މާލެ ވިޔާފަރި ބަދަރު
މާލެ ވިޔާފަރި ބަދަރު
މާލޭ ވިޔަފާރި ބަނދަރު (އެމްޕީއެލް) ތޮއްޖެހި، ކޮންޓެއިނަރުތަކުން ބަނދަރު ފުރިބާރުވުމުގެ ސަބަބުން، ކުރިއަށް އޮތް ރޯދަމަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ރާއްޖެއަށް ނުގެނެވި ތާށިވެދާނެކަމުގެ ބިރު ބޮޑުވެ، ސަރުކާރުގެ އިހުމާލަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ބަނދަރުގެ ޖާގަ ނެތުމުގެ ސަބަބުން މުދާ ހިފައިގެން އަންނަ ބޯޓުފަހަރުތަކަށް މުދާ ބޭލޭނެ ގޮތެއް ނެތްއިރު، މިހާރު ބަނދަރުގައި ހުރި ކޮންޓެއިނަރުތައް ވީ އެންމެ އަވަހަކަށް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިނުކޮށްފިނަމަ، ދިވެހި ވިޔަފާރިވެރިންގެ އެތައް މުދަލެއް ލަންކާ ބަނދަރުގައި ތާށިވެ، ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ވަނީ ލިބިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި، މެޑިޓްރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) އިން ވެސް ވަނީ މާލޭ ބަނދަރުގެ ތޮއްޖެހުމުގެ ސަބަބުން ލަންކާއިން ރާއްޖެއަށް މުދާ އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ހާމަކޮށްފައެވެ.

މި ނާޒުކު ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން ހަރުދަނާ އަދި އަވަސް ހައްލެއް ނުފެނުމަކީ، ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގު އުފުލި، މުދާ ހުސްވުމަށް މަގުފަހިވާނެ ކަމެކެވެ. މިއީ ސީދާ ބަދަރަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނެސް ލަސްވުމާއި ސަރުކާރުގެ ރޭވުންތެރިކަން ކުޑަވުމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ބުރައެއްގެ ގޮތުގައި ގިނަ ވިޔަފާރިވެރިން ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު