އިންޑިއާގެ އިދިކޮޅު ސިޔާސީ ލީޑަރު ބާބާ ސިއްދީގީ މިސްކިތެއްގެ ކައިރިން ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި
އިންޑިއާގެ އިދިކޮޅު ސިޔާސީ ލީޑަރު ބާބާ ސިއްދީގީ މިސްކިތެއްގެ ކައިރިން ވަޅިން ހަމަލާދީ އަވަހާރަކޮށްލައިފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދެމުންދާ އަނިޔާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، މަހާރާޝްތުރާ ސްޓޭޓްގެ އިދިކޮޅު އިސް ލީޑަރަކު އަވަހާރަކޮށްލައިފިއެވެ.

އަވަހާރަކޮށްލާފައިވަނީ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ) އަށް ނިސްބަތްވާ ނުފޫޒުގަދަ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ ބާބާ ސިއްދީގީއެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާއަށް މި ނުރައްކާތެރި ހަމަލާ އަމާޒުވީ މިސްކިތެއްގައި ނަމާދުކުރެއްވުމަށްފަހު ފައިބައިވަޑައިގެންނެވި ވަގުތުގައެވެ.

މި ހަމަލާގެ ފަހަތުގައިވަނީ މޯދީގެ ސަރުކާރަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ގްރޫޕްތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ބާބާ ސިއްދީގީއަކީ މޯދީގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅަކަށް ވާއިރު، މިއީ ސިޔާސީ ގޮތުން ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވީ ނަމަވެސް، އިންޑިއާގެ އިދިކޮޅު ލީޑަރުން ވަނީ މި ހާދިސާއަކީ ޑިމޮކްރަސީގެ އަސްލުތަކާ ޚިލާފު، އަދި އެ ގައުމުގައި މުސްލިމުންނަށާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އޮތް ބިރުވެރިކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މޯދީގެ ވެރިކަމުގައި އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، ސިޔާސީ އިދިކޮޅު ފަރާތްތަކަށް ކުރާ ގޯނާތައް އިންތިހާއަށް އިތުރުވެފައިވާތީ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ މި މައްސަލައަށް ހުއްޓިފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސަރުކާރުގެ "އަނިޔާވެރިކަން" މިހާރު ހައްދުން ނައްޓާފައިވާ ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައިވާ ކަމަށެވެ. ބާބާ ސިއްދީގީގެ މަރާއެކު އިންޑިއާގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެ، ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތައް ވަނީ ކުރިއަށްވުރެ ވަރުގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު