ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް
ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ލޯކަލް ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެތައް ރަށެއްގައި ސޮއިކޮށްފައިވާ މިސްކިތްތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ މަޝްރޫއުތައް ނުފެށިގެން އުޅެނީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.

ނަމަވެސް ކައުންސިލްތައް ދިފާއު ކުރައްވައި މޭޔަރު އާތިފް ވިދާޅުވީ، ރައީސް އެފަދަ ވާހަކަފުޅެއް ދައްކަވަނީ ރައީސަށް އަމިއްލަފުޅު ބާރުތައް ނޭނގުމުން ނުވަތަ ވަޒީރުން ދެއްވާ ނުބައި މައުލޫމާތެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ ހަގީގަތް އެނގިހުރެ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަވާ ވާހަކައެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އާތިފް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ރަށެއްގެ ކައުންސިލަކުން އެ ރަށަކަށް އަންނަ ތަރައްގީ ހުއްޓުވާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

އޭގެ ބަދަލުގައި ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމުގެ ކިތާބީ ހެކި އެބަހުރި ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށީގައި އަޅަން ނިންމި 150 ހައުސިން ޔުނިޓާއި، އޮޑި ހަރުގެ އެޅުމަށާއި އިގުތިސާދީ ކަންކަމަށް ބިން ދޫކުރުމާއި، ތެލާއި ގޭހުގެ ވިޔަފާރި ފަދަ ކަންކަން ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ފަށަން އުޅުނު ޕްރީ-ސްކޫލް ހިދުމަތާއި، މިސްކިތު ޓްރަސްޓް ފަންޑާއި، މުވައްޒަފުން ނެގުން ފަދަ ކަންކަމަށް ވެސް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް ވިދާޅުވެ، ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލާތީ މޭޔަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު