އަލީ ހުސައިން-
އަލީ ހުސައިން-
ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ބާރުތައް އެއްކުރުމުގައި ހައްދުން ނައްޓާފައި ހުރި ބޭފުޅެއް ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާއަކުން ގެނެސްދޭ ޕްރޮގްރާމެއްގައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އަލީ ހުސައިން ވިދާޅުވީ މިހާރު ގައުމުގެ ހާލަތަށް ބަލައި، ކަންކަން ހިނގާ ގޮތް ވަޒަން ކޮށް، ގައުމުގެ މުސްތަގުބަލާމެދު ވިސްނާނަމަ، މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ހަނި ކުރަން ޖެހޭ ކަމަށެވެ. 

އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ 5 އަހަރަށް ރައްޔިތުން އިންތިޚާބު ކުރާ މަގާމެއް ކަމަށާއި، އެއީ ރަސްގެފާނެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބައެއް މީހުންނަށް އެއީ ރަސްކަލެއް ކަމަށް ސިފަވާ ކަމަށާއި، ނަމަވެސް އެއީ 5 އަހަރު ދުވަހުގެ ވަޒީފާ އެއް އަދާ ކުރާ ބޭފުޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ޑިމޮކްރަސީއެއްކަން ފާހަގަކުރަމުން އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވާ ބޭފުޅަކަށް ބޭނުން ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ ކަންކަން ގޯސްކޮށް ކުރާނަމަ މަގާމުން ދުރުކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަލީ ހުސައިން ވިދާޅުވީ ވެރިކަމުގައި މިހާރު ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ބާރުތައް އެއް ކުރުމުގައި މިހާރު ހައްދުން ނައްޓާފައިވާ ބޭފުޅެއް ކަމުގައެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަނީ ވެސް އެ މަގުސަދުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ބާރުތައް ވަކިވެފައިވާ ރައްޔިތުން އެދޭ ސުލްހަވެރި ގައުމެއް ބޭނުންވާ ކަމަށްވާނަމަ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބާއްވައިގެން ނުވާނެ ކަމަށެވެ.

އަދި މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ ރިޔާސީ އިންތިޚާބާ ދުރުގައި ކަމަށާއި، މަޖިލިސް އިންތިޚާބު ވާން ޖެހޭނީ މިޑްޓާމް އިލެކްޝަން އަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު