އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ
އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ
މި އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކައުންސިލް އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓުންނަށް ވަޒީފާގެ ބިރު ދެއްކުމާއި، ވަޒީފާ ނެތް މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހުށަހަޅައިގެން ޕްރައިމަރީގެ ނަތީޖާއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިއީ ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްތައް ހިންގުމަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ޣަފޫރު ތުހުމަތު ކުރަށްވާފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގެ ތާރީޚަށް އަލިއަޅުއްވާ ލައްވަމުން ޣަފޫރު ވިދާޅުވީ، ރަށްތަކަށް ބޭނުންވާ ބާރުވެރިކަމާއި ތަރައްގީ ލިބެން ފެށީ އެމްޑީޕީން ގެނައި އިސްލާހީ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، ކުރީގެ ޕީޕީއެމް ސަރުކާރުގައި ފެނުނު ފަދައިން، މި ސަރުކާރުންވެސް ކައުންސިލްތައް ބާރުވެރިކުރުވުމަށް އެމްޑީޕީން ކުރާ ކޮންމެ މަސައްކަތަކަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީ ސަރުކާރުން ކައުންސިލްތަކަށް ދިން އަހަންމިއްޔަތުކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ، ރާއްޖޭގެ 5 ސިޓީއަކަށާއި 180 ރަށަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޫކޮށްފައިވާނޭ ކަމަށެވެ. ހަމައެއާއެކު މަރުކަޒީ ސަރުކާރަށް ވުރެ ބޮޑަށް، ރައްޔިތުންނާ ގާތުން ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ކައުންސިލްތަކުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ޣަފޫރު ވިދާޅުވީ، ގައުމީ ޔުނިވާސިޓީން 2024 ވަނަ އަހަރު ކުރި ދިރާސާއަކުން ވެސް ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަޖެހެނީ ކައުންސިލްތަކުންދޭ ހިދުމަތްތަކަށްކަން ސާފުވާ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ކައުންސިލްތައް ބާރުވެރިކޮށް، އެތަންތަނަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ވިދާޅުވެ، މި މަހު ބާއްވާ އެމްޑީޕީގެ ޕްރައިމެރީއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު