ބީ 2 ބޮންމަރ
ބީ 2 ބޮންމަރ
ބީ-2 ސްޕިރިޓް ސްޓެލްތް ބޮމާ އަކީ ޒަމާނީ އިންޖިނިއަރިންގެ ކާރިސާއެއްގެ ގޮތުގައި ބެލެވޭ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް މަތިންދާބޯޓެވެ. ނޯތްރޮޕް ގްރުމަން އިން މި ބޯޓު އުފެއްދުމަށްޓަކައި ބޭނުންވާ ހުރިހާ ސާމާނެއް އަމިއްލައަށް އީޖާދުކުރަން ޖެހުނެވެ. މީގެ ތެރޭގައި ހާއްސަ އާލާތްތަކާއި، ސޮފްޓްވެއާ ލެބޯޓްރީތަކާއި، ކޮމްޕޮސިޓް މެޓީރިއަލްތަކުގެ އިތުރުން 3ޑީ މޮޑެލިން އަދި ކޮމްޕިއުޓަރު ސިސްޓަމްތައް ހިމެނެއެވެ. މި އީޖާދުތަކުގެ ސަބަބުން މި ބޯޓު ވެފައިވަނީ ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަމާއި، ރާޑަރަށް ނުފެންނަ 'ސްޓެލްތް' ޓެކްނޮލޮޖީ އަދި ގިނަ އަދަދެއްގެ ހަތިޔާރު އުފުލުމުގެ ގާބިލުކަން އެއް މަރުހަލާއެއްގައި ފޯރުކޮށްދޭ ހަމައެކަނި ބޯޓަށެވެ.

އެމެރިކާއިން ކުރާ ހަނގުރާމަތަކުގެ އެންމެ ކުރީ ސަފުގައި ބީ-2 ބޭނުންކުރެވެއެވެ. ސާބިއާ، އަފްޣާނިސްތާން، އިރާގު އަދި ލީބިޔާ ފަދަ ގައުމުތަކުގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކުގެ ފުރަތަމަ ރޭ ހަނގުރާމައިގެ މައިދާނަށް ނުކުމެފައިވަނީ މި ބޯޓެވެ. ބީ-2 ގެ ފުރަތަމަ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އޮޕަރޭޝަން އެލައިޑް ފޯސްގައި، އެމެރިކާގެ މިސޫރީން ފުރައިގެން ކޮސޯވޯއަށް 31 ގަޑިއިރަށްވުރެ ގިނަ އިރު އުދުހި، އަމާޒުތަކަށް ހަމަލާދިނުމަށްފަހު އެނބުރި ދިއުމެވެ. މި ހަނގުރާމައިގެ ފުރަތަމަ އަށް ހަފުތާގައި، މި ބޯޓުތައް އުދުހުނީ މުޅި މިޝަންގެ އެންމެ 1 އިންސައްތައަށްވުރެ ވެސް މަދު މިންވަރަކަށް ނަމަވެސް، ދީފައިވާ އަމާޒުތަކުގެ 33 އިންސައްތަ ސުންނާފަތިކޮށްލާފައިވެއެވެ.

އަސްކަރީ ތާރީޚުގައި އެންމެ ގިނަ ވަގުތު އުދުހިގެން ހަމަލާދިނުމުގެ ރެކޯޑު ވެސް އޮތީ ބީ-2 އަތުގައެވެ. 2001 ވަނަ އަހަރު އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގައި، 'ސްޕިރިޓް އޮފް އެމެރިކާ' ބޯޓު ވަނީ މެދުނުކެނޑި 44 ގަޑިއިރުގެ މިޝަނެއް ފުރިހަމަކޮށްފައެވެ. މި ދަތުރުގައި ބޯޓުގެ އިންޖީނު ނުނިވާ ބަހައްޓައިގެން، އެންމެ 45 މިނެޓުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރޫއިން ބަދަލުކޮށް، ސާވިސް ކުރުމަށްފަހު އަނެއްކާވެސް 30 ގަޑިއިރުގެ ދަތުރަކަށްފަހު އެނބުރި މިސޫރީއަށް ގޮސްފައިވެއެވެ. މިއާއެކު މި ބޯޓު ވަނީ ޖުމްލަ 70 ގަޑިއިރަށްވުރެ ގިނަ ވަގުތު ހުއްޓުމެއްނެތް މިޝަނެއްގައި ހޭދަކޮށްފައެވެ.

ހަނގުރާމައިގެ މައިދާނުގެ އިތުރުން، ބީ-2 އަކީ ހޮލީވުޑްގެ ފިލްމުތަކުގައި ވެސް ވަރަށް މަޝްހޫރު ބޯޓެކެވެ. އޭގެ ހާއްސަ ބައްޓަމުގެ ސަބަބުން 'އިންޑިޕެންޑެންސް ޑޭ'، 'އާމަގެޑަން' އަދި 'ކެޕްޓަން މާވަލް' ފަދަ މަޝްހޫރު ފިލްމުތަކުން މި ބޯޓު ފެނިގެން ގޮސްފައިވެއެވެ. މިހާރުވެސް ނޯތްރޮޕް ގްރުމަން އިން ދަނީ މި ބޯޓުގެ ސޮފްޓްވެއާ އަދި އެހެނިހެން ސިސްޓަމްތައް އަޕްގްރޭޑްކޮށް، ބޯޓުގެ ބޭރުގެ ފަށަލަ މަރާމާތުކޮށް އާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ބޯޓުގެ ސައިޒަށް ބަލާއިރު، މިއީ 69 ފޫޓު ދިގު، 17 ފޫޓު އުސް އަދި 172 ފޫޓުގެ ފިޔަގަނޑެއް (ވިންގްސްޕޭން) ހިމެނޭ ބޯޓެކެވެ. ބީ-2 އަށް 50,000 ފޫޓަށްވުރެ މަތިން އުދުހުމުގެ ގާބިލުކަން ލިބިފައިވާއިރު، ތެޔޮ ނާޅާ 6,000 ނޯޓިކަލް މައިލްގެ ރާސްތާއަކަށް ދަތުރުކުރެވެއެވެ. އަދި އެއްފަހަރު ތެޔޮ އަޅައިގެން 10,000 ނޯޓިކަލް މައިލްގެ ދުރުމިނަށް ދަތުރުކުރުމުގެ ގާބިލުކަން ހުރުމުން، ދުނިޔޭގެ ކޮންމެ ތަނަކަށް ވެސް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ވާސިލުވެ، 20 ޓަނުގެ ހަތިޔާރު އުފުލުމުގެ ބާރު މި ބޯޓަށް ލިބިގެންވެއެވެ.



ކިޔުންތެރިންގެ ހިޔާލު