ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، ހަދީޖާ މުހައްމަދު (ހައްޖަ) ކާމިޔާބު ކޮށްފިއެވެ.

ހުކުރު ދުވަހު ބޭއްވި މި އިންތިޚާބުގައި ހައްޖަ ވާދަކޮށްފައިވަނީ އެ ދާއިރާގެ މިހާރުގެވެސް ކައުންސިލް މެންބަރު މުހައްމަދު ސައިފް ފާތިހު (އައިއްކޮ) އާއެވެ.

މި ޕްރައިމަރީގައި ހައްޖަ ވަނީ 85 ވޯޓު ހޯދައި، ބޮޑު ތަފާތަކުން އައިއްކޮގެ މައްޗަށް ކުރި ހޯދާފައެވެ. މި އިންތިޚާބުގައި އައިއްކޮއަށް ލިބިފައިވަނީ 32 ވޯޓެވެ. ނަތީޖާއަށްފަހު އައިއްކޮ ވަނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ދައްކަވައި، ޕްރައިމަރީގެ ވާދަވެރިކަން އެކަހެރިކޮށް ހައްޖައަށް މަރުހަބާ ވިދާޅުވެފައެވެ.

އައިއްކޮއަކީ މީގެ ކުރިންވެސް އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާގެ މެންބަރުކަމަށް ހޮވުނު ކައުންސިލަރެވެ. ނަމަވެސް އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޑިމޮކްރެޓްސްއާ ގުޅުމަށްފަހު، އޭނާ ވަނީ ފަހުން އަލުން އެމްޑީޕީއާ ގުޅިފައެވެ.

ޕްރައިމަރީގެ ނަތީޖާއަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީގެ ހުރިހާ މެންބަރުން އެކަތިގަނޑަކަށްވެ، މޮޅުވި ކެންޑިޑޭޓުންގެ ފަހަތަށް އެރުމަށް ގޮވާލައްވާފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ހުރިހާ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ރައީސުން ވަނީ ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު