އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
އަންނަ އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މާދަމާ އޮންނާތީ، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ޕާޓީގެ މެންބަރުންނަށް މުހިންމު އިލްތިމާސްތަކެއް ކުރަށްވައިފިއެވެ.

މީސްމީޑިއާ މެދުވެރިކޮށް މިއަދު ދެއްވި ދޮޅު މިނެޓުގެ ވީޑިއޯ މެސެޖެއްގައި ޝާހިދު ވަނީ، ޕާޓީގެ ހުރިހާ މެންބަރުން މާދަމާ އޮންނަ ވޯޓުގައި ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި ވޯޓުގެ ކަންތައްތައް އޮމާންކަމާއި ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ވެސް އެމަނިކުފާނު ބާރު އަޅުއްވާފައިވެއެވެ.

ޝާހިދު ވަނީ ޕްރައިމަރީއަށްފަހު ޕާޓީގެ އެތެރޭގެ ބަދަހިކަން ދެމެހެއްޓުމަށް އިލްތިމާސް ކުރަށްވާފައެވެ.

"އަޅުގަނޑު އެދެނީ ޕްރައިމަރީ ކާމިޔާބު ކުރަށްވާ ބޭފުޅުންނާއެކު ޕްރައިމަރީގައި ވާދަ ކުރެއްވި ހުރިހާ ބޭފުޅުން އަދި އެ ބޭފުޅުންގެ ޓީމުތައް ހިމެނިގެން އެކުގައި ނުކުމެ މިއިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް." ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު އޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، މި ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މިއަދު ބުނަމުންދަނީ ގައުމު ގޮސްފައިވާ ނުރައްކާތެރި ހާލަތުގެ ވާހަކަ ކަމަށެވެ.

"ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ ބިންގަލެއްގެ މައްޗަށް ބިނާކޮށްފައިވާ ސަރުކާރު ބަލިކޮށްލުން އެއީ އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައިވާ ކަމެއް." ޝާހިދު ވިދާޅުވިއެވެ.



އޭގެ އިތުރުން ޝާހިދު ވިދާޅުވީ، ސަރުކާރު ބަލިކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުން ގުޅިގެން ނުކުންނަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ އެދިލައްވާފައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީއަކީ މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އިންތިޚާބެކެވެ. މި އިންތިޚާބުގައި ސާދަހާހެއްހާ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އެމްޑީޕީން ހާމަކޮށްފައިވެއެވެ.

އިންތިޚާބުގެ ވޯޓުލުން ފެށޭނީ މާދަމާ މެންދުރުފަހު 14:00 ގައެވެ.



ކިޔުންތެރިންގެ ހިޔާލު