ސަން ގްރޫޕްގެ ވެރިޔާ ސަންސިޔާމް
ސަން ގްރޫޕްގެ ވެރިޔާ ސަންސިޔާމް
ސަން ސިޔާމް ގްރޫޕުގެ މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާއިން ދޭން އެކުންފުނިން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށްދޭ ސާވިސް ޗާޖު މި ޖެނުއަރީން ފެށިގެން ރުފިޔާއިން ދޭން ނިންމައި އެކަން މިހާރު ދަނީ މުވައްޒަފުންނަށް އަންގަމުންނެވެ. މިއީ ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން އެކުންފުންޏަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށްވެއެވެ.

ސަންސިޔާމް ގްރޫޕުން މުވައްޒަފުންގެ މުސާރަ މިހާރުވެސް ދެނީ ޑޮލަރުންނެވެ. އެ ގްރޫޕުން ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ކުރިމަތިވަމުންދާ ހުރަސްތަކާ ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުންވެސް އެކަށީގެންވާ ޙައްލެއް ހޯދިފައި ނުވާ ކަމަށެވެ.

5000 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ ސަން ސިޔާމް ގްރޫޕުން މުއައްޒަފުން ފޮނުވި މެމޯ ގައި ވަނީ، ޖެނުއަރީ 1، 2026 އިން ފެށިގެން އެ ގްރޫޕުގެ ހުރިހާ ރިސޯޓުތަކެއްގެ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ސާވިސް ޗާޖު ބަހާނީ ދިވެހި ރުފިޔާއިން ކަމަށާއި، މިއީ ކުންފުނީގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދަށް މިސަރުކާރުން ގެނައި ބަދަލުތަކާއެކު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޓޫރިޒަމް ވިޔަފާރިތަކަށް ކޮންމެ މަހެއްގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު ނުވަތަ އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މަގުން މާރުކުރަން ވަނީ، މަޖުބޫރުކޮށްފައެވެ.

ސަން ސިޔާމް ގްރޫޕުގެ މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާއިން ދޭން އެކުންފުނިން ނިންމައިފައިވާއިރު، 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކްރައުން އެންޑް ޗަމްޕާ ކޮމްޕެނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް މި ޖެނުއަރީ މަހުން ފެށިގެން ޑޮލަރުން މުސާރަ ދޭން ވަނީ ފަށައިފައެވެ.

ޑޮލަރުގެ ތާށިކަމާހުރެ ރާއްޖޭގެ ކަޅުބާޒާރުގައި މިވަގުތު ޑޮލަރެއްގެ އަގުހުރީ 20 ރުފިޔާއިން މަތީގައެވެ،



ކިޔުންތެރިންގެ ހިޔާލު