[ޙުސޭނު އަވަސް އަވަހަށް އަންހެނުންނާއި މައިދައިތަ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުން ޖާބިރާއަށް ފަރުވާދިނުމަށްޓަކައި ތިން ހަތަރު ޑޮކްޓަރުން ހުސްވިއެވެ.

އެހެނަސް ކުރާނެ ކަމެއް ނެތެވެ. ފަރުވާއަށް ފެށުމުގެ ކުރިން، ޖާބިރާގެ ފުރާނަ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ސިފައިންގެޔަށްވެސް މި ޙާދިޘާގެ ފުރިހަމަ ތަފްޞީލު ދެވުނެވެ.

ހަމަ ވަގުތުން ސިފައިން ޙާދިޘާގެ ޙަޤީޤަތް ހޯދަން މަސައްކަތް ފެށިއެވެ.

ޙުސެއިނާއި ޖާބިރާގެ މަންމައަށް ވާހަކަ ކިޔައިދިނުމުގެ ހޭވެރިކަން ނެތުމާއެކު، ސިފައިންގެ މަސައްކަތަށް ހުރަސް އެޅުނެވެ.

ރާނިޔާ ގެޔަށް ވަންއިރު ޒަހީން ހޭލާ އިނެވެ.

[އަހަނ! ޒަހީންވެސް ހޭލީތަ؟] ރާނިޔާ މާ ނޫން ކަމަށް ހެދިގެން ވާހަކަ ދެއްކިއެވެ.

[ކޮންތާކުން ތިއައީ؟] ދެންމެ ހާދަ ނާމާން އަޑެއް އިވުނޭ. ރާނިޔާ ވީތަނެއް ނޭނގިގެން އަހަރެން މިއިނީ ވަރަށް ބިރުން.] ޒަހީން އެނދުން ތެދުވިއެވެ.

[މަވެސް މިއައީ އެ އަޑު އިވިގެން، ބޭރަށް ނުކުމެފަ. ޖެހިގެން ހުރި ގެޔަށް ވަރަށް ގިނަ މީހުން އެބަ ޖަމާވޭ. ހީވަނީ ކޮންމެވެސް ކަންތައްގަނޑެއް ހިނގައިގެން އެބައުޅޭހެން. ސިފައިންވެސް އެބައުޅޭ.] ރާނިޔާ ދޮގުމައްޗަށް ދޮގު ހަދަމުން ގެންދިޔައެވެ. ޒަހީން އޭނާގެ ކޮންމެފަދަ ވާހަކައެއްވެސް ހިތުގެ އަޑިން ޤަބޫލު ކުރެއެވެ.

[ހިނގާ ދަމާ! އަވަށްޓެރިންގެ ޙާލު އަޙުވާލު ބަލަންވާނެ.] ޒަހީން ހިނގައިގަތެވެ.

[އަޅެ ދާނެތަ؟ ޒަހީން ބިރެއްނުގަނޭތަ؟] ރާނިޔާ ހުރީ ދެ ޚިޔާލެއްގައެވެ.

[މިހާރަކު ބިރެއްނުގަނޭ. ހިނގާބަލަ ދާން.] ޒަހީން ރާނިޔާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ.

ޒަހީންމެން މަގަށް ނުކުތްއިރު، މިއޮއް ފުރަ މެންދަމުގައިވެސް މުޅި މަގުމަތިވަނީ މީސްތަކުން ފުރިފައެވެ. ސިފައިންގެ ބޭކަލުންވެސް ކޮޅުކޮޅަށް ޙަރަކާތްތެރިވާ ތަން ފެނެއެވެ.

[ޔަޤީނޭ އެއީ އެގެއިން އިވުނު އަޑަކަށްވާނީ.] ޒަހީން ރާނިޔާގެ އަތުގައި ހިފައިގެން ގޮސް އެގެޔަށް ވަނެވެ. އޭރު ޖާބިރާވެސް ހޮސްޕިޓަލުން ގެޔަށް ގެނެސްފިއެވެ.

އެގޭތެރޭގައި އަވަށުގެ ވަރަށްގިނަ މީހުން ތިއްބެވެ. ތަފާތު ޢުމުރުގެ އަންހެނުންނާއި ފިރިހެނުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުންދަނީ ޙައިރާންކަމުގެ އަސަރެވެ. އެގެޔަށް ވަނުމަށްފަހު ރާނިޔާވެސް މަސައްކަތްކުރީ އެ އަސަރު ދެއްކޭތޯއެވެ.

ޖާބިރާ އޮތްގޮތް ފެނުމާއެކު، ޒަހީން އަނބުރައިގަންނަގޮތްވިއެވެ.

[ރާނީ....ހިނގާ ދާން، ނުހުރެވޭނެ. ޒަހީނަށް ކެތެއް ނުކުރެވުނެވެ. އޭނާ ރާނިޔާގެ އަތުގައި ހިފައިގެން އެގެއިން ނުކުތެވެ.

[ހާދަ ހިތް ބައްޔޭދޯ؟] ރާނިޔާވެސް ހުރީ ދެރަވެފައެވެ. އެވަގުތު އޭނާ ރުޅިއައީ އަމިއްލަ ނަފްސު ދެކެއެވެ. އަމިއްލަ ނަފްސަށް އޭނާއަށް ބާރު ނުފޯރުވޭތީއެވެ.

[އަމިއްލައަށްވެސް ތިޔަ ރޮވެނީއެއްނު.] ޒަހީން، ރާނިޔާގެ ކަރުނައިން ތެމެމުންދިޔަ ލޮލަށް ބަލާލަމުން ބުންޏެވެ.

[ރޮވޭނެއެއްނު، މިއޮންނަނީ އަމިއްލަ ނަފްސަށްވެސް ބާރު ނުހިންގިފައިވިއްޔާ.] ރާނިޔާގެ ވާހަކައިގެ މާނަ ފުނެވެ. އެހެނަސް އެއިން މާނައެއް ނަގައިގަނެވޭހާ ވިސްނުން ތޫނު މީހަކަށް ޒަހީނެއް ނުވިއެވެ.

[އަހަރެންތަ؟] ޒަހީން އެއްސެވެ.

[ހުރިހާ މީހުންވެސް....] ރާނިޔާ އަވަސް އަވަހަށް އޮޅުވާލިއެވެ. ގެޔަށް ވަދެވުނުއިރު، ޒަހީންގެ ބޮލަށް އެނބުރުންއަރާވަރުން ކޮއްޅަށް ނުހުރެވޭވަރު ވެއްޖެއެވެ. އެހެންކަމުން، އޭނާ ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ.

[ފެންތަށްޓެއް ގެނެސްދެންތަ؟] ޒަހީން އޮށޯތުމުން ރާނިޔާ އެއްސެވެ.

[އާނ.....ވަރަށް ބޮޑަށް ބޮލަށް އެނބުރުންއަރާ އެބަ. ޖާބިރާއަށް ހަދާފަ އޮތް ގޮތެއްދޯ.] ޒަހީން އޮތީ ވަރަށް ބޮޑަށް ބިރުވެސްގެންފައެވެ.

ރާނިޔާ ނުކުތުމުން ޒަހީން ވިސްނާލިއެވެ. [ރާނިޔާއަކީ ކިހާ ބިރުކުޑަ އަންހެނެއް ހެއްޔެވެ؟ އޭނާ ކޮންމެ ރެޔަކުވެސް މެންދަމުގެ ވަގުތުގައި ކޮޓަރިން ނުކުމެއެވެ. އަނެއްކާ އޭނާ އަހަރެން ނޫން އެހެން ފިރިހެނަކާއެކު ގުޅުމެއް ބާއްވަނީބާވައެވެ؟]

[ހާދަ ފިކުރު ބޮޑުވެފައި.] ރާނިޔާ ފެންތަށި ހިފައިގެން ކޮޓަރިއަށް ވަންނަމުން އެހިއެވެ. ޒަހީނަށް ރޮނިޔާގެ އަޑު އިވުމާއެކު ތެޅިގަނެވުނެވެ.

[ނުކުރަން ފިކުރެއް.] ޒަހީން ދޮގު ހެދިއެވެ.

[އެކަމަކު ތިއޮތްގޮތަކުން ހާދަހީވެޔޭ.] ޒަހީންގެ ހިތުގައިވާ އެއްޗެއް ރާނިޔާއަށް އެނގޭ ކަހަލައެވެ.

[ތިއީ ރާނީއަށް ހީވާގޮތެއް.] ޒަހީން ފެންތަށި ބޯލިއެވެ. ރާނިޔާ ޒަހީން އޮތް އެނދުގެ މަގަތުގައި އިށީން ވަގުތު ކުއްލިއަކަށް ޒަހީން އެތަނުން ތެދުވިއެވެ. އޭނާއަށް ރާނިޔާގެ ހަށިގަނޑުން އެއްޗެއް ފެނުނީހެން ހީވިއެވެ. އެކަން އެނގުނީ، އޭނާ ރާނިޔާއަށް ބެލި އާދަޔާ ޚިލާފު ގޮތުންނެވެ.

[ރާނީ މުޅި ހެދުމުގައި ތިހިރީ ކޯއްޗެއް.....؟] ޒަހީން ހުރީ ޙައިރާންވެފައެވެ.

[ކޯއްޗެއް...އެއްޗެއް އެބަހުރިތަ؟] ރާނިޔާ އޭނާގެ އަމިއްލަ ހަށިގަނޑަށް ބަލާލިއެވެ. ރާނިޔާގެ ހެދުމުގައި ހުރި ލޭތައް ފެނުމުން، އޭނާއަށް ތެޅިގަނެވުނެވެ. މޫނުގެ ކުލަ ބަދަލުވިއެވެ.

[މިވާނީ އެގެއިން.....] ރާނިޔާ ވާހަކަ ދެއްކީ ބިރުން އިނދެއެވެ.

[ރާނީ.....ޖާބިރާއާ އެހާ ކައިރިއެއް ނުވަމެއްނު.] ޒަހީން ބުންޏެވެ.

[އެގޭ ދޮރުމަތީގައި ލޭތަކެއް ހުއްޓެއްނު.] ރާނިޔާ ސާބިތުކޮށްދެވޭތޯ އުޅުނެވެ. ޒަހީނަށް އެއީ ތެދުކަމަށް ޤަބޫލު ކުރެވުނެވެ.

[އާނ.....ދެފައި ތަޅަމުން ހިނގަންޏާ ވާނީ ތިހެން. މުޅި ހެދުމުގައިވެސް ތިހިރީ ހުސް ލެޔެއްނު. އައްޗީ ތުންފަތުގައިވެސް ތިހިރީ ހުސް ލެއެއްނު.] ރާނިޔާގެ ދެމިޔަކަނުގައި ހޭކިފައި ހުރި ލޭތައްވެސް ޒަހީނަށް ފެނުނެވެ.

[އޭނ....އޭނ....އެބަހުރިތަ....] ރާނިޔާ އަތުގެ ނުފުށުން ލޭތައް ފޮހެލިއެވެ.

[ދެންވެސް ގޮސް ދޮވެގެން އާދޭ.] ޒަހީން ބުންޏެވެ. ރާނިޔާ ކޮޓަރިން ނުކުތެވެ.

ހެނދުނުވީއިރު، އާދަޔާ ޚިލާފު ގޮތަކަށް ރޯނުގޭ ޖާބިރާ އާދަމް މަރުވި ޚަބަރު މުޅި ރަށުތެރެއަށް ފެތުރި، ރަށުގެ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ސަވާރުވިއެވެ.

ޖާބިރާ އާދަމަކީ މި ފަހުން މަރުވި ތިންވަނަ މީހާއެވެ. ޖާބިރާގެ އިތުރުން މަރުވި ކޮންމެ މީހަކުވެސް މަރުވެފައިވަނީ، ޙަޤީޤަތް ނޭނގޭ އާދަޔާ ޚިލާފު ގޮތަކަށެވެ.

ދަންވަރުގެ ވަގުތުގައި ބޭރުގައި ނޫޅުމަށްވެސް ރައްޔިތުންނަށް އެންގުނެވެ.

ހެނދުނު ހެނދުނާ މި ބިރުވެރި ޚަބަރު ލިބުމާއެކު، ރަޝްފާއާއި ލަހުފާ ރާނިޔާގެ ގެޔަށް އައެވެ. އޭރު ރާނިޔާއާއި މަންމަ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅެއެވެ.

[އައްސަލާމް ޢަލައިކުމް. ހާދަ ބުރަކޮށްލައިގެން.] ރަޝްފާ އެތެރެއަށް ވަންނަމުން އަހާލިއެވެ.

[ސަލާމް ބަލައިނުގަންނަނީހެއްނު ތިޔަވަނީވެސް.] ރާނިޔާ މަސައްކަތް ހުއްޓާލުމަށްފަހު ތެދުވިއެވެ.

[ތިޔަ ވާހަކައެއް ނޫނޭ. މި ހިސާބުގަނޑުން ހާދަ މީހުން މަރުވެޔޭ. އަނެއްކާ ޝިޒޫގެ ކަމެއްތަ؟] ރަޝްފާގެ ވާހަކައާ ގުޅިފައިވަނީ ސަމާސާއެވެ.

[ކިހިނެއް އެނގުނީ.....މަގޭ....ކަމެއްކަން...] ރާނިޔާ އިތުރަށް މަޖާވެލިއެވެ.

[މިއަދު މަރުވި މީހާގެ ފިރިމީހާ ބުނީ.....] ރަޝްފާ ހޭން ފެށިއެވެ.

[އޭނ.....ނުބުނާނެ....] ރަޝްފާމެން ކުރީ ސަމާސާއެއް ކަމަށްވިޔަސް، ރާނިޔާ ވަރަށް ހާސްވިއެވެ.

[އައްދޭ ހާދަ ހާސްވީ....] ލަހުފާވެސް ރަޝްފާއާ އެއްބައިވެގެން، ރާނިޔާއާ ދިމާކޮށްލިއެވެ. ރާނިޔާ ހަމަޖެހެން މަސައްކަތް ކުރަމުން ހިނިތުންވެލިއެވެ.

[ހާސްވާނެއެއްނު، މަވިއްޔާ އެކަންތައް ކުރަނީ....] ސަމާސާއަކަށް ހަދައިގެންވެސް ރާނިޔާ ތެދު ހާމަކުރިއެވެ.

[ކީއްވެ ހާސްވާންވީ؟....] ކެލާގައި ހުރި ޝިޒްނީގެ ދައްތަ ޙަފީޒާ ވާހަކަ ދެއްކީ ޝިޒްނީއާއެވެ.

[ހާހެއްނުވަމޭ. ހިތަށްއަރަނީ، ޒަހީނަށް ފެނިއްޖެއްޔާ ވާނެގޮތެއް. އޭނާ މިހާރުވެސް އަހަރެންގެ ފަޅުވެފައިވާ ގެޔަށް ޒިޔާރަތް ނުކުރާ ކަމެއް ނޭނގެއެއްނު.] އަދިވެސް ޝިޒްނީ ދެކޮޅު ހަދަމުންދަނީ މާލެ ދިޔުމަށެވެ.

[ޝިޒްނީ، ބަލަ އަމިއްލަ ނަފްސަށް އިޙްތިރާމެއް ނުކުރަންތަ؟ އެ ބައްޔެއްގެ ފެންވަރުން ކޮންމެ ބައްޔަކީވެސް ޝިފާއެއްވާނެ ބައްޔެއް.] ޙަފީޒާ ހުރީ ނުރުހިފައެވެ.

[އެނގެޔޭ ތިޔަކަން....] ޝިޒްނީއަށް ރޮވުނެވެ.

[ދެން ކީއްވެތަ، ތިޔަ ބައްޔަށް ފަރުވާ ހޯދަން މަސައްކަތް ކުރަން ތިޔަ އިންކާރު ކުރަނީ.] ހަފީޒާ ޝިޒްނީއަށް ވިސްނައިދިނެވެ. މިފަހަރު ޝިޒްނީއަށް ޖެހުނީ ހަތިޔާރު ބެހެއްޓުމަށްފަހު، ދައްތަގެ ބަސް ޤަބޫލު ކުރާށެވެ.

[އެންމެ ރަނގަޅު. މާލެ ދިޔުމަށް އަހަރެން އެއްބަސްވަން....އެކަމަކު ދައްތާ...އަދި އެއްމަސް ފަހުން.] ޝިޒްނީ ޝަރުޠަކާއެކު، މާލެ ދިޔުމަށް އެއްބަސްވިއެވެ.

[އަދި ކިރިޔާދޯ ތިޔަ ވިސްނުނީ. ދައްތަ ފުރަތަމަ ބުނި ދުވަހުން ފެށިގެން މާލެ ދިޔަނަމަ، މިހާރު ބޭރު ޤައުމަކަށް ދެވޭނެހާ ފައިސާ ޖަމާކުރެވިދާނެއެއްނު.] ޙަފީޒާ ހުރީ އުފާވެފައެވެ.

[ދައްތާ، އެގޭގައި ހުންނާނީ ފަސް ކޮޓަރި. އަހަރެމެންނަށް ދެކޮޓަރި ބޭނުންވާނެއެއްނު.] ޝިޒްނީ ބުންޏެވެ.

[ތިން ކޮޓަރި ކުއްޔަށް ދެވޭނެއެއްނު.] ޒަހީން ޚިޔާލު ބަދަލުކުރީ ރާނިޔާއާއެވެ. ރާނިޔާ ކުޑަދަރިފުޅު ޝާއިން އުރާލައިގެން އައިސް، ޒަހީނާ ދާދި ގާތުގައި އިށީނެވެ.

[ކޮޓަރިތައް ކުއްޔަށް ހިފަން ބޭނުން ބަޔަކު ތިބީތަ؟] ރާނިޔާ އެހިއެވެ.

[އާނ....ދެތިން މީހަކު އަހަންނާ ވާހަކަވެސް ދައްކައިފި. އަހަރެން ބުނިން، ހަނދުބަލާ މަހު އެކަކުން ފެށިގެން މައްސަލައެއް ނެތޭ.] ޒަހީން ކުޑަދަރިފުޅު ޝާއިންގެ ކޮލުގައި ހިފާލަމުން ބުންޏެވެ.

ޒަހީނަށް ފެންނަ ގޮތަކަށް ހަދާ...އަހަންނަށް އެންމެ ރަނގަޅު.] ރާނިޔާ ހުރިހާ ކަމެއް ޒަހީނަށް ދޫކޮށްލިއެވެ.

ޖެހިގެން އައި މަހުގެ އެކަކުން ފެށިގެން އައްޑުއަތޮޅު ހިތަދޫ ބަޔަކަށް، އެގޭގައި ބާކީހުރި ތިން ކޮޓަރި ކުއްޔަށް ދިނެވެ. އެގެޔަށް ކުއްޔަށް އައީ ހިތަދޫގެ މަޝްހޫރު ބޭސްވެރި ފަންޑިތަވެރި ޙަސަން މަނިކުގެ ދެމަފިރިންނާއި އެމީހުންގެ ހަތަރު ކުދިންނެވެ.

އެމީހުން އެގެޔަށް އައިސް ވަނީ ރާނިޔާ ބޮޑު ކޮޓަރީގައި ބަލަން ހުއްޓައެވެ. ޙަސަން މަނިކަށް ރާނިޔާ ފެނުމުން، އޭނާ ރާނިޔާއަށް އާދަޔާ ޚިލާފް ގޮތަކަށް ބެލިކަން ރާނިޔާއަށް އެނގުނެވެ. ރާނިޔާއަށް އެކަން އެނގުނު ފަދައިން، ޙަސަން މަނިކަށްވެސް އޭނާ ފެނުމުން ރާނިޔާގެ ބަދަލުވެގެންދިޔަ ޙަރަކާތްތައް ފާހަގަކުރެވުނެވެ.

[ޒަހީން...ކޮންބަޔަކަށްތަ، ކޮޓަރިތައް ކުއްޔަށްދީގެން ތިއުޅެނީ؟] ރާނިޔާ ވާހަކަ ދެއްކީ ފޫހި ފާޑަކަށެވެ.

[ކިހިނެއްވީ ކަމުނުދަނީތަ؟] ޒަހީން އެއްސެވެ.

[އާނ ދެން ވަރަށް ފޫހި ވައްތަރު ބައެއް.] ރާނިޔާ ވާހަކަ ދެއްކި ރާގުން އޭނާ ހިތްހަމަނުޖެހިފައިވާކަން އެނގެއެވެ.

[ރާނީ އެކަމަކު އެއީ ހާދަ މޮޅު ފަންޑިތަ ހަދާ މީހެކޭ.] އޭނަ ހުއްޓަކާ މިގެއަކަށް ޖިންނި ޝައިޠާނުންނަށް ވަދެ އުޅޭކަށް ނުކެރޭނެއެއްނު.] ނޭނގި ނަމަވެސް ޒަހީނަށް ވިސްނުނީ، ރާނިޔާއަށް ދެރަ ލިބޭނެ ގޮތަކަށެވެ.

އެރޭ ރާނިޔާ ޤަޞްދުކުރީ މެންދަމު ވަގުތުގައި ގެއިން ނުކުންނާށެވެ. އެހެންވެ އޭނާ ޒަހީން އޮފީހުން އައުމާއެކު، ނިދަން އޮށޯތެވެ.

ރާނިޔާ ނިދަން އޮށޯތުމުން ޒަހީންވެސް އޮށޯވެލިއެވެ.

[އޭތް....މިރޭ ކީއްވެ މާއަވަހަކަށް ނިދަން ތިއުޅެނީ؟] ޒަހީން ރާނިޔާއާ ގާތަށް ޖެހިލަމުން އެހިއެވެ.

[މިރޭ ތަންކޮޅެއް އަވަހަށް ނިދާލާހިތްވަނީ.] ރާނިޔާ ވާހަކަ ގިނަކުރާކަށް ޤަޞްދެއް ނުކުރިއެވެ. ޒަހީންވެސް އިތުރަށް ރާނިޔާއަކަށް އުނދަގުލެއް ނުކުރެއެވެ. ޒަހީނަށް ނިދެންދެން ރާނިޔާ އޮތްގޮތަށް އޮތެވެ.

ރާނިޔާ ކޮޓަރިން ނުކުތީ ބަރާބަރު ބާރަ ޖެހީމައެވެ. އޭނާގެ ސިފަ ބަދަލުވުމުގެ ކުރިން، އޭނާ ހުރީ ޙަސަން މަނިކުމެން ކޮޓަރީގެ ދޮރުމަތީގައެވެ. އޭރު ޙަސަން މަނިކުގެ ދެމަފިރިން ތިބީ ނިދާފައެވެ. ހަތަރު ކުދިން ތިބީ އަނެއް ދެކޮޓަރީގައެވެ.

ރާނިޔާ ކޮޓަރި ދޮރުމަތީގައި މާގިނައިރަކު މަޑެއް ނުކުރެއެވެ. ވަށައިގެން ހޯދާ ބަލާލުމަށްފަހު، ދޮރުފަތުގައި ހުރި އާނގައަކުން އެތެރެއަށް ދެމިގަތެވެ.

ރާނިޔާއަށް ކޮޓަރިއަށް ވަދެވުނުތަނާ، ނިދިފައި އޮތް ޙަސަން މަނިކަށް ހޭލެވިއްޖެއެވެ. އޭނާއަކީ ކިތަންމެ މޮޅަށް ފަންޑިތަ ހަދާ މީހަކަށްވިޔަސް، ރާނިޔާގެ ބިރުވެރި ސޫރަ ފެނުމުން، އޭނާއަށްވެސް ހަޅޭއްލަވައިގަނެވިއްޖެއެވެ. އެ އަޑު އިތުރު މީހަކަށް ނީވޭކަން އޭނާއަށް އެނގުނީވެސް ގާތުގައި ނިދާފައި އޮތް އަންހެނުން ނާޒިރާއަށް ހޭނުލެވުނީމައެވެ.

ރާނިޔާ ފުރްޞަތު ނަގައެއްނުލައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހައިހޫނުކަން ފިލުވާލުމަށްފަހު ކޮޓަރިން ނުކުތެވެ.

ނާޒިރާއަށް ހޭލެވުނީ ފަތިސްވާން އުޅެނިކޮށެވެ. ހޭވެރިކަންމަތީ އޭނާއަށް ހުރެވުނީ ހިނދުކޮޅަކަށެވެ. ފިރިމީހާ އޮތް ޙާލު ފެނުމާއެކު އޭނާ ވަގުތުން ހޭނެތުނެވެ.

ހެނދުނު އެންމެ ފުރަތަމަ މި މަންޒަރު ފެނުނީ، ޙަސަން މަނިކުގެ ދޮށީ ފިރިހެން ދަރިފުޅު ޢަޤީލަށެވެ. ޢަޤީލަކީ ހިތްވަރު ގަދަ ފިރިހެން ކުއްޖެއްކަން އެނގުނީ އެހާ ހިސާބުންނެވެ. އޭނާ ވަގުތުން ފޯނުކުރީ ސިފައިންގެޔަށެވެ. ތަފްޞީލުކޮށް ނުދެވުނަސް ފެނުނު މަންޒަރު ސިފައިންނަށް ސިފަކޮށްދިނެވެ. އޭނާއަށް ރޮވުނީ އެ ފޯންކޯލަށް ފަހުގައެވެ. ބައްޕަ އޮތްގޮތުން މަރުވެފައިވާ ކަމަށް އޭނާއަށް ޔަޤީން ކުރެވުނީ ކަމަށް ވެދާނެއެވެ.

[ދަރިފުޅާ ޒަހީން ތެދުވެބަލަ.....] ހެނދުނު ހައެއްވެސް ނުޖަހަނީސް މަންމަ ގޮވަން ފެށުމުން، ޒަހީން ކަންބޮޑުވެ ހުރެ ކޮޓަރިން ނުކުތެވެ.

[މަންމާ ކިހިނެއްވީ މާ ހެނދުނަކާ.] ޒަހީން އެއްސެވެ.

[ނޭނގޭތަ، ބޮޑު ކޮޓަރިއަށް ނުކުމެބަލަ. ޙަސަން މަނިކަށް ކޮށްލާފައި އޮތްވަރު ދެކިލަބަލަ.] ފާއިޒާވެސް ހުރީ ބިރުގެންފައެވެ.

[ޙަސަން މަނިކަށް ކިހިނެއްވީއޭ؟] ޒަހީން ބޮޑު ކޮޓަރިއަށް ނުކުތެވެ. އޭރު ޙަސަން މަނިކުމެންގެ ކޮޓަރިއާވީ ހިސާބު ވަނީ ދެޖިންސުގެ ތަފާތު ޢުމުރުތަކުގެ މީސްތަކުން ފުރިފައެވެ. ފެންނަ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފާޅުވަނީ ހިތާމައިގެ އަސަރެވެ.

[މަންމާ ރާނީއަށްވެސް ގޮވާބަލަ.....] ޒަހީން ޙަސަން މަނިކުމެން ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. ފާއިޒާ ގޮސް ރާނިޔާ ހޭލައްވާފައި ޙަސަން މަނިކުގެ މަރުގެ ޚަބަރު ދިނެވެ. ރާނިޔާގެ ތުންފަތަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އެހެނަސް އޭނާ އެ ހިނިތުންވުން ފާއިޒާއަކަށް ނުދައްކައެވެ.

[ކިހިނެއްވީޔޭ؟] ރާނިޔާގެ މޫނުމައްޗަށް ޙައިރާންކަމުގެ އަސަރު ގެންނަމުން އެއްސެވެ.

[ނޭނގެ. މިހާރު މަންމަވެސް ބިރުގެންފި. ވަރަށް ރަޙުމް ކުޑަ ގޮތަކަށް ޙަސަން މަނިކު މަރާލާފައިވަނީ.] ފާއިޒާ ހުރީ ބިރުން ފެންކަޅިވެފައެވެ. ފާއިޒާ އިތުރަށް މަޑުނުކޮށް، ޙަސަން މަނިކުމެންގެ ކޮޓަރިތަކާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ރާނިޔާވެސް ހިނގައިގަތެވެ.

މިއަދަކީ ޝިޒްނީ މާލެ ދިޔުމަށް ހަމަޖެހިފައިވާ ދުވަހެވެ. ޝިޒްނީގެ ދައްތަ ޙަފީޒާއާއި ދެކޮއްކޮއިންވެސް ޝިޒްނީއާއެކު މާލެ ދިޔުމަށްޓަކައި ދަތުރު ހެދިއެވެ.

[ދެން މިހާރު މިތިބީ ހުރިހާ ކަމެއް ނިމިފައެއްނު. ދޯނި ފުރާނީ ފަތިހު ފަހެއް ޖަހާއިރޭ ލަބީބް ބުނި.] ޙަފީޒާ ވާހަކަ ދެއްކިއެވެ.

[ދައްތާ، އަހަރެން މާލެ މިދަނީ ދާހިތަކުންނެއް ނޫން. އަހަންނަށް ޔަޤީން، އަހަރެން މާލެ ދިޔުމުން، ނާފިޒާއި ޒަހީންގެ އުފާތަކަށް ހުރަސް އެޅޭނެކަން.] އަނެއްކާވެސް ޝިޒްނީގެ ޚިޔާލު ބަދަލުވާން ފެށިއެވެ.

[އަނެއްކާ ޚިޔާލު ބަދަލުވީ؟] ޙަފީޒާ ހުރީ ނުރުހިފައެވެ. އެއީ އެރޭ ފުރަން އުޅޭ ދޯނީގެ ނެވި ލަބީބް އެގެޔަށް އައިސް ވަން ވަގުތެވެ.

[ޙަފީޒާ! ވަރަށް ސަކަރާތޭ. ދޯނީގެ އިންޖީނު ހަލާކުވެއްޖެ.] ލަބީބް ދިނީ ޝިޒްނީއަށް ނުހަނު އުފާވެރި ޚަބަރެކެވެ.

[އަވަހަކަށް ނެހެދޭނެތަ؟] ޙަފީޒާ އަހާލިއެވެ.

[ނޭނގެ އަދި ވެފައި ހުރި ގެއްލުމެއްވެސް.] ލަބީބްވެސް ހުރީ ގޮތް ހުސްވެފައެވެ.

[ކިހާދެރަ. އަހަރެމެން ވަރަށް ތައްޔާރުވެސް ވެއްޖައިން.] ޙަފީޒާގެ ކަރު އެލުނެވެ.

[ދެން ކުރާނެ ކަމެއް ނެތެއްނު. އެހެން ދޯންޏަކުން ދެވޭތޯ ބަލަންވީނު.] ޙަފީޒާއަށް ލަބީބް ޚިޔާލެއް ދިނެވެ.

[އުހުނ އެހެން ދޯންޏަކުން އަހަރެމެން ނުދާނަން. ތިދޯނީގެ އިންޖީނު ހެދެންދެން މަޑުކުރާނީދޯ؟] ޙަފީޒާ ޝިޒްނީގެ ގާތުގައި ބުންޏެވެ. އެއީ ޝިޒްނީ ބޭނުންވިގޮތެވެ.

[މިއައީ އިންޖީނު ހަލާކުވި ވާހަކަ ބުނެލަންވެގެން. ދެން އަހަރެން ދަނިއްޔޭ.] ލަބީބް ނުކުތެވެ.

[އަނެއްކާވެސް އިތުރު ދުވަސްތަކަށް މިކޮޅުގައި ތިބޭކަށްނު މިޖެހުނީ.] ޙަފީޒާ ބަދިގެއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

ޒަހީން އަދިވެސް ނުނިދައެވެ. މެންދަމަށް ފެށެނީއެވެ. ރާނިޔާގެ ހިތް ނުތަނަވަސްވަނީއެވެ. މިރޭ ޒަހީނަށް ހަދާނެ ގޮތަކާމެދު އޭނާ ވިސްނަން ފެށިއެވެ. ފާޚާނާއަށޭ ކިޔާފައި ނުކުމެވޭކަށްވެސް ނެތެވެ. އޭނާ ފާޚާނާއިން އައީ ދެންމެއެވެ.

[ޒަހީން އަހަރެން މިރޭ......ވަރަށް ބަނޑުހައިވޭ. އަންނާނަން ބަދިގެއަށް ގޮސް ކޮންމެވެސް އެއްޗެއް ކާލައިގެން.] ރާނިޔާ ވަރަށް ގިނައިރު ވަންދެން ވިސްނަން ހުރުމަށްފަހު ބުނެލިއެވެ.

[ރާނީ މިރޭ ކެއީމެއްނު! އަދިވެސް ބަނޑުހައިވަނީ؟....] ރާނިޔާއަކީ އެހެން އެއްވެސް ރެޔަކު ކާގަޑީގެ އިތުރު ވަގުތެއްގައި ކާއެއްޗެއް އަނގަޔަށްވެސްލާ މީހެއް ނޫނެވެ. ވީމާ ޒަހީންގެ ހިތުގައި ސުވާލު އުފެދުނެވެ.

[މިރޭ ކައިފިން. އެކަމަކު އަދިވެސް ވަރަށް ބަނޑުހައިވޭ އަންނާނަން. ޒަހީނަށް ކޮފީއެއް ބޭނުންވާނެތަ؟] ޒަހީންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ރާނިޔާ ނުކުތެވެ. ފަހަތުން ސިއްރު ފިޔަވަޅު އަޅަމުން ޒަހީން ނުކުތެވެ. ޒަހީން ބޭނުންވީ ބަދިގެތެރޭގައި ހުއްޓާ ރާނިޔާ ބިރުގަންނަވާލާށެވެ.

ރާނިޔާގެ ފަހަތުން ޒަހީން ނުކުތް ނަމަވެސް، އޭނާއަކަށް ރާނިޔާއެއް ނުފެނުނެވެ. ޒަހީން ދިޔައީ ބަދިގެއަށެވެ. ބަދިގެއާ ހިސާބަށް އާދެވުމުން، ޒަހީން ޙައިރާންވިއެވެ. ބަދިގެހުރީ ބޭރުން ބޮޑު ތަޅު އަޅުވާފައެވެ. ޒަހީން އިރުކޮޅަކު ވިސްނަން ހުއްޓެވެ.

އޭނާއަށް ކަމެއް ހަނދާންވީ ކަމަށްވެސް ވެދާނެއެވެ. އޭނާ މަގަށް ނުކުމެއްޖެއެވެ. ދެކޮޅު ހޯދާ ބަލާލުމުން، ދުރުން މާދުރުން އަންހެނަކު ކުރިއަށް ހިނގާފައި ދަނިކޮށް ފެނުނެވެ. ޒަހީނަށް އެއީ ރާނިޔާ ކަމަށް ޔަޤީން ކުރެވުނީ ކަމަށްވެސް ވެދާނެއެވެ. އޭނާ ރާނިޔާގެ ފަހަތުން ކުރިއަށް ހިނގައިގަތެވެ.

ރާނިޔާގެ މިޞްރާބު ހުރީ ލޮނުޒިޔާރަތްކޮޅާ ދިމާލަށެވެ. ޒަހީން ހިނގަމުން ދިޔައީ އޭނާއަށް ނުފެންނަ ގޮތަށް، މަގުގެ އެއްފަރާތުންނެވެ. މިރެޔަކު ޒަހީންގެ ހިތަކު ބިރުވެރިކަމެއް ނެތެވެ. އޭނާއަށް ޔަޤީންވާ ކަހަލައެވެ. އެއީ ރާނިޔާ ކަމަށެވެ. ކުއްލިއަކަށް އޭނާއަށް މަޑުޖެހިލެވިއްޖެއެވެ. ބިރުން ކުރިއަށް އެޅި ފިޔަވަޅުތައް ފަހަތަށް އެޅުނެވެ.

އޭރު ރާނިޔާ ކަމަށް ހީކުރި އަންހެން މީހާގެ ސިފަ ބަދަލުވިތަން އޭނާއަށް ފެނުނީއެވެ. ޒަހީން ފަސް އެނބުރި ބަލަމުން ކުރިއަށް ދުއްވައިގަތެވެ. ދުއްވައިގަތް ވަގުތު ރާނިޔާ ތޮށިގަނޑު މަތިން މޫދަށް ފުންމާލިތަން ޒަހީން ދުށްޓެވެ. އެމަންޒަރު ފެނުމުން، އޭނާ އިތުރަށް ބިރުގެންފިއެވެ. ހިނގަމުންދިޔަ ހަލުވި ހިނގުން ދުވެއްޔަށް ބަދަލުވިއެވެ. ބިރުގެންފައި ހުރިވަރުން ކަމަށްވެސް ވެދާނެއެވެ. އޭނާއަށް ގެޔާ ހަމައަށް އާދެވުނީ ދުރު މަގުންނެވެ.

ޒަހީން ކޮޓަރިއަށް ވަންއިރު ރާނިޔާ ކޮފީތަށި ހިފައިގެން ޒަހީންގެ އިންތިޒާރުގައި އިނެވެ.

[ކޮންތާކުން ތިއައީ؟.....] ޒަހީން ވަނުމުން ރާނިޔާ އެހިއެވެ.

[އަހަރެން ނުކުތްއިރު ރާނީ ހުރީ ކޮންތާކު....؟] ރާނިޔާގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ޒަހީން އެހިއެވެ.

[އަހަރެން ހުރީ ފާޚާނާގައި. ޒަހީން ނުކުތް އަޑު އިވުނު.] ރާނިޔާ ދޮގު ހެދިއެވެ.

[ހުންވެސް އަތުވެއްޖެ.....ވަރަށް ބިރުގެންފި....ރާނީގެ ސިފައާ ވައްތަރު ޖިންނިއެއް...އާނ....ރާނީއަށް ޤަބޫލެއްވެސް ނުކުރެވޭނެ....] ޒަހީން ކޮށިއަރަމުން ވާހަކަ ދެއްކިއެވެ.

[މިޒަމާނަކު ނޫޅޭނެއެއްނު....] ރާނިޔާ ހާސްވާގޮތް ދެއްކޭތޯ އުޅުނެވެ.

[މިޒަމާނުގައި ނޫޅޭތީދޯ މިގޭގައި އުޅުނު ޙަސަން މަނިކު މަރާލީވެސް.] ރާނިޔާ އޭނާއާ ދެކޮޅަށް ވާހަކަ ދެއްކުމުން، ޒަހީން ނުރުހުނެވެ.

[އެހެންވީއިރު ޒަހީނަށް އެކަނިތަ ތިބުނާ ޖިންނި ފެންނަންވީ. ވަރިހަމަނު އެހެން މީހަކަށްވެސް ފެންނަން.] ދެންވެސް ރާނިޔާ ވާހަކަ ދެއްކީ ޒަހީނާ ދެކޮޅަށެވެ.

[ވެދާނެއެއްނު އެއީ އަހަންނާ އަވަލައިގެން އުޅޭ އެއްޗަކަށްވެސް.] ޒަހީނަށް ބުނެވުނީ ޙަޤީޤަތަށެވެ. ޒަހީން މިހެން ބުނުމުން، ރާނިޔާއަށް ތެޅިގަނެވުނެވެ.

[ކިހިނެއްވީ؟ ހާދަ ހާސްވީ! ބިރުގަތީތަ؟] ޒަހީން އެއްސެވެ.

[އޭނ ބިރުގަނޭތަ، ބިރެއްނުގަނޭ. އަހަރެން ބިރުގަންނަން ޖެހޭނީ އަމިއްލަ ނަފްސު ދެކެއެއްނު.] ރާނިޔާ ހިނިތުންވެލިއެވެ.

[ހަމަ ކުރީރޭވެސް ފެނުނީ މިގަޑީގައި. ފުރަތަމަ އަހަންނަށް ފެނުނީ ރާނީގެ ސިފައިގައި....އެކަމަކު.....އޭގެފަހުން އޭނަ ބިރުވެރި ސިފައަކަށް ބަދަލުވިތަން އަހަރެން ދުށިން.] ބިރުގެންފައި ހުރިވަރުން ޒަހީންގެ ނޭވާ ކުރުވިއެވެ.

[މިހާރު ޒަހީނަށް ޔަޤީންތަ؟ އެއީ އަހަރެން ނޫން ކަމަށް.] ރާނިޔާ ބާރަށް ހޭން ފެށިއެވެ. ރާނިޔާ ބޭނުންވީ ޒަހީނާ ސަމާސާކޮށްލާށެވެ.

[އާނ....އަހަންނަށް އެނގޭވިއްޔަ، ރާނީއަށް ސިފަ ބަދަލުނުވެވޭނެކަން. ރާނީއަކީ ޖިންނިއެއްނަމަތާ.] ޒަހީން އޮށޯވެލިއެވެ.

[ކިހިނެއް އަހަންނަކީ ޖިންނިއެއް ނޫންކަން އެނގެނީ.....] ސަމާސާ ގިނަކޮށްގެންވެސް ރާނިޔާ ބޭނުންވަނީ، ޒަހީނަށް އޭނާއާ ދޭތެރޭ ޝައްކުވިޔަނުދޭށެވެ.

[ދެން އެންމެ ރަނގަޅޭ، ތީ ޖިންނިއަކަށްވިޔަސް، އިހަށް އަހަރެން އަރާމުކޮށްލަން ފުރްޞަތުދީ....] ޒަހީން ވާހަކަ ގިނަކުރާކަށް ބޭނުމެއް ނުވިއެވެ.

[މި ކޮފީތަށި ނުބޮއިތަ ނިދަނީ؟] ރާނިޔާ މޭޒުމަތީ ހުރި ކޮފީތަށި ނެގިއެވެ.

[އާނ...މިވަގުތު ނުބޮވޭނެ. ރާނީވެސް އޮށޯވެލާ....] ރާނިޔާ ކޮފީތަށި ހުރިތާ ބެހެއްޓުމަށްފަހު އޮށޯވެލިއެވެ. ޒަހީން އޮތް ގޮތަށް އޮވެ ވިސްނަނީއެވެ. ދާދި ދެންމެއަކު ފެނުނު މަންޒަރާ ދޭތެރޭގައެވެ.

ހެނދުނު ތެދުވެ އޭނާ މަންމަމެނަށް އެރޭގެ ޙާދިޘާ ކިޔައެއްނުދެއެވެ. މަންމަ ރުޅި އަންނާނެކަން އެނގޭތީއެވެ. މެންދަމުގެ ވަގުތުތަކުގައި ބޭރަށް ނުނުކުތުމަށް މަންމަ ވަނީ އޭނާއަށް ނަޞޭޙަތްތެރިވެފައެވެ. އޭނާ އެވާހަކަ ކިޔައިނުދިނީ އެހެންވީމައެވެ.

މިގޮތަށް ދުވަސްތައް ވޭތުވަމުން ގޮސް މަސްތަކަށް ބަދަލުވެ، އަހަރުތައް ގުނަން ފަށައިފިއެވެ. ފާއިތުވާ ކޮންމެ ދުވަހަކީވެސް އާ އިމްތިޙާނުތަކަކާ ޒަހީނަށް ކުރިމަތިލާންޖެހޭ ދުވަސްތަކެކެވެ. އެފަދައިން ރާނިޔާގެ ޙަޔާތަށްވެސްމެއެވެ.

[އޭތް ޝިޒޫ....ކޮންތާކުން...ކޮން ދަބަހެއް....އަހަރެމެންނަށް ނުވެސް އަންގާ ދަތުރު ދިޔައީތަ.] ޝިޒްނީ ދޯނިން ފައިބައިގެން އައިސް ކާރަށް އަރަނިކޮށް ފެނިފައި ރަޝްފާއާއި ލަހުފާ ވާހަކަ ދެއްކިއެވެ.

[އަހަނ.....ރަޝް...ލަހޫ....ވަރަށް ދުވަސް ވެއްޖެދޯ ނުފެންނަތާ....މިއައީ ދައްތަގެ ރަށުގައި ފަސްއަހަރު ކޮށްފައި.] ޝިޒްނީ ގާތުގައި ހުރި ޙަފީޒާ ދައްކާލަމުން ބުންޏެވެ.

[ފަސްއަހަރޭ.....! ކޮންރަށަކު؟...] ރަޝްފާ ގާތަށް ހިނިއައެވެ.

[ކޮބާ މެރީކޮށްފިންތަ؟] ޝިޒްނީ، ރަޝްފާގެ އަތުގައި ހިފެހެއްޓިއެވެ. ރަޝްފާ ހީކުރީ ޝިޒްނީ ސަމާސާ ކުރަނީ ކަމަށެވެ.

[ޝިޒޫ...ކީކޭތަ ތިކިޔަނީ؟] ރަޝްފާއަށް ޝިޒްނީ ކީ އެއްޗެއް ރަނގަޅަކަށް ނޭނގުނެވެ.

[މިކިޔަނީ ރަޝް މެރީކޮށްފިންހޭ؟] ޝިޒްނީ ތަކުރާރު ކުރިއެވެ.

[ނޫނޭ ނުކުރަން. ޝިޒޫވެސް އަދި ނުކުރަމެއްނު.] ރަޝްފާ ހިތުން ޝިޒްނީގެ ސަމާސާގައި ބައިވެރިވިއެވެ.

[އަހަންނަކީ ކައިވެންޏަކަށް އެކަށީގެންވާ މީހެއް ނޫނެއްނު.] ޝިޒްނީއަށް ރޮވުނެވެ.

[ކައިވެންޏަށް އެކަށީގެންނުވާއިރު، ކީއްވެ ޒަހީނާ އިނީ....] ރަޝްފާ އިތުރަށް މަޖާވެލިއެވެ. ޝިޒްނީގެ ލޮލުން އޮހުނު ކަރުނަތައް، ރަޝްފާއަށް ފެނުނީ އެވަގުތުއެވެ.

[އަހަނ ޝިޒޫ ރޮނީތަ؟ ޒަހީން ވަރިކުރީތަ؟] ޝިޒްނީ ރޯން ފެށުމުން، ރަޝްފާ ދެރަވެއްޖެއެވެ.

[ވަރިއޭ....އަހަރެން ޒަހީނަކާ ނީންނަމޭ....] ޝިޒްނީ އިތުރަށް ދެރަވެއްޖެއެވެ.

[ނީންނަމޭ! ދެން ކީއްވެ ކުރީގަ ދޮގުހެދީ. ޝާއިންގެ ބައްޕައަކީ ކާކު؟] ރަޝްފާވެސް ސީރިއަސްވިއެވެ.

[ޝާއިންއޭ އެއީ ކާކު؟] ދެފަރާތުންވެސް ދައްކަނީ ނުގުޅޭ ވާހަކަތަކެކެވެ.

[މިހާރު ޝިޒޫއަށް އަމިއްލަ ދަރިފުޅުވެސް ނޭނގޭވަރުވީތަ؟ ދެން ސަމާސާ ނުކޮށްބަލަ! ކުޑަ ބަނޑޮހުންތަ ތިއައީ. އަހަރެން މިދަނީ މިތާހުރި ގެޔަކަށް. ހެދުމެއް ފައްސަންދީގެން އުޅޭތާ މިހާރު ހަފްތާއެއްވަރު ވެދާނެ. ދެން އިހަށް ގޮސްލާނަމޭ....] ރަޝްފާމެން ހިނގައިގަތެވެ.

ކާރަށް އަރާފައި، ރަޝްފާމެން ދެއްކި ވާހަކަތަކާމެދު ޝިޒްނީ ވިސްނިއެވެ. [އެއީ ކޮން ޝާއިނެއް ހެއްޔެވެ؟ ޔަޤީނެވެ. އަހަރެން ޒަހީނެއްގެ ވާހަކައެއް ދުވަހަކުވެސް ރަޝްމެން ކައިރިއަކު ނުދައްކަމެވެ. އެވާނީ ރަޝް ކުރި ސަމާސާއެއް ކަމަށެވެ. އޭނާ ވަރަށް ލާނެތްވާނެއެވެ.

[ކޮންތަނަކަށްތޯ ދާންވީ؟] ޑްރައިވަރުގެ އަޑުން ޝިޒްނީ ސިހުނެވެ.

[ހ. ރޭއަލިގެއަށް...] ޝިޒްނީ ބުންޏެވެ.

[އެއީ ވަރަށް ނާމާން ހިސާބުގަނޑެއްނު. މިހާރަކަށް އައިސް ކޮންމެ ހަފްތާއަކު މީހަކު އެ ސަރަޙައްދުން މަރާލާފައި އޮއްވާ ފެނޭ. ތި ރޭއަލިގެއިންވެސް އިހަކަށް ދުވަހަކު މީހަކު މަރުވެއްޖެ.] ޝިޒްނީ އެޑްރެސް ބުނުމުން، ޑްރައިވަރު ބުންޏެވެ.

[އޭނ....ކީކޭ؟ އެގެއިންނޭ މީހަކު މަރުވީ. އެ ގެޔަކުން ނުވާނެ. އެއީ ފަޅަށް ހުންނަ ގެއެއް.] ޝިޒްނީ ޙައިރާންވިއެވެ.

[ފަޅަށޭ! އެގޭގައި ކުއްޔަށް އުޅޭ އައްޑުއަތޮޅު ޙަސަން މަނިކު ކިޔާ މީހަކު މަރުވީ. އަލަށްތަ އެގެއަށް ދާން ތިޔަ އުޅެނީ.] ޑްރައިވަރުގެ ވާހަކައިން އެގެއާ ބެހޭގޮތުން ވަރަށްގިނަ މަޢްލޫމާތު ލިބިފައިވާކަން އެނގެއެވެ. ޝިޒްނީ އިތުރަށް ވާހަކައެއް ނުދައްކައެވެ. ޑްރައިވަރުގެ ވާހަކަތަކާމެދު އޭނާ ހިތްހަމަނުޖެހުނީ ކަމަށްވެސް ވެދާނެއެވެ. ގެޔަށް އާދެވުމުން، ފުރަތަމަ ކާރުން ފޭބީ ޝިޒްނީއެވެ.

[ޝިޒޫ އެތެރެއިން މީހަކު ވާހަކަ ދައްކާ އަޑު އެބައިވޭ.]

ޙަފީޒާއަށް ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން، ޝިޒްނީވެސް އެ އަޑަށް ސަމާލުވެލިއެވެ. ތެދެކެވެ. އެތެރެއިން ކުޑަކުއްޖަކު ރޯއަޑުވެސް އިވެއެވެ.

[ކުޑަކުއްޖަކު ރޯއަޑެއްނު އެ އިވެނީ. އަނެއްކާ!] ޝިޒްނީ ދޮރާށި ހުޅުވާލިއެވެ. އޭރުވެސް ކުޑަކުއްޖަކު ރޯއަޑު އިވެމުންދެއެވެ. ބޭރުގައި މީހަކު ފެންނަން ނެތުމުން، ޝިޒްނީ އެތެރެއަށް ވަނެވެ. ބޮޑު ކޮޓަރިއަކުވެސް މީހަކު ނެތެވެ. އެހިސާބުން ކުއްޖަކު ރޯއަޑު އިވެނީ، ޝިޒްނީގެ ކޮޓަރިތެރެއިންކަން ޝިޒްނީއަށް އެނގުނެވެ.

[ދައްތާ ތިޔަތާ އެއްފަރާތެއްގައި އެއްޗެތިތައް ބަހައްޓާ.] ޝިޒްނީ ބޮޑު ކޮޓަރީގެ އެއްފަރާތަކަށް އިޝާރާތް ކޮށްލަމުން އެދުނެވެ.

[އެކަމަކު ޝިޒްނީ ބުނީމެއްނު، މިގެޔަކު އިތުރު ބަޔަކު ނޫޅޭނެ ވާހަކަ....!] ޙަފީޒާގެ ދަރިފުޅު ފުއާދު ވާހަކަ ދެއްކިއެވެ.

[ފުއާދު! އަހަންނަކަށްވެސް ނޭނގެ މިވާގޮތެއް. މިގޭގައި އިތުރު ބަޔަކު އުޅެގެން ނުވާނެ.] ޝިޒްނީ، އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

އެއީ ޒަހީން ކޮޓަރިން ނުކުތް ވަގުތެވެ.

[ޒަހީން....] ޝިޒްނީ ހުއްޓުން އެރިއެވެ.

[މިތިބީ ކޮންބައެއް. ކޮންތާކުން....ދަރިފުޅާ މިކުއްޖާފުޅު ހުއްޓައެއްނުލިއޭ. އަދިވެސް މީނަގެ މަންމައެއް ނާދޭތަ؟] ޒަހީންގެ ޖުމްލަ ފުރިހަމަނުވަނީސް ކޮޓަރިތެރެއިން މަންމަގެ އަޑު އިވުނެވެ.

[ރާނީ ގޮސްބަލަ. މަންމައަކަށް ޝާއިން މައިތިރިއެއް ނުވިޔޭ.] ޒަހީން އެދުނެވެ.

[ކޮން ކުއްޖެއް! ޒަހީން އުޅެނީ މިގޭގަތަ....؟] ޝިޒްނީއަށް މިވާނުވާއެއް ނޭނގުނެވެ.

[އޭތް...ރާނީގެ ޠަބީޢަތު ރަނގަޅުތަ. ދަރިފުޅު އެހާވަރަށް ރޯއިރުވެސް އަދިވެސް ތިހުންނަނީ....؟]

[ރާނީއޭ! ކޮން ރާނީއެއް...ކާކުގެ ދަރިފުޅެއް؟] ޝިޒްނީގެ ހިތުގައި ތަފާތު ސުވާލުތައް އުފެދެމުންދިޔައެވެ.

[ކޮން ރާނީއެއްހޭ؟ ތިއުޅެނީ މިތިބަ މީހުންނަށް އޮޅުވާލަން ކަމަށްތަ؟ ކޮންތާކަށް ގޮއްސާތަ ތިއައީ؟] ޒަހީން އެހިއެވެ. އޭރުވެސް ކުޑަ ދަރިފުޅު ޝާއިން ރުއިން ހުއްޓައެއްނުލައެވެ.

[މިހިރީ އަހަރެންގެ ބޮޑުދައިތަ. އަހަރެން މިއައީ ހއ. ކެލާގައި ހުރެފައި.] ޝިޒްނީ އޭނާގެ ދައްތަ ޒަހީނަށް ތަޢާރަފްކޮށްދިނެވެ.

[ތިޔަ ވާހަކައެއް ނޫނޭ....އަދިވެސް ދާކަށް ނުވޭތަ. އެ ދަރިފުޅު ހުއްޓާ ނުލައިގެނޭ މަންމަ އެއުޅެނީ.] ދަރިފުޅު ރޯއަޑު އިވުމުން ޒަހީން ރުޅިއައެވެ. ޝިޒްނީ ޙަރަކާތް ކުރަން ނޭނގިފައި ހުރީއެވެ.

[ރާނީ....އަދިވެސް....] ދަރިފުޅުގެ ރުއިމުގެ އަޑު އިވުނު އިވުނުހެން ޒަހީންގެ ރުޅި ގަދަވަމުން ދިޔައެވެ. ޒަހީންގެ ރުޅިވެރި މޫނު ފެނުމުން، ޝިޒްނީއަށް ކުރެވުނުހާވެސް ކަމަކީ ރޮވުމެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ.

[ރަނގަޅޭ، ތިއީ ތިކަހަލަ އަންހެނުންގެ ވައްތަރޭ. ޔަޤީނޭ ފޫހިވީކަން. މިހާރު އަހަންނަށް ޔަޤީންނުވެ އޮތް ކަންތައްވެސް ޔަޤީންވެއްޖެ. އާނ މެންދަމުގެ ވަގުތުތަކުގައި، ރާނީ ބޭރަށް ނުކުމެ ކުރާ ކަންތައްވެސް ވިސްނިއްޖެ.] ޒަހީންގެ ރުޅިގަނޑު އިހުނަށްވުރެން ގަދަވިއެވެ. އެއީ ރާނިޔާވެސް އައިސް ގެޔަށް ވަން ވަގުތެވެ. ދޮރުމަތީގައި މަންޒަރު ބަލަން ރާނިޔާ މަޑުކުރިއެވެ.

[ކޮންކަމެއް...ޒަހީނަށް ޔަޤީންވީ....] ޝިޒްނީއަށް ގިސްލެވެން ފެށުނެވެ. އޭރު ދޮރުމަތީގައި ހުރި ރާނިޔާ، އެއްވެސް މީހަކަށް ނުފެނެއެވެ.

[އާނ....ޔަޤީންވެއްޖެ. ރާނިޔާ ކޮންމެ ރެޔަކު ދަންވަރު ކުރާ ކަންތައް ވިސްނިއްޖެ.] ޒަހީން ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. ވާނުވާ ނޭނގި ހުރި ޝިޒްނީއަށް ރޮވެނީއެވެ. ޒަހީން ކޮޓަރިއަށް ވަދެ، ދަރިފުޅު އުރާލައިގެން ވަރަށް އަވަހަށް ނުކުމެއްޖެއެވެ.

[ކޮންކަމެއް ޒަހީނަށް ވިސްނުނު ވާހަކަ....] ޝިޒްނީ ހުއްޓުން އެރިއެވެ.

[ވިސްނުނީ، ރާނީ ކޮންމެ ރެޔަކު ދަނީ ކޮން ތަނަކަށްކަން. އާނ ރާނިޔާ ކޮންމެ ރެޔަކު ދަނީ ކޮންމެވެސް ފިރިހެނެއްގެ ގާތަށް.] ޒަހީން އޭނާގެ ހިތުގައިވާ އެއްޗެއް ފާޅުކޮށްލިއެވެ.

[ޒަހީން...ޒަހީން ތިކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނެޔޭ.] ޙަގީޤަތުގައިވެސް ޝިޒްނީއަށް އެކައްޗެއްވެސް ނުވިސްނެއެވެ.

[އާނ މިހާރަކު ނުވިސްނޭނެ. ރާނިޔާ ތިހުރީ އެ ފިރިހެނެއްގެ އަވައިގައި ޖެހި، ދަރިފުޅާ ފިރިމީހާވެސް އޮޅިފަ. އަހަރެން ދެން ބޭނުމެއް ނޫން، އެންމެ މިނިޓަކުވެސް މިގޭގައި މަޑުކުރާކަށް. އާދޭ މަންމާ...] ޒަހީން ކުޑަކުޑަ ޝާއިން އުރާލައިގެން ހިނގައިގަތެވެ.

[ދަރިފުޅާ ކޮންތާކަށް ތިދަނީ.] އެވަގުތު ގެޔަށް ވަން ޒަހީންގެ ބައްޕަ ރާފިޢު އެހިއެވެ.

[ބައްޕަވެސް އާދޭ....] ޒަހީން ގެއިން ނުކުތެވެ. އޭރުވެސް ދޮރުމަތީގައި ހުރި ރާނިޔާ ހުރިގޮތަށް ހުއްޓެވެ. ޒަހީންގެ އުރުގައި އިން ދަރިފުޅު ޝާއިނަށް ނޫން އިތުރު މީހަކަށް ރާނީއެއް ނުފެނެއެވެ. ޝާއިން ރުއިން ހުއްޓާލީވެސް ރާނީގެ އަޑަށެވެ.

[ޝިޒޫ އެއީ ކޮންބައެއް؟] ޒަހީން ނުކުތުމުން، ޙަފީޒާ ޝިޒްނީގެ ބުރަކަށީގައި ފިރުމާލަމުން އެއްސެވެ.

[ޒަހީން...] ޝިޒްނީ ރޮމުން ވާހަކަ ދެއްކިއެވެ.

[ޒަހީނޭ....އެއީތަ ޒަހީނަކީ؟ ކީއްވެ އެމީހުން މިގޭގައި އުޅެނީ. އޭނަ އެދެއްކީ ކޮން ރާނިޔާއެއްގެ ވާހަކައެއް؟] ޙަފީޒާގެ ހިތުގައި އުފެދުނީ ޝިޒްނީގެ ހިތުގައިވެސް އުފެދެމުން އައި ސުވާލުތަކެވެ.

[ދައްތާ އަހަންނަކަށްވެސް ތިސުވާލުގެ ޖަވާބެއް ނޭނގެ. ހީވަނީ އަހަންނާ ވައްތަރު މީހަކު އުޅެނީހެން.] ޝިޒްނީ ބޭރަށް ނުކުންނަން ހިނގައިގަތެވެ.

[ޝިޒޫ ކޮންތަނަކަށްތަ ތިޔަދަނީ؟] ޝިޒްނީ ހިނގައިގަތުމުން، ޙަފީޒާ އެއްސެވެ.

[ޒަހީން ހުއްޓުވަން. ޒަހީނަށް ވިސްނައިދޭން އަހަރެން ބޭނުން.] ޝިޒްނީ މަގަށް ނުކުތެވެ. އޭރު ޒަހީންމެން ހިނގައްޖެއެވެ. ޝިޒްނީއަށް ޖެހުނީ މާޔޫސްވެގެން އެތެރެއަށް ވަންނާށެވެ. ޝިޒްނީ އެތެރެއަށް ވަންތަނާ، ރަޝްފާއާއި ލަހުފާ އައިސް ވަނެވެ.

[އަހަނ ލަހޫ، ރަޝް....] ލަހުފާމެން ފެނުމުން، ޝިޒްނީ އޭނާގެ ލޮލުގައި ހުރި ކަރުނަތައް ފޮހެލައިފިއެވެ.

[އަހަނ...ޝިޒޫ ރޮނީތަ؟ ބުނެބަލަ މިއަދު ކޮންތަނަކުން އަންނަނިކޮށްތަ އަހަރެމެންނަށް ފެނުނީ؟] ލަހުފާ އެއްސެވެ.

[ހއ. ކެލާއަށް ގޮސްފައި.] ޝިޒްނީ ޖަވާބު ދިނެވެ.

[ކޮންދުވަހަކު ކެލާއަށް ދިޔައީ؟ ފިރިމީހާއާއި ދަރިފުޅު ނުލާތަ ދިޔައީ.] ރަޝްފާ އެއްސެވެ.

[އިއްޔެއަކީ ކެލާއަށް ދިޔަތާ ފަސްއަހަރު ފުރުނު ދުވަސް. ކޮން ފިރިއަކާއި ދަރިފުޅެއްގެ ވާހަކައެއްތަ؟] ޝިޒްނީ ޙައިރާންވިއެވެ.

[ޝިޒޫގެއެއްނު....] ރަޝްފާ ބުންޏެވެ.

[އަހަރެންގެއޭ....ނޫން....] އަނެއްކާވެސް ޝިޒްނީގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.

[ކިހިނެއްވީ؟ ޒަހީން ވަރިކުރީތަ؟] ރަޝްފާއާއި ލަހުފާވެސް ދެރަވެއްޖެއެވެ.

[ކުދިންނޭ ޝިޒްނީ އެދައްކަނީ ތެދު ވާހަކަ. ޝިޒްނީ އަހަރެމެންގެ ރަށުގައި އުޅޭތާ ފަސްއަހަރު ވެއްޖެ. އޭނަ އަދި މީހަކާ ނީނދޭ. ޝިޒްނީއަކީ ބަލި ކުއްޖެއް.] ޙަފީޒާ އޮޅުންފިލުވައިދިނެވެ. އެހެނަސް ޙަފީޒާ ދެއްކި ވާހަކަ ރަޝްފާމެން ޤަބޫލެއް ނުކުރެއެވެ. އެމީހުން ހީކުރަނީ ރާވައިގެން ޝިޒްނީ ސަމާސާއެއް ކުރަނީ ކަމަށެވެ.

[ތިހެންވީއިރު ޢަޖައިބެއްދޯ. މިއީ އަހަރެމެން މިދިޔަ ހަފްތާގައި މިގެޔަށް އައިއިރުވެސް ޝިޒޫ އިނެއްނު.] ލަހުފާ ޤަބޫލެއް ނުކުރިއެވެ. އޭނާޖެހީ ޖޯކެކެވެ.

[ތީވެދާނެއެއްނު، އަހަންނާ ވައްތަރު އެހެން މީހަކު އުޅެނީ ކަމަށްވެސް.] އެއީ ޝިޒްނީ ލަފާކުރިގޮތެވެ.

[އެކަމަކު ހާދަ ޤަބޫލު ނުކުރެވެޔޭ....ދެން ކީއްވެ ޒަހީން މިގޭގައި އުޅެންވީ؟] ރަޝްފާމެނަށް ޤަބޫލުކުރަން ދަތިވިއެވެ.

[ގައިމު ޝިޒޫ ދިޔައިމެއްނު، ރަޝްފާމެން ކައިވެނި ޕާޓީއަށްވެސް.] ލަހުފާ ކަމެއް ހަނދާންވާ ކަހަލަ ގޮތަކަށް ބުންޏެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން