ކޮފީ މޭޒެއްގައި އެކުވެރިން-
ކޮފީ މޭޒެއްގައި އެކުވެރިން-
ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލަށް ބަލާއިރު، މުވައްޒަފުން މަސައްކަތުގެ ގަޑީގައާއި އަދި މަސައްކަތް ނިންމުމަށްފަހު ކޮފީ މޭޒުތަކުގައި ގިނަ ވަގުތު ހޭދަކުރުމަކީ މިހާރު އާންމު ސަގާފަތަކަށް ވަނީ ވެފައެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިއީ ވަގުތު ބޭކާރުކުރުމެވެ. އެހެންނަމަވެސް މިކަމުގެ ފަހަތުގައި ނަފްސާނީ އަދި އިޖުތިމާއީ ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ.

މުވައްޒަފުން ކޮފީތަކުގައި ގިނަ ވަގުތު ހޭދަކުރާ އެންމެ މުހިންމު އެއް ސަބަބަކީ މަސައްކަތުގެ މާހައުލުން ލިބޭ ފިއްތުންތަކާއި ސްޓްރެސްއިން ދުރުވެލުމެވެ. އޮފީހުގެ ހަތަރު ފާރުގެ ތެރޭގައި އެތައް ގަޑިއިރަކު މަސައްކަތް ކުރުމުން ސިކުނޑިއަށް ވަރުބަލިކަން ލިބެއެވެ. ކޮފީއަކަށް ދިއުމަކީ މާހައުލު ބަދަލުކޮށްލުމަށް ލިބޭ ފުރުސަތެކެވެ. މީގެ ސަބަބުން ސިކުނޑި ތާޒާވެ، އަލުން މަސައްކަތަށް އެނބުރި އަންނައިރު އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވެއެވެ.

މިގޮތަށް ކޮފީތަކަށް ދިއުމުގެ އަނެއް ސަބަބަކީ މުވައްޒަފުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމެވެ. އޮފީހުގެ ރަސްމީ މާހައުލުގައި ދެކެވޭ ވާހަކަތަކަށްވުރެ، ކޮފީ މޭޒެއްގެ ދޮށުގައި ތިބެގެން ދެކެވޭ ނުރަސްމީ ވާހަކަތަކުން މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އިތުބާރު ބޮޑުވެއެވެ. މިއީ "ޓީމް ބިލްޑިންގ" ނުވަތަ ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ވަގުތެކެވެ. ގިނަ ފަހަރަށް އޮފީހުގައި ދިމާވާ މައްސަލަތަކުގެ ހައްލުވެސް ހޯދެނީ މިފަދަ ނުރަސްމީ ބައްދަލުވުންތަކުގެ ތެރެއިންނެވެ.

މީގެ އިތުރުން، ކޮފީ މޭޒުތަކަކީ މިހާރު "ނެޓްވޯކިންގ" ނުވަތަ މަސައްކަތުގެ ދާއިރާގެ ގުޅުންތައް ބަދަހިކުރާ މަރުކަޒުތަކެކެވެ. ތަފާތު ދާއިރާތަކުގެ މީހުންނާ ބައްދަލުވެ، އައު މައުލޫމާތާއި ފުރުސަތުތައް ހޯދުމަށް ކޮފީ މޭޒަކީ އެންމެ އެކަށީގެންވާ ތަނެވެ. ވަޒީފާގެ ކުރިއެރުމަށާއި، ވިޔަފާރީގެ އައު ހިޔާލުތައް ބަދަލުކުރުމަށް ކޮފީއަކަށް ދިއުމަކީ މިހާރުގެ ޒަމާނީ މަސައްކަތުގެ އުސޫލުގެ ތެރެއިން މުހިންމު ބަޔަކަށް ވަނީ ވެފައެވެ.

މުވައްޒަފުން ކޮފީތަކުގައި ހޭދަކުރާ ވަގުތަކީ ހަމައެކަނި ކަންނެތްކަމުން ހޭދަކުރާ ވަގުތެއް ނޫނެވެ. އެއީ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ގުޅުންތައް ބަދަހިކުރުމަށާއި، އަދި އަމިއްލަ ނަފްސުގެ ހަމަޖެހުމަށްޓަކައި ހޯދާ ވަގުތުކޮޅެކެވެ. ނަމަވެސް މިކަމުގައި މުހިންމީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މަސައްކަތުގެ ޒިންމާތަކަށް ބުރޫނާރާނެހެން ވަގުތު ބެލެހެއްޓުމެވެ.



ކިޔުންތެރިންގެ ހިޔާލު