭތެރެޔަށް އެހެން މީހުން ވައްދަނީ....މާނަޔަކީ ރިޝްފާން އަހަރެންދެކެ ލޯބިނުވަނީއޭތަ؟] ޝަބްނަމް އެއްލި އަތުން ހިފުނީ ރިޝްފާންގެ އަތުގައެވެ. ރިޝްފާން އަނެއްކާވެސް ދޮންވެލިގަނޑުގައި އިށީނެވެ.

[ވަރަށް ލޯބިވޭ...އެކަމަކު...] ރިޝްފާން ފުން ނޭވާއެއްލިއެވެ. އޭރު ޝަބްނަމްގެ ލޮލަށްވަނީ ކަރުނައިގެ ތެތްކަން ފާޅުވެފައެވެ. އިސާހިތު ކަރުނުން ދެލޯތެމި، އެސްފިޔަ ދޭތެރެއިން ކަރުނަތައް ފޫދިގެންފިއެވެ.

[އެކަމަކު...ކީކޭތަ ރިޝްފާން ބުނަން ތިއުޅެނީ. ރިޝްފާން އަހަރެންދެކެ ލޯބިވަންޏާ، ހިއެއްނުވޭ، އަހަރެމެންގެ ދޭތެރެޔަށް ހުރަހެއްވާނެހެނެއް. ބިރުގަނެ ޖެހިލުންވެގެނެއް ލޯތްބެއް ޙާޞިލެއް ނުވާނެ. ލޯބީގެ މައިދާނުގައިވެސް ކާމިޔާބު ލިބޭނީ ކެރިގެން ކުރިމަތިލާ މީހުނަށް.] ޝަބްނަމް ރޮމުން ރިޝްފާންގެ މޭގައި ބޯއަޅާލިއެވެ.

އޭރު ރިޝްފާނަށްވެސް ވަނީ ނިކަން ފުން އަސަރުތަކެއް ކޮށްފައެވެ. އެހެންކަމުން، އޭނާގެ ލޯވެސް ވަނީ ކަރުނައިން ތެމިފައެވެ.

[ޝަބްނަމް ދެރަނުވޭ...އަހަރެން އަބަދުވެސް ޝަބްނަމާއެކުވާނަން.] ޝަބްނަމްގެ ލޯ ފޮހެދިނުމަށްފަހު ރިޝްފާން ތެދުވިއެވެ. މިފަހަރު އޭނާގެ ފަހަތުން ޝަބްނަމްވެސް ތެދުވެއްޖެއެވެ.

ރިޝްފާންގެ ބައްޕަ ރަޝާދު ރަށަށް އައީ އެދުވަހުގެ ހަވީރެވެ.

ގެޔަށް ވަދެވުމާއެކުހެން ރަޝާދު ހޯދީ ރިޝްފާނެވެ.

[ވަރުދާ...ކޮބާ ރިޝްފާން. ރިޝްފާން ގާތު ބުނިންތަ، ކައިވެނީގެ ކަންތައް ހަމަޖެހެމުންދާ ވާހަކަ.] ރަޝާދު އޭނާ ގެނައި ފޮށިތައް ކޮޓަރިއަށް ވައްދާލުމަށްފަހު އެއްސެވެ.

[މެންދުރު ދިޔަގޮތަކަށް ގެޔަކަށް ނާދޭ. ރަޝާދު އައީމަ ދައްކަން ކަމަށް. އަހަންނެއް އެސޮރު ގާތަކު އެކަހަލަ ވާހަކައެއް ނުދައްކަން.] ވަރުދާ ޖަވާބުދިނެވެ.

[އެ ފަރަންޖީ އަންހެން ކުއްޖާ މިގެއިން ނެރެލައިފިތަ.....؟ އަހަރެން ވަރުދާއަށްވެސް ސާބަސްދެން. އެކަހަލަ ކާފަރު އަންހެނަކު މިގޭ ހަތަރުފާރުން އެތެރެއަށް ވެއްދީތީ.] ރަޝާދުގެ ރުޅިގަނޑު ވަރުދާއަށްވެސް ބޭލިއެވެ.

އޭރު ރަޝާދާއި ވަރުދާގެ ވާހަކަތައް އަޑުއަހަން ޖެހިގެން ހުރި ކޮޓަރިތެރޭގައި ޝަބްނަމް އިނެވެ.

[އަހަރެން އެސޮރު ގާތު ބުނިން، މިގެއިން ޝަބްނަމް ނެރެލާށޭ....އެސޮރު އައީމާ ރަޝާދު ބުނޭ ނެރޭށޭ....]

ޖެހިގެން ހުރި ކޮޓަރީގައި އިން ޝަބްނަމްގެ މެޔަށް، ވިހަ ތީރުތަކެއް ފަދައިން ރަޝާދާއި ވަރުދާގެ ޖުމްލަތައް ހެރެމުންދިޔައެވެ.

ރިޝްފާން ގެޔަށް އައީ އިރުވެސް އޮއްސުނުފަހުންނެވެ. ރިޝްފާން ގެޔަށް ވަނުމާއެކު، ރަޝާދު އޭނާއަށް ގޮވާ ގާތަށް ގެނައެވެ. އެއަށްފަހު، މާޔާއާއި ރިޝްފާންގެ ކައިވެނީގެ ވާހަކައާއި، ޝަބްނަމް އެގެއިން ނެރުމަށް އަމުރުކުރިއެވެ. ނަމަވެސް، ބައްޕަގެ ކުރިމަތީގައި ޗުއްޕުވެސް ބުނާކަށް ރިޝްފާނަކަށް ލާހިކުނުވިއެވެ. އޭނާ ނިތްކުރީގައި އަތް އަޅާލައި އިސްއޮބާލީއެވެ.

[ދެންވެސް ނުހުރެ ގޮސް އެ މަންޖެ ގާތު ބުނޭ، އެހެން ތަނަކަށްދާށޭ.] ރަޝާދުގެ ރާގު ހަރުކަށްޓެވެ. ރިޝްފާން ސިހިފައި ކުރިޔަށް ހިނގައިގެންފިއެވެ.

އެދިޔަ ގޮތަށްގޮސް ރިޝްފާން ވަނީ ޝަބްނަމް ނިދާ ކޮޓަރިޔަށެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. މިހާރަކު ޝަބްނަމްގެ ވަސްވެސް އެކޮޓަރިޔަކު ނެތެވެ.

އޭނާ ކޮޓަރިޔަށް ވަދެ ފާޚާނާވެސް ބެއްޔެވެ. ޝަބްނަމް ހުރިތޯއެވެ.

މޭޒުމަތީގައި ފަތްޖަހާފައި އޮތް ސިޓީއެއް ރިޝްފާނަށް ފެނުނީ ކޮޓަރިން ނިކުންނަން އޭނާ ހިނގައިގަތްތަނާހެނެވެ. ރިޝްފާން އަވަސް އަވަހަށް އެ ސިޓީ ނިއުޅާލައިގެން ކިޔަން ފަށައިފިއެވެ. އޭގައިވަނީ ކުޑަވަރެއްގެ ނޯޓެކެވެ. އެހެން ނަމަވެސް ލިޔެފައިވަނީ ޝަބްނަމްގެ ލެއިންނެވެ.

[ލޯބިވާ ރިޝްފާނެވެ. އަހަރެން މިގެއިން ދަނީއެވެ. މިގެޔާ ދުރަށެވެ. ނަމަވެސް، ރިޝްފާންގެ ޙަޔާތުން ދުރަކަށް ނުދެވޭނެއެވެ. އުންމީދު ކުރަމެވެ. ރިޝްފާންވެސް އަހަރެންގެ ޙަޔާތުން ބީވެގެން ނުދާނެ ކަމަށެވެ. އާދޭސްކޮށް ބުނަމެވެ. އަހަރެންގެ ބަނޑުގައިމިވާ ރިޝްފާންގެ ލެޔަށްޓަކައެވެ. މާޔާއާ ރިޝްފާން ކައިވެނި ނުކުރާށެވެ. އެއީ އަހަރެންގެ ދަރިފުޅަށް ދެވޭ ނިކަމެތި ކަމެއް ކަމަށް ޤަބޫލުކޮށް، އެ ކައިވެންޏަށް އިންކާރު ކުރާށެވެ. އަދި އަބަދުވެސް ބަގީޗާތެރެއިން އަހަންނާ ބައްދަލުވާނެއެވެ. ނަމަވެސް، އެއީ ފަތިހަށް ފިނި ފައިބާ ވަގުތުއެވެ.]

ރިޝްފާނަށް އެ ނޯޓް ކިޔުނީ އެއްފަހަރު ދެފަހަރެއް ނޫނެވެ. އެއަށްވުރެންވެސް ގިނައިންނެވެ.

[ޝަބްނަމް....އަހަރެން ކިހިނެއްތަ ބައްޕައާ ދެކޮޅަށް ތެދުވާނީ....އެކަމަކުވެސް އަހަރެން ޝަބްނަމްދެކެ ވަރަށް ލޯބިވޭ.] ރިޝްފާނަށް ހިތާހިތާ ކިޔާލެވުނެވެ. އޭރު ދޮރުމަތީގައި ދެކަންޏަށް އަތް ވިއްދައިގެން ބައްޕަ ހުއްޓެވެ. ރިޝްފާން ގަތީ އަމަށަކު ބިރެއް ނޫނެވެ.

ރިޝްފާން އަވަސް އަވަހަށް ބައްޕައަށް ނުފެންނާނެހެން އަތުތެރެއަށް އެގަނޑު ގުޅަކޮށްލިއެވެ.

[ކޮބާ އޭނަ؟] އެހުރިގޮތަށް ހުރެފައި ރަޝާދު އެއްސެވެ.

[އޭނަ މިގެއިން ހިނގައްޖެ.] އިސްއޮބާލައިގެން ހުރެމެ ރިޝްފާން ޖަވާބު ދިނެވެ. އެއާއެކު ރަޝާދުގެ މޫނުމަތި އުޖާލާވެގެންދިޔައެވެ.

ހަމަ އެވަގުތު ރަޝާދު ރިޝްފާން ގާތު ރިޝްފާނާއި މާޔާގެ ކައިވެންޏާބެހޭ މަޝްވަރާ ކުރިއެވެ. ރިޝްފާންވެސް ބައްޕަގެ އެ ނިންމުމަކަށް ފާޑެއް ނުކިޔައެވެ. އޭނާ ބުނީ ބައްޕަ އޭނަޔަށް ދެރަގޮތެއްވުމަށް ނޭދޭނެ ކަމަށް ހިތުގެ އަޑިން ޤަބޫލުކުރާ ކަމަށެވެ.

ހަމަ އެދުވަހު ދެފަރާތުގެ ޢާއިލާ ވާހަކަ ދައްކައި މަޝްވަރާތަކަކަށްފަހު، އެންމެން އެއްބަސް ކިޔައިގެން، ރިޝްފާނާއި މާޔާގެ ކައިވެނި ކުރުމަށް ވީހާ އަވަހަކަށް ކުރުމަށް ނިންމައި، ދެތިން ދުވަސްތެރޭ ކައިވެނިކޮށްދިނުމަށް ޤަޞްދުކުރިކަމީ ޝަބްނަމަށް ލިބުނު އިންތިހާއީ ހިތްދަތި، ބަރުދާސް ކުރަން ދަތި ވޭނަކަށްވީ ކަމުގައިވިޔަސް، ރިޝްފާން އެކަމާ މާބޮޑަށް ވިސްނާހެނެއް ހިއެއްނުވެއެވެ. ހީވާކަހަލައެވެ. ޝަބްނަމް ލޯމަތިން ކަޝްފުވުމާއެކު، އެ ހަނދާންތަކުން އޭނާ މިންޖުވެއްޖެއެވެ. އެއީ ނުވާކަމަކަށް ނުވަތަ އޭނާގެ ޙަޔާތަށް އައި މަޑު ވައިރޯޅިއެއް ކަމަށް ޤަބޫލުކޮށް، ބައްޕައާއި މަންމަ ދައްކާ މިޞްރާބަށް އޭނާގެ ޙަޔާތުގެ ނަވުގެ ހުންގާނު އަނބުރާލައިފިއެވެ. ގައިމެވެ. އެހެން ނޫންނަމަ، ޝަބްނަމް ފަދައިން އޭނާވެސް ރޮއި ހިތާމަ ކުރާނެއެވެ. އެންމެނަށް ފެންނަފަށުގައި ނޫނަސްވެހެވެ. ނޫންނަމަ ވެދާނެއެވެ. ޝަބްނަމްފަދަ ލޯތްބެއް އޭނާގެ ހިތުގައި އަށަގެންފައި ނުވަނީއެވެ. ޝަބްނަމްގެ ރީތިކަމާއި ހިތްގައިމުކަން ފެނި އޭނާ ހެއްލުނީއެވެ. އޭގެ ބަދަލުގައި ޝަބްނަމްގެ ހިތުގައި ރިޝްފާނަށްޓަކައި އަށަގަތީ ސާފު ތެދުވެރި ލޯތްބެކެވެ. އޭގެ ފުރިހަމަ ހެކި މިހާރުވެސް ފެނޭމެއެވެ.

އާއެކެވެ. މިހާރުވެސް ޝަބްނަމް ދަނީ ދުރާއި ގާތުން ރިޝްފާންގެ ޙަރަކާތްތައް ބަލަމުންނެވެ. މަންމައާއި ބައްޕަގެ ނިންމުންތަކަށް ރިޝްފާން ބޯލަނބާއިރު، ނުހަނު ގާތުގައި މަންޒަރު ބަލަން ހިތާމަޔާއި ހިތްދަތިކަން ބަރުދާސްކުރާ ޙާލުގައި ޝަބްނަމް ހުރެއެވެ. ޝަބްނަމްގެ ހޫނު ރިޝްފާނަށް އިޙްސާސް ކުރެވޭހާ ގާތުގައެވެ. އެހެން ލޯތަކަށް ފަރުދާވެގެނެވެ.

ރިޝާފާނާއި މާޔާގެ ކައިވެންޏަށް ތާރީޚު ކަނޑައަޅައި ވަގުތުކީއިރުވެސް އެމީހުނާ ދާދި ގާތުގައި ކަރުނަވީ ލޮލަކުން އެމަންޒަރު ބަލަހައްޓައިގެން ޝަބްނަމް ހުއްޓެވެ.

[ރިޝްފާނަކީ ތެދުވެރި އިންސާނެއް ނޫން. ބޭވަފާތެރިޔެއް....] އެހިނދު ޝަބްނަމަށް ބުނެލެވުނެވެ. ނަމަވެސް، އެ އަޑުވެސް އެހެން މީހަކަށް ނީވެއެވެ.

ރިޝްފާނާއި މާޔާގެ ކައިވެންޏަށް ތާރީޚު ކަނޑައެޅިއިރު، ކުރިއަށް އޮތް ތިން ދުވަސް ފާއިތުވެދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.

ކައިވެނި ޙަފްލާއަށްޓަކައި އޮނުފީނިގެ ވަނީ ނިކަން ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ތަފާތު ވައްތަރުތަކުގެ މާމެލާމެއްޔާއި، ކުލަބޮކިތަކުން ގޭގެ ގޯތިތެރެއާއެކު ވަނީ ޒީނަތްތެރި ކުރެވިފައެވެ.

އުފާވެރި ވެށްޓެއްގައި މާޔާއާއި ރިޝްފާންގެ ކައިވެނި ކުރެވި، ކައިވެނީގެ އުފަލުގައި ބާއްވާ ފަރިއްކޮޅުވެސް ބާއްވައިފިއެވެ. ކައިވެނި ކުރެވުނީ ރިޝްފާންގެ ގޭގައެވެ. ޕާޓީ އޮތީ މާޔާގެ ގޭގެ ގޯތިތެރޭގައެވެ. އެއީ ޖާގައިގެ ގޮތުން އެގޭ ގޯތިތެރެ ތަނަވަސްވީމައެވެ.

ރިޝްފާނާއި މާޔާގެ އަލަތު ކައިވެނީގެ ރޭވެސް ފާއިތުވެއްޖެއެވެ. ދެހަށްޓަށް އުފަލާއި އަރާމުގެ އިޙްސާސް ޙިއްޞާވެގެނެވެ. ރިޝްފާންގެ ސިކުނޑިއަށް ޝަބްނަމްގެ ހަނދާންތައް ފައިދާވެ އުނދަގޫވާން ފެށީ އެރޭގެ އެންމެ އުފާވެރި ވަގުތެވެ.

ޝަބްނަމްގެ ފަހުބަސްވެސް ރިޝްފާންގެ ހަނދާނަށް އައެވެ. ޝަބްނަމް ބުނެފައިވެއެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައި މާޔާއާ ނުއިނުމަށެވެ. ނަމަވެސް، ޝަބްނަމްގެ އެ ބަހަށް އޭނާއަށް ދެވުނީ ބީރު ކަންފަތެކެވެ.

[ރިޝްފާން..ކޮން ޚިޔާލެއް...] ޝަބްނަމްގެ ޚިޔާލުގައި ގަނޑުވެފައި ހުރި ރިޝްފާން ސިހުނީ އޭނާގެ އަނބިމީހާ މާޔާގެ އަޑުންނެވެ.

[މި ވިސްނަނީ އަހަރެމެންގެ ދިރިއުޅުން މާމަގެޔަށް ބަދަލުކުރުމަށް. މާމަ މަރުމަތީގައި އަހަރެން ގާތު ބުންޏޭ، ކައިވެންޏަށްފަހު ދިރިއުޅެންވާނީ އެގޭގަޔޭ.] ރިޝްފާން ދެއްކީ މުޅިން ތަފާތު ވާހަކައެކެވެ.

[ބަދަލުވާންވީއެއްނު.] މާޔާ ބުންޏެވެ.

[މަންމައާއި ބައްޕަޔާ މަޝްވަރާކޮށްފައި، ގޮތެއް ނިންމާނީ...] ރިޝްފާން ބުންޏެވެ.

އެދުވަހު ރިޝްފާން އޭނާގެ ބައްޕަ ގާތު އެވާހަކަ ދެއްކިއެވެ. ބައްޕަވެސް ބުނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

[މިހާރުވެސް އެގެ ފަޅަށް ހުންނަތާ ކިތައް އަހަރުވެދާނެ. މީހުން ނޫޅެ ގިނަދުވަސްވީމާ، ގެގަނޑު ވީރާނާވެސް ވެދާނެ.]

އެއީ ރަޝާދުގެ މައިފުނަގެއެވެ. ރަޝާދުގެ މަންމަ އާދެ! ރިޝްފާންގެ މުންނާގެ ޙަޔާތުގައި އެގެވަނީ ރިޝްފާނަށް ހިބައިން ދީފައެވެ.

[ރިޝްފާން އެގެޔަށް ބަދަލުވީމާ، އަހަރެން ހާދަ ފޫއްސެއްވާނެޔޭ...] އެކަމާ ދެކޮޅުހެދީ ވަރުދާގެ އިތުރުން ޒައިދެވެ. ވަރުދާވެސް ރިޝްފާން އޭނަޔާ ދުރަށް ފޮނުވާލާކަށް ބޭނުމެއް ނުވޭމެއެވެ.

[ޒައިދު އެކަންޏެއް ނޫން. ދަރިފުޅު ދިޔައީމަ މަންމަވެސް ހާދަ ފޫހިވާނެޔޭ. އެކަމަކު ދިރިއުޅުން ދަސްވާނީވެސް އެކަނި އުޅުނީމަ.] ވަރުދާއަށްވެސް ފަހުވަގުތު އެއްބަސްވެވުނެވެ.

އޭގެ ދެދުވަސް ފަހެވެ. ރިޝްފާނާއި މާޔާ، އެމީހުންގެ ދިރިއުޅުން ރިޝްފާންގެ އަމިއްލަ ގެޔަށް ބަދަލުކުރިއެވެ. ފުރަތަމަ ދުވަހު ގެފޮޅާ ސާފުކުރުމަށްޓަކައި ދެ ޢާއިލާގެ އެކި މީސްމީހުން ޙަރަކާތްތެރިވިއެވެ. ބައެއް މީހުން މަސައްކަތުގައި އުޅެމުން، ބިރުވެރި ކިއްލާއެއް ކަމަށްވެސް އެގެ ސިފަކުރިއެވެ. އޭގެތެރޭގައި ޒައިދުވެސް ހިމެނެއެވެ.

[މިހާރު މިގެ ފަޅަށް ހުންނަތާ ވެދާނެ އަށެއްކަ އަހަރު. މިހާރު މިތަން އޮންނާނީ ޖިންނި ހާއްޔަކަށްވެފައި. ރިޝްފާން ބިރެއްނުގަނޭތަ؟] ޒައިދު ރިޝްފާނާ ދިމާކޮށްލިއެވެ.

[މައްސަލައެއް ނެތޭ އުޅުނަސް، އޭރުން އަހަރެމެން އެކަންޏެއް ނުވާނެއެއްނު.] ރިޝްފާން ގަދަކޮށްލިއެވެ. މާޔާވެސް ރިޝްފާނެކޭ އެއްފަދައެވެ. އޭނާވެސް ބުނަނީ ކުޑަވެސް ބިރެއްނުގަންނަ ކަމަށެވެ.

[އަދިވެސް ޒައިދު މީހަކާ އިންނާކަށް ނުވޭތަ. އަހަންނަށް ހީވަނީ މުޅި މީހާ ހުދުވާއިރުވެސް ހުންނާނީ ތިހެންހެން...] ރިޝްފާން ޒައިދާ ދިމާކޮށްލިއެވެ.

[ބަލަ...އަހަރެން އިންނަން އުޅުނަކަސް ނީނދެވޭނެއެއްނު. އަދި އޭނަ ސްކޫލް ނުނިމޭވިއްޔަ. އޭނަގެ ކިޔެވުން ނިމޭ ދުވަހުގެ ފަހުރޭ އަހަރެމެން ނިންމާލާނަން.] ޒައިދު ޢުޒުރު ދައްކަމުން މޭ ފުއްޕާލިއެވެ.

[ޒައިދު އެއްދުވަހުވާނެ، މަލީޙާ މިގެޔަށް ގެންނަން...ދޯ ރިޝްފާން.] ރިޝްފާނަށް ދޯ ދިނުމަށްފަހު، މާޔާ ބުންޏެވެ. ޒައިދު ބޯޖަހާލިއެވެ.

އެދުވަހު އޮލަ ވާހަކަތަކާއެކު މަސައްކަތުގައި ތިއްބާ އިރުއޮއްސިއްޖެއެވެ. ރިޝްފާނާއި މާޔާއަށް، އާ ތަޖްރިބާއަކަށް ފުރްޞަތު ހުޅުވާލާފައެވެ.

އެގެއަކީ ދެކޮޓަރިއަކާއި މެދުގޭތެރެއަކާއި، ބަދިގެއާއި ކާގެ އަދި ބޮޑު ކޮޓަރިޔަކާއެކުވާ ބޮޑު ޢިމާރާތެކެވެ. އިހު ޒަމާނުގެ ގޮތަށް ހަދާފައިވިޔަސް، ޒަމާނީ ކުލަތައްވެސް ކޮންމެވެސްވަރަކަށް އެގެއިން ފެންނަން ހުރެއެވެ. އެއީ ރިޝްފާންގެ ބައްޕަ ރަޝާދު އެގެޔަށް ގެނެސްފައިވާ ކުދިކުދި ބަދަލުތަކެކެވެ.

[ހިނގާ ނިދަންދަމާ....] މެދުގޭތެރޭ އުނދޯލީގައި އިނދެފައި ރިޝްފާން މާޔާ ގާތު ބުންޏެވެ. މާޔާ ބޯޖަހާލިއެވެ.

ރިޝްފާން އުނދޯލިން ތެދުވެ، ގޭގެ ހުރިހާ ދޮރުތަކެއްގެ ތަންޑު ފުރަތަމަ އެޅުވިއެވެ. ބޭރު ނުފެންނާނޭހެން ދޮރުފޮތިތައް ވައްޓާލިއެވެ.

[ދެން ހިނގާ...ހުރިހާ ބޮކިތަކެއް ނިއްވާލާފައި ނިދާނީ. އެހެން ނޫނީ، ކަރަންޓް ބިލް އަތްނުފޯރާފަށަށް އަރާނެ.] ބޮޑު ކޮޓަރީގައިވާ ހޮޅިބުރި ނިއްވާލަމުން ރިޝްފާން ބުންޏެވެ.

[ދެން ހިނގާ...ރިޝް ޖެހޭނެ މާދަމާ އޮފީހަށް ދާން ހެނދުނު ހެނދުނާ ހޭލަންވެސް.] މާޔާ ރިޝްފާންގެ އަތުގައި ހިފައިގެން ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ.

ތިޔައީވެސް ތެދެކޭ ބުނެފައި، މިރޭ ދެން ނިދާނީއޭ ބުނެ، ހެދުން ބަދަލުކޮށްލައިގެން ރިޝްފާން އަރާ އޮށޯތެވެ. މާޔާވެސް އެކަމަށް އެއްބަސްވެ، އެނދުގެ ބިއްދޮށްފަރާތުގައި އޮށޯވެއްޖެއެވެ.

މާގިނައިރުތަކެއް ނުވެއެވެ. މާޔާއަށް ނިދިއްޖެއެވެ. ނަމަވެސް، ތަންމަތި ބަދަލުވުމުގެ ސަބަބުން އާދައިގެ މަތިން ނިދަން އުނދަގޫވެ، ދެފަރާތަށް ފުރޮޅި ފުރޮޅި ރިޝްފާން އޮތީއެވެ. އެހެން އޮއްވާ ކުއްލިއަކަށް އޭނާއަށް ސިހުން ގެނުވީ، އިވުނު ނާމާން ޒާތެއްގެ އަޑަކުންނެވެ. އަނދިރީގެ ތެރޭގައި ރިޝްފާން އޮތީ ދެލޯ ބޮޑުކޮށްގެނެވެ. ދެން އިވުނީ ގެޔަށް ވަންނަ މައި ދޮރު ހުޅުވުނު އަޑެވެ. ނުވަތަ ދޮރު އިރާލި އަޑެވެ. އެއަށްފަހު، ފިޔަވަޅުތަކެއްގެ އަޑެވެ. އެ އަޑު އަންނަނީ އިރުއިރުކޮޅާ ކައިރިވަމުންނެވެ. ރިޝްފާން ބިރުން ތުރުތުރުއަޅަން ފަށައިފިއެވެ.

[ކާކު!؟] ރިޝްފާން ކުޑަކޮށް ބުރަކަށި ތެދުކޮށްލިއެވެ. އިންތިހާއަށް ބިރުގެންފައިވާ ޙާލުގައެވެ. އޭރުވެސް ފިޔަވަޅުތަކުގެ އަޑު އިވެމުންދެއެވެ. ބައެއްފަހަރު އެ އަޑު އިވެނީ، ކޮޓަރިތެރެއިންހެންވެސް ހީވެއެވެ. ކޮޓަރީގެ ބޮކި ނިއްވާފައިވިޔަސް، ލޮލު ޙާލު އިނގޭވަރުވެއެވެ. ކޮޓަރީގައިވާ ކިޑިކީތަކުންނާއި އާނގަތަކުން ވަދެފައިވާ ޤުދްރަތީ އަލީގެ ސަބަބުން ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ.

[ކާކުތަ...؟] ރިޝްފާން ހިތްވަރުކޮށްފައި އެނދުން ތެދުވެއްޖެއެވެ. ހޮޅިބުރިވެސް ދިއްލައިފިއެވެ. އެޔާއެކު، ފިޔަވަޅުގެ އަޑު ހިނދިއްޖެއެވެ. ކޮޓަރި ދޮރު ހުޅުވައި ރިޝްފާން ބޭރަށްވެސް ބޯދިއްކޮށްލިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ވުމާއެކު، އެއީ އޭނާގެ ހިތުގައި އުފެދުނު ވަހުމެއް ކަމަށް ނިންމުމަށްފަހު، ދޮރު ލައްޕައި އެތެރެއިން ތަންޑު އަޅުވައިފިއެވެ.

އޭރުވެސް އަރާމު ނިންޖަކުން މާޔާ ނިދާފައި އޮތެވެ.

އެރޭގެ ބާކީ ވަގުތު ރިޝްފާނަކަށް ހޮޅިބުރި ނިއްވާލާކަށް ނުކެރުނެވެ. އެހެންވެ އޭނާ ނިންޖާ ހަނގުރާމަ ކުރަމުންދިޔައީ އެ އަލިކަމުގެ ތެރޭގައެވެ. ވުމާއެކު، ހިނދުކޮޅަކަށްވެސް އެރޭ އޭނާގެ ލޮލުފިޔައެއް ނުޖެހުނެވެ.

[ރިޝް ރޭގައި ނުވެސް ނިދަންތަ؟] ސޯނާގަޑީގެ އަޑާއެކު ހޭލެވުނު މާޔާ، ރިޝްފާން ފެނުމުން އެއްސެވެ. އޭރު ރިޝްފާން އިނީ ދުވަސްވެފައިވާ ދުވަހު ނޫހެއް ކިޔާށެވެ.

[މިއަދު އޮފީހަށް ދާން ހޭނުލެވިދާނެތީ، ހިތަށްއެރީ ނުނިދާނީއޭ. އޮފީސް ނިންމާފައި އައިސް އޮށޯތީމަވީއެއްނު.] ރިޝްފާން އޭނާ ކިޔަން އިން ހަތަރު ވަރަކަށް އަހަރު ކުރީގެ މިއަދު ނޫސް އެނދުމަތީ ބޭއްވުމަށްފަހު އެނދުން ތެދުވެ ހިންދެމިލައިފިއެވެ.

[މީ ކޮންތާކުން ތިލަކޮށްގެން އުޅޭ އަންޒަމާނުކަރައިގެ ނޫހެއް؟] ދުވަސްވުމުގެ ސަބަބުން ރަތްވެފައިވާ ނޫހަށް ބަލައިލަމުން މާޔާ އެއްސެވެ.

[މިގޭ މެދުގޭތެރޭ އެހެރަ ފޮތް އަލަމާރީގެ އެންމެ ތިރީ ވަތްގަނޑުގައި އެހުރީ ހައްތަހާވެސް އެޒަމާނުގެ ނޫސްތަކެއްނު.] ރިޝްފާން ގޮސް ގިފިއްޔަށް ވަނެވެ. މާޔާ ދިޔައީ ރިޝްފާނަށް ނާސްތާ ތައްޔާރު ކުރަން ބަދިގެފަރާތަށެވެ.

ރޭގަނޑު މާޔާ ތައްޔާރުކޮށްފައި ބެހެއްޓި ކުޅިމަސްތަވާ އުނދުން މައްޗަށްލައި ކުޑަކޮށް ފުރަތަމަ ހޫނުކޮށްލިއެވެ. އެއީ ރަށްފުށުގެ އާދައެކެވެ. ހެނދުނުގެ ނާސްތާއަށް ބޭނުންވާނޭ ބޮޑުބައި ކޮންމެ ގެއެއްގައިވެސް ރޭގަނޑު ތައްޔާރު ކުރާނެއެވެ. ހެނދުނުގެ މަސައްކަތަކަށް އޮންނާނީ ހަމައެކަނި ރޮށިފިހެ ސައި ކެއްކުމެވެ.

ރިޝްފާން ނަލަހެދި ތައްޔާރުވެގެން ބަދިގެފަރާތަށް އައިއިރު، މާޔާ މޭޒުމައްޗަށް ނާސްތާ ތައްޔާރުކޮށްފިއެވެ.

[ހާދަ ވަސްގަނޑު ރަނގަޅޭ.] ކާގެޔަށް ބޯދިއްކުރަމުން ރިޝްފާން ވާހަކަ ދެއްކިއެވެ.

[ވަސް އެކަނިތަ...ރަހަވެސް ރަނގަޅުވާނެ. އަވަހަށް އައިސް ފަށާ...] އޭރުވެސް ރިޝްފާނާއި މާޔާގެ އުފާވެރި ދިރިއުޅުމުގެ މަންޒަރުތައް ނުހަނު ގާތުން ބަލަން ޝަބްނަމް ހުއްޓެވެ.

ނަމަވެސް މިހާރަކު ރިޝްފާނެއް ޝަބްނަމާ ދޭތެރެޔަކު ނުވިސްނައެވެ. އޭނާ ޝަބްނަމްގެ މަތިން ހަނދާން ހުރިހެނެއްވެސް ހިއެއްނުވެއެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުންދެއެވެ. ރިޝްފާނާއި މާޔާގެ ޙަޔާތަށް އުފާވެރި ދުވަސްތަކެވެ. ޝަބްނަމްގެ ޙަޔާތަށް ހިތްދަތި ވޭނީ ދުވަސްތަކެކެވެ.

ފާއިތުވެދިޔަ ރޭތަކުގައިވެސް ރިޝްފާނުގެ ދެމަފިރިންނަށް އެގޭތެރެއިން ތަފާތު ކަންތައްތަކާ ދިމާވެއެވެ. ނަމަވެސް، ރިޝްފާން ބިރެއްނުގަނެއެވެ. ކޮންމެ ފަހަރަކުވެސް އޭނާ ނިންމަނީ ދަންވަރު ޒައިދު އައިސް، އެމީހުން ބިރުގަންނަވަން މަސައްކަތް ކުރަނީ ކަމަށެވެ.

[ކޮންމެ ރެޔަކު ޒައިދު މިގޭތެރެއަށް ވަދެ ކޮން އަޑުތަކެއްތަ ލައްވަނީ...ހީކުރީދޯ އަހަރެން ވަރަށް ބިރުގަންނާނޭ.]

ހެނދުނުގެ ވަގުތެއްގައި ޒައިދު އައިސް އެގެޔަށް ވަނީމާ ރިޝްފާން ބުންޏެވެ. ޒައިދު ޙައިރާންވިއެވެ. އޭނާ ހުރީ ޙަޤީޤަތުގައި ބުނާނެ އެއްޗެއް ނޭނގިފައެވެ.

[މިގެޔަށް ވަދެޔޭ...! އަހަރެން ރިޝްފާންމެން ބިރުގަންނަވަން އެއްވެސް ކަމެއް ނުކުރަން!] ޒައިދު ބުންޏެވެ.

[ޒައިދު ދޮގުހެދިޔަސް ވަރިހަމަ.....ހިނގާ ސައިބޯން....މިކަހަލަ ބަންދު ދުވަހެއްގައި ނޫނީ ހެނދުނު އެކުގައި ނާސްތާކޮށްލާނެ ފުރްޞަތެއް ނުލިބޭނެ. މާޔާ ދޭ ސައި ހަދަން.] ރިޝްފާން މިހެން ބުނީމާ، މާޔާ ސައި ތައްޔާރު ކުރުމަށްޓަކައި ބަދިގެފަރާތަށް ހިނގައްޖެއެވެ.

ރިޝްފާންގެ މަންމަ ވަރުދާވެސް އެގެޔަށް އައިސްވަނީ އެވަގުތެވެ. ޒައިދުގެ ބޮލުގައި ރިޝްފާން އެޅުވި އިލްޒާމްގެ ވާހަކަ، ވަރުދާ ވަނުމާއެކު ޒައިދު ކިޔާދިނެވެ. ވަރުދާވެސްވީ ޙައިރާނެވެ.

[ދަރިފުޅާ ޒައިދު، ދަންވަރު ބޭރަށް ނުނިކުމޭ. ތިވެދާނެ ވައްކަންކުރަން އުޅޭ ބައެއްގެ މޮޅު ރޭވުމަކަށްވެސް. މިރޭ ނިކަން ފާރަލާބަލަ...އަނެއްކާ މިގެއިން އެއްޗެއް މަދެއްނުވޭތަ؟] މިހެން ބުނެފައި، ވަރުދާ ދިޔައީ ބަދިގެފަރާތަށެވެ.

[ދޮގުނުހަދާ، ތެދަށް ބުނެބަލަ. ކޮންމެ ރެޔަކު މިގެޔަށް ވަދެ ފާޑުފާޑުގެ އަޑުތައް ލައްވަނީ ޒައިދެއް ނޫންތަ؟] ރިޝްފާންގެ ހިތަށް ބިރުވެރިކަން ސަވާރުވެއްޖެއެވެ.

[ހަމަ ތެދެއް މިބުނީ...އަހަންނެއް ނޫން.... ރިޝްފާން ނިކަން މިރޭ ފާރަލާބަލަ.] ޒައިދު ބުންޏެވެ. ރިޝްފާން ބޯޖަހާލިއެވެ.

ޖެހިގެން އައި ރެއެވެ. އަބަދުގެވެސް އާދައިގެ މަތިން މާޔާ އޮތީ ގަދަ ނިދީގައެވެ. މާޔާގެ ގާތުގައި އޮށޯވެ އޮތަސް، ރިޝްފާން އޮތީ ނިދާކަށް ނޫނެވެ. އޭނާ އޮތީ ކޮންމެ ރެޔަކުވެސް އެގޭތެރެއިން އިވޭ ނާމާން އަޑުތަކަށް ސަމާލުވެގެނެވެ. މިރޭ ވަގު ހިފާނަމޭ ހިތާއެވެ.

އެހެންހިތާ އޮއްވާ، ވަގުތު ޖެހުމާއެކު، ހަމަ އެއްކަލަ އަޑު އިވެން ފަށައިފިއެވެ. ފުރަތަމަ މެދުގޭތެރޭ ދޮރު ހުޅުވުނު އަޑެވެ. ދެން އިވުނީ އެތެރެއަށް ފިޔަވަޅު އަޅާ އަޑެވެ. ރިޝްފާން ފުންމައިގެން ތެދުވެއްޖެއެވެ. މަޑުމަޑުން އޭނާ ކޮޓަރި ދޮރު ހުޅުވައި ބޭރަށް ބޯދިއްކޮށްލިއެވެ. އެޔާއެކު، އޭނާގެ ދެލޯ ބޮޑުވެ އިންތިހާއަށް ބިރުވެސްގެންފިއެވެ. މެދުގޭތެރޭ އޭނާއަށް ފުރަގަސްދީގެން ހުރީ އަންހެނެކެވެ. ވައި ނުޖެހުނަސް އިސްތަށިގަނޑު ހީވަނީ ވަޔާއެކު ވިހުރެމުންދާހެންނެވެ. ހަތަރެސްފައި ވަނީ ގަދަ ރަތް ކުލައިން ދިއްލިފައެވެ.

[ކާކު...؟] ރިޝްފާން ތުރުތުރުއަޅަން ފެށިއެވެ.

[ރިޝްފާނަށް އަހަރެން އެނގޭނެ....] އެ ބިރުވެރި ސިފައިގައިވާ އެތީގެ އަޑު ނިކަން ނާމާނެވެ.

[އަހަންނަކަށް ނޭނގެ....ކާކު ތީ....؟] ރިޝްފާން ކުރިއަށްވުރެންވެސް ބިރުގެންފިއެވެ.

[އަހަންނަކީ ހަންޑިއެއް....ރަޙުމެއް ނެތް އިންސާނެއްގެ މަޅީގައި ޖެހިފައިވާ ހަންޑިއެއް....] ހަންޑި ނިކަން ބާރަށް ހީގަތެވެ. ރިޝްފާން އޭނާގެ އަތްފޯރާފަށުގައި ހުރި ސްވިޗުން މެދުގޭތެރޭ ހޮޅިބުރި ދިއްލައިފިއެވެ. އެޔާއެކު އޭނާއަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ.

އަލިކަމުގެ ތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އާއެކެވެ. ހޮޅިބުރި ދިއްލުމުގެ ކުރިން އޭނާއަށް ފެންނަން ހުރި ނާމާން ސިފައިގައިވާ ހަންޑިއެއް މިހާރު ނެތެވެ. މުޅި މެދުގޭތެރެއަށް މިހާރު ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ނަމަވެސް ރިޝްފާންގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަމެއް ނުފިލައެވެ. ވުމާއެކު، އޭނާ އަނެއްކާވެސް ހޮޅިބުރި ނިއްވާލިއެވެ. ކަމަކުދާކަށް ނެތެވެ. ހަމަކުރިންވެސް ހުއްޓިހުރި ގޮތަށް އެ ނާމާން ސޫރަ ހުއްޓެވެ.

[ކާކު....ތީ؟] ރިޝްފާން ދޮރު ކުޑަކޮށް ލައްޕާލައި، ދޮރުގެ ހަނި ދޭތެރެއިން ބޭރަށް ބަލަން ހުރެފައި އެއްސެވެ.

[އަހަންނަކީ ނާކާމިޔާބު ލޯތްބެއްގެ ހިތިކަން ޙިއްޞާކުރާ ހަންޑިއެއް. އަހަރެން އަހަރެންގެ ލޯބި ހޯދާނަން....އެއްވެސް ފަރުދަކަށް އަހަރެންގެ ލޯތްބަކަށް ހުރަހެއްނޭޅޭނެ.] މިފަހަރު ހަންޑި ވާހަކަ ދެއްކީ ކުރިއަށް ވުރެންވެސް ނާމާން އަޑަކުންނެވެ.

[ކޮބައިތަ މިގެޔަށް ވަދެ އަހަންނަށް އުނދަގޫ ކުރުމުގެ ބޭނުމަކީ. ކަލެޔަށް ބޭވަފާތެރިވި މީހަކަށް ޖެއްސުންކޮށް އުނދަގޫކުރަން ދާންވީނު....] ރިޝްފާން އަނެއްކާވެސް ހޮޅިބުރި ދިއްލައިފިއެވެ.

[އެ ބޭވަފާތެރިޔަކީ ތީ....އަހަރެން ކަލޭގެ ކިބައިން ބަދަލުހިފާނަން. ކަލޭ އުފާވެރި ދިރިއުޅުމެއް އުޅުނަކަ ނުދޭނަން...] މިފަހަރު އިވުނީ އޭތީގެ އަޑެވެ.

[ނޫން...ނޫން....] ބާރު ހަޅޭކަކާއެކު ރިޝްފާނަށް ފުންމައިގެން ތެދުވެވުނެވެ. އެޔާއެކު އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. ގާތުގައި ނިދާފައި އޮތް މާޔާއަށްވެސް އޭނާގެ އަޑަށް ހޭލެވިއްޖެއެވެ. މާޔާއަށް ބަލައިލެވުނީ ދާހިއްލާ ފޯވެފައިވާ ރިޝްފާންގެ މޫނަށެވެ.

[ރިޝްފާން...ކިހިނެއްވީ...؟] ރިޝްފާނާ ގާތަށް މާޔާ ޖެހިލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން