މޫސާ އަލީ ޖަލީލް
މޫސާ އަލީ ޖަލީލް
ގައުމަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި އިއްޒަތްތެރިން، ސިޔާސީ ކަސްތޮޅުތަކުގެ ތެރެއަށް ވަދެ، އަމިއްލަ އަގު ވައްޓާލުމަކީ މިއަދު ގައުމު ދެކެން ޖެހިފައިވާ ހިތާމަވެރި މަންޒަރެކެވެ. ކުރިއަށް އޮތް މާލޭ ސިޓީގެ މޭޔަރު އިންތިޚާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލު ނެރުމަކީ، ސަރުކާރުން އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ގައުމީ ބޭފުޅުންގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާހަގަކުރެއްވި ފަދައިން، ސިފައިންގެ ތެރޭގައި ޚިދުމަތްތަކެއް ކުރެއްވި ނަމަވެސް، ޖަލީލުގެ ހަގީގީ މިޒާޖު ފެންނަނީ ޔުނީފޯމުން ބޭރުން ކަމަށްވާއިރު، ރައްޔިތުންނަށް ނިކަމެތިކަން ޖައްސަމުންދާ ސަރުކާރަކާ ގުޅިގެން އޭނާ ނުކުންނެވުމަކީ އަމިއްލަ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެންދާނެ ކަމެކެވެ.

ސިފައިންގެ އަހްލާގަކީ ނުބައި ކަންކަމަށް "ނޯ ސާ" ބުނުމުގެ ހިތްވަރު ހުރުން ކަމަށްވީ ނަމަވެސް، މޫސާ އަލީ ޖަލީލުގެ ފަރާތުން ފެންނަނީ ސިޔާސީ ބާރުވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާ މަންޒަރު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް، ރައީސް ނަޝީދުގެ ވެރިކަމުގައި ޖަލީލު އަދާކުރެއްވި ދައުރަށް ބަލާއިރު، އޭނާއަށް ތައުރީފު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ޔާމީން ވިދާޅުވުމަކީ ސަރުކާރުން މިފަދަ ބޭފުޅަކު އިސްކުރުމުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެކެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު ނެތުމުން، ކުރީގެ މަޝްހޫރު ބޭފުޅުން ނެރެގެން ވޯޓަށް "ސަލާންޖެހުން" ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ ސިފަކުރައްވާފައެވެ.

މި ސަރުކާރުގެ ހިތްހަމަނުޖެހުންތަކާއި، ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ފޮރުވުމަށްޓަކައި ޖަލީލު ފަދަ "ލޫޒް" ބޭފުޅުން ސިޔާސީ މައިދާނަށް ނެރުމަކީ ގައުމީ ފެންވަރުގައި ހިތާމަހުރި ކަމެކެވެ.

ސަރުކާރުގެ މި އަމަލުން ހާމަވަނީ، ގައުމުގެ މުސްތަގުބަލަށްވުރެ ބޮޑަށް، އިންތިޚާބީ ކާމިޔާބީއަށްޓަކައި ކޮންމެ ފަދަ ބޭފުޅަކުވެސް ސިޔާސީ ހަތިޔާރަކަށް ހަދަން ސަރުކާރުން ފަސްނުޖެހޭނެ ކަމެވެ. ރައްޔިތުންގެ ކުރިމަތީގައި އަމިއްލަ އަގު ވައްޓާލައިގެން ސަރުކާރުގެ ދިފާއުގައި ނުކުންނަ ކޮންމެ މީހަކީ، ގައުމީ ޚިދުމަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރާ މީހެއްގެ ގޮތުގައި މިއަދު ދަނީ ސިފަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު