މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު
މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު
ސިޔާސީ މަސައްކަތްތަކުގައި އުޅޭއިރު، ވާދަވެރިންގެ ސަބަބުން އުނދަގޫތަކާއި ދުއްތުރާ ދިމާވުމަކީ ތަބީއީ ކަމެއް ކަމަށް ވިދާޅުވެ، އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު އިންކާރު ކުރަށްވައިފިއެވެ.

މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ އަޑި ޕާކް ގެ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލައިގައި މޭޔަރ ސިފާ މުޙައްމަދުގެ މައްޗަށް ދައުވާކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އެ މައްސަލާގައި ސިފާގެ މައްޗަށް ކުރަނީ މަޤާމުގެ ބޭނުންކޮށްގެން ނާޖައިޒް ފައިދާއެއް ހޯދައިދިނުމުގެ ތުހުމަތެވެ.

އެކަމާ ގުޅިގެން ސިފާ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ މާލޭ ސިޓީ މޭޔަރުގެ ޙައިސިއްޔަތުން މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ އެ ރައްޔިތުންގެ މުދަލާމެދު، އެއްވެސް އިރެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އެ މައްސަލައަކީ ސިޔާސީ ވާދަވެރި ފަރާތްތަކެއް ފަހަތުގައި ތިބެގެން ކުރާ ކަމެއް ކަމަށާއި، އެކަމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރައްވާ ތަޙްޤީޤުތަކަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ސިފާގެ ބަޔާނުގައި ވެއެވެ.

ސިފާ ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި އުޅޭއިރު، ވާދަވެރިންގެ ސަބަބުން އުނދަގޫތަކާއި ދުއްތުރާ ދިމާވުމަކީ ތަބީއީ ކަމެއް ކަމަށެވެ. އަދި އޭނާ އަކީ އަންހެނަކަށް ވުމުން ވާދަވެރީންނާއި ހަސަދަވެރީންގެ ފަރާތުން ކުރިމަތިވާ އުނދަގުލާއި ދުއްތުރާތަކާއި ކުރިމަތިލާންޖެހެނީ އެކަނި ކަމަށާއި، ނަމަވެސް، ސިޔާސީ ހަޔާތުގައި މިހާ ހިސާބަށްވެސް އައީ ހިތްވަރާއި އަޒުމާއެކު ލޭކޮށެވިގެން ކަމަށް ސިފާ ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހުރިހައި މަރުހަލާއެއްގައިވެސް އޭނާގެ މައުސޫމްކަން ސާބިތުކޮށްދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި، މި ތުހުމަތަކީ ސިލްސިލާކޮށް އޭނާއަށް އަންނަމުން ދިޔަ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ބަޔަކު އެފަދަ ކަމެއް ކުރާނީ، އެކަން ޙާޞިލުވެއްޖެނަމަ، އެބަޔަކަށް އެކަމުން މަންފާއެއް އޮތުމުން ކަން ރައްޔިތުންނަށް ސާފުވާނެކަމަށާއި، އެފަރާތްތަކުން ޙާޞިލުކުރަންއުޅޭ ކަންކަމަށް އެޅިފައިވާ ހުރަހަކަށް އޭނާ ވެފައިވާތީ، އެފަރާތްތަކުގެ ފިސްތޯލަ މީޒާންވެފައި އޮތީ އެކަމަނާއާއި ދިމާލަށްކަމަށް މައްސަލާގައި ސިފާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ ގަޔަށް ވަޒަނެއް އެރިޔަސް އަޅުގަނޑުގެ އުއްމީދަކީ، މާލެ ސިޓީ ކައުންސިލް އިން މިހާރު ކުރަމުން އަންނަ މުހިއްމު މަސައްކަތްތައް، އަދި މި ކައުންސިލް އާއި މަތިވެފައިވާ އަމާނާތްތައް، ތެދުވެރިކަމާއެކު އަންނަން އޮތް ކައުންސިލް އަކާއި ޙަވާލުކުރުމެވެ." ސިފާގެ ބަޔާނުގައިވެއެވެ.

ސިފާ ވިދާޅުވީ، ލޮނުޒިޔާރަތްކޮޅު ޕާކުގައި ކުރިއަށްދާ މަޝްރޫޢަކީ ރައީސް އޮފީހާއި ޕްލޭނިންގ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން، ޚާއްޞަ ސަމާލުކަމެއް ދީގެން ރައްޔިތުންނަށް ކޮށްދެއްވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލާއި، އެސިޓީގެ މޭޔަރެއްގެ ޙައިސިއްޔަތުން އެމަސައްކަތް ކޮށްފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ޙާޞިލުކުރުމުގެ ނިޔަތެއްގައިކަމަށް ސިފާ ވިދާޅުވި އެވެ. ނަމަވެސް، އެކަން ވިޔަނުދޭން އުޅޭ ބަޔަކު، އެކި ގޮތްގޮތުން އެމަސައްކަތަށް ހުރަސް އަޅަމުން އައިސްފައިވާކަމަށާއި، ބޭނުމަކީ ކައުންސިލަށް ކަމެއް ނުވާ ކަން ދެއްކުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން